ޓްރާންސްޕޯޓަށް ފަސް ދުވަހުގެ މުހުލަތެއް ދީ، އަގުބޮޑު ކުރާނެ ކަމުގެ އިންޒާރު ޓެކްސީ ސެންޓަރުތަކުން ދީފި

މަޖީދީމަގުން ޓެކްސީ އެށް ދަތުރުކުރަނީ-- ސަން ފައިލް ފޮޓޯ

މާލޭ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ދެމުން އަންނަ ސެންޓަރުތަކުން މަޝްވަރާކުރުމަށްފަހު، ޓެކްސީ ޚިދުމަތް ދޭ އަގުތައް ބޮޑު ކުރަން ނިންމައިފިއެވެ.

ޓެކްސީގެ ހިދުމަތް ދެމުން އަންނަ ހުރިހާ ސެންޓަރުތަކުގެ އިސްވެރިން ބޭއްވި ދެ ވަނަ ބައްދަލުވުމުގައި، 14 ޓެކްސީ ސެންޓަރަކުން ބައިވެރިވިއެވެ.

މި ބައްދަލުވުމުގައި ސެންޓަރުތަކުން ވަނީ ތަކެތީގެ އަގަށާއި ތެލުގެ އަގުތަކަށް އަންނަ ބަދަލުތަކާ ގުޅިގެން، ޓެކްސީގެ އަގު ވެސް ބޮޑު ކުރުމަށް ނިންމައިފައެވެ. ދަތުރުކޮށްދޭ އަގު ބޮޑު ކުރުމަށް ފާސްކޮށްފައިވަނީ ބައިވެރިވި ހުރިހާ ސެންޓަރުތަކެއްގެ ވެސް އިއްތިފާގުންނެވެ.

ރޭގެ ބައްދަލުވުމުގައި ފާސްކުރި އަގުތަކަށް ޑްރައިވަރުންގެ ޚިޔާލު ހޯދުމަށްފަހު، ފައިނަލް އަގުތައް ދެ ދުވަސްތެރޭގައި ޓްރާންސްޕޯޓަށް ހުށަހެޅުމަށް ވަނީ ނިންމައިފައެވެ.

ހަމައެހެންމެ، ޓްރާންސްޕޯޓު މިނިސްޓްރީން ވަކި ގޮތަކަށް ނުނިންމި ކަމުގައިވީނަމަވެސް، މާޗު 10 ވަނަ ދުވަހުން ފެށިގެން ޚިދުމަތުގެ އަގު ބޮޑު ކުރުމަށް ވަނީ ފާސްކޮށްފައެވެ.

ޓެކްސީ ސެންޓަރުތަކުން ފާސްކުރި އަގުތައް:

  • މާލޭ ސިޓީގެ އެތެރޭގެ ދަތުރުތައް - 30 ރުފިޔާ
  • ހުޅުމާލެ ފޭސް އެކެއްގެ އެތެރޭގެ ދަތުރުތަކަށް - 25 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭއްގެ އެތެރޭ ދަތުރު - 25 ރުފިޔާ
  • މާލެއިން ހުޅުމާލެއަށް | ހުޅުމާލެއިން މާލެއަށް - 100 ރުފިޔާ
  • މާލެއިން އެއާޕޯޓަށް | އެއާޕޯޓުން މާލެއަށް - 80 ރުފިޔާ
  • ހުޅުމާލެއިން އެއާޕޯޓަށް | އެއާޕޯޓުން ހުޅުމާލެއަށް - 80 ރުފިޔާ
  • ހުޅުމާލެ ފޭސް ދޭކުން މާލެ | މާލެ އިން ހުޅުމާލެ ފޭސް ދޭކަށް - 120 ރުފިޔާ
  • ހުޅުމާލެ ފޭސް އެކަކުން ހުޅުމާލެ ފޭސް ދޭކަށް - 40 ރުފިޔާ
  • މާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • ހުޅުމާލެއިން ސީޕްލޭން ޓާމިނަލަށް - 100 ރުފިޔާ
  • ހުޅުމާލެ ފޭސް 2 އިން ސީޕްލޭން ޓާމިނަލަށް - 120 ރުފިޔާ

މީގެ އިތުރުން ރޭގަނޑު 12:00 އިން ހެނދުނު 06:00 ކުރާ ދަތުރުތަކަށް އިތުރު ފީއެއްގެ ގޮތުގައި ފަސް ރުފިޔާ ނެގުމަށާއި ހަޔާކޮށްގެން ކުރާ ދަތުރުތަކަށް ގަޑިއިރަކަށް 250 ރުފިޔާ ނެގުމަށް ވެސް ވަނީ ފާސްކޮށްފައެވެ.

ތެލުގެ އަގުތައް އުފުލެން ފެށުމާއެކު، ގިނަ ޓެކްސީ ޑްރައިވަރުން ތަކެއް ވަނީ ކޮންޓްރޯލް އަގުތަކުގެ ސަބަބުން ގެއްލުން ވަމުން އަންނަ ކަމަށް ބުނެ، ޚިޔާލު ފާޅުކޮށްފައެވެ. އެގޮތުން، ކާރުތަކުގެ މެއިންޓަނަންސްއާއެކު ޖުމްލަ ހަރަދަށް ނަގާފައި ބާކީ މާ ބޮޑު އެއްޗެއް ނޯންނަ ކަމަށް އެ މީހުން ބުނެއެވެ.

comment ކޮމެންޓް