އޮތީ ދެގޮތް، އެއީ އަގުބޮޑުކުރުން ނޫނީ ޓެކްސީ ނުކުރުން: ޑްރައިވަރުން

ޓެކްސީއަކަށް ފޮށިގަނޑެއް އަރުވަނީ-- ސަން ފައިލް ފޮޓޯ

ޓެކްސީގެ އަގުތަކާމެދު ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމައިފިނަމަ، ބުރާސްފަތި ދުވަހުން ފެށިގެން ޚިދުމަތުގެ އަގު ބޮޑުކޮށް ދަތުރު ކުރާނީ ކަމަށާއި، އެހެންނޫން ނަމަ ޓެކްސީ ދަތުރުތައް ވަގުތީގޮތުން ނަމަވެސް ހުއްޓާލާނީ ކަމަށް ޓެކްސީ ޑްރައިވަރުން ބުނެފިއެވެ.

ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރުމަށް ޓެކްސީ ސެންޓަރުތަކުން ވަނީ އަމިއްލައަށް ނިންމާފައެވެ.

ޓެކްސީ ޑްރައިވަރުންގެ މަސްލަހަތާ ގުޅުންހުރި އިސްލާހީ މަސައްކަތުގައި އުޅޭ އެންމެ އިސް ފަރާތް ކަމުގައިވާ އަޙްމަދު ޝަމާލް "ސަން" އަށް ބުނީ، ޓްރާންސްޕޯޓް މިނިސްޓްރީއަށް ހުށަހެޅި ފަސް ދުވަސް ތެރޭގައި ސަރުކާރާއި ޓްރާންސްޕޯޓް މިނިސްޓްރީއާ މަޝްވަރާ ކުރުމަށްފަހު، ރަނގަޅު ނިންމުނެއް ނިންމާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނާ ހަވާލާދީ ނެރެފައި ހުރި ގަވާއިދުތަކާއި ސާކިއުލާ ތަކާއި އިއުލާނުތަކަށް ބަލައިފިނަމަ، ޓްރާންސްޕޯޓް މިނިސްޓްރީން މިވަގުތު ކަނޑައަޅާފަ ހުރި އަގުތަކަށް ވުރެ އިތުރަށް ރުފިޔާ ނަގާ ޝަކުވާއަކާ ގުޅިގެން ޑްރައިވަރުން ޖޫރިމަނާ ކުރުން ނުވަތަ ފިޔަވަޅު އެޅުން އެއީ ކުރެވިދާނެ ކަމެއް ކަމަށް ޝަމާލް ވެސް ގަބޫލު ކުރެއެވެ.

"ނަމަވެސް އަޅުގަނޑުމެން ނިކުމެ މިތިބީކީއެއް އަދަބު ލިބިގަތުމަކަށެއް ނޫން. އަޅުގަނޑުމެން މިތިބީ ހައްގަކަށް ވަކާލާތު ކުރުމަށް އަދި އެ ހައްގުތަށް ކަށަވަރު ކުރުމަށް ނުކުމެ. އެހެންވީމާ އަޅުގަނޑުމެން މިހާރު ނުކުމެފަ މިތިބަ ސެންޓަރުތަކުގެ ވެރީންނާ އަދި ސެންޓަރުތަކުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުގެ މެންޑޭޓުގަ ހިމެނޭ ކަމެއް ނޫން، ޑްރައިވަރަކަށް ވެސް އަދި ސެންޓަރަކަށް ވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް އަޅަން ފުރުސަތު ދިނުމަކީ،" ޝަމާލް ބުންޏެވެ.

މީގެ އިތުރުން ޝަމާލް ބުނީ، ދަތުރު ކުރާނީތޯ ނުވަތަ ނުކުރާނީތޯވެސް ނިންމާނީ ޑްރައިވަރުން ކަމަށެވެ. ނަމަވެސް ޑްރައިވަރަކަށް ފިޔަވަޅު އެޅުމަށް މެދުވެރިވާ ފަދަ ފުރުސަތެއް ނުދޭނެ ކަމަށް އޭނާ ބުންޏެވެ.

"އޭގެ މާނައަކީ ސަރުކާރަށް ޗެލެންޖް ކުރަން ނުކުންނަ ވާހަކައެއް ނޫން،" ޝަމާލް ބުންޏެވެ.

އަދަބު ނުވަތަ ޖޫރިމަނާއިން ރައްކާތެރި ވެވޭމީ ދަތުރު ކުރުން ހުއްޓާލުން ނުވަތަ މެދުކަނޑާލުން ކަމަށް ޝަމާލް ބުންޏެވެ. ސަބަބަކީ، ގަބޫލު ނުކުރެވޭ އަގަކަށް ދަތުރު ކުރުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ވާތީއެވެ.

ޝަމާލް ބުނީ، މިނިސްޓްރީގެ ފަރާތުން މިކަމުގައި އެކަށީގެންވާ ޖަވާބެއް ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ނަމަވެސް އެ ދެގޮތުން ކުރެ ގޮތަކަށް ދާން ނުޖެހި، މަޝްވަރާއާއެކު އަލިމަގެއް ފެންނާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް ވެސް އޭނާ ބުންޏެވެ.

https://sun.mv/162798

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ޓެކްސީ ޚިދުމަތް ދޭ އަގުތައް ބޮޑު ކުރަން ނިންމާފައި ވަނީ އާދީއްތަ ދުވަހުއެވެ.

ނަމަވެސް ޓްރާންސްޕޯޓް މިނިސްޓްރީއާއި ޕޮލިހުން ބުނެފައި ވަނީ، އަމިއްލައަށް އެފަދައިން އަގު ބޮޑުކޮށް ދަތުރު ނުކުރެވޭނެ ކަމަށާއި، އެގޮތަށް އެކަން ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ.

comment ކޮމެންޓް