ޗެސް އެސޯސިއޭޝަނުން ބޭއްވި ގައުމީ އަންހެން ރާޒުވާ ޗެމްޕިއަންޝިޕާއި، ގައުމީ އޯޕަން ރާޒުވާ ޗެމްޕިއަންޝިޕް ނިންމާލައިފިއެވެ.
ގައުމީ އަންހެން ރާޒުވާ ޗެމްޕިއަންޝިޕް ކުޅެފައިވަނީ 10 ރައުންޑަށެވެ. އަދި ގައުމީ އޯޕަން ރާޒުވާ ޗެމްޕިއަންޝިޕް ކުޅެފައިވަނީ 11 ރައުންޑަށެވެ.
މި ދެ މުބާރާތް ވެސް ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ ރާޒުވާ އާކޭޑުގައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެފައިވަނީ ޔޫތު މިނިސްޓަރު އަޙްމަދު މަހުލޫފެވެ.
މި ދެ މުބާރާތުން އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ވަނީ ގައުމީ ރާޒުވާ ޓީމުން ޖާގަދީފައެވެ.

ގައުމީ ރާޒުވާ ޗެމްޕިއަންޝިޕްގެ ނިންމުމުގެ ރަސްމިއްޔތުގެ ތެރެއިން -- ފޮޓޯ / ޗެސް އެސޯސިއޭޝަން
ގައުމީ އަންހެން ރާޒުވާ ޗެމްޕިއަންޝިޕުން ގައުމީ ޓީމަށް ހޮވުނު ކުޅުންތެރިންނަކީ ނިހާޔާ އަހުމަދު، ނުހާ ރިޟްވާން، މަރިޔަމް ލައިޝާ ޢަބްދުއްރަޝީދު، އައިޝަތު އަލްޔާ މުޙައްމަދު ޝަރީފްގެ އިތުރުން ކިޔާން މުޙައްމަދު އުސާމަތެވެ.
ގައުމީ އޯޕަން ޗެސް ޗެމްޕިއަންޝިޕުން ގައުމީ ޓީމަށް ހޮވުނު ކުޅުންތެރިންނަކީ މުހައްމަދު ޝުޢާއު، އަޙްމަދު އަޝްރަފް، މުޖާހިދު ބިން ޔަޒީދު، އަޙްމަދު ފުއާދުގެ އިތުރުން އަޙްމަދު އަބޫބަކުރެވެ.
މުބާރާތުގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދާފައިވަނީ ނިހާޔާ އަޙްމަދެވެ.

މުބާރާތުގެ އަންހެން ކެޓަގަރީގެ އެއް ވަނަ ހޯދi ނިހާޔާއަށް ޓްރޮފީ ހަވާލުކުރަނީ -- ފޮޓޯ / ޗެސް އެސޯސިއޭޝަން
ފިރިހެން ކެޓަގަރީގެ އެއްވަނަ ހޯދާފައިވަނީ މުޙައްމަދު ޝުޢާއު އެވެ.

ފިރިހެން ކެޓަގަރީގެ އެއް ވަނަ ހޯދާފައިވަނީ މުހައްމަދު ޝުއާއުއަށް ޓްރޮފީ ހަވާލުކުރުމުގެ ތެރެއިން -- ފޮޓޯ / ޗެސް އެސޯސިއޭޝަން
ކޮވިޑް 19ގެ ބަލި މަޑުކަމާ ހެދި މިދިޔަ އަހަރު ޗެސް އެސޯސިއޭޝަނުން އެއްވެސް މުބާރާތެއް ބާއްވާފައެއް ނުވެއެވެ.
މި އަހަރު ރާޒުވާ އިތުރު މުބާރާތެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިންޓަ ސްކޫލް ޗެސް ފެސްޓިވަލްއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މާޗު އަށަކުން ފެށިގެންނެވެ. މި މުބާރާތުގައި 14 ސްކޫލަކުން ބައިވެރިވާނެކަމަށް ޗެސް އެސޯސިއޭޝަނުން ބުންޏެވެ.
މީގެ އިތުރުން ގައުމީ ޗެސް ޗެލެންޖް (އަންހެން/ފިރިހެން)، ކުލަބް ޗެސް ޗެމްޕިއަންޝިޕް، ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް އަދި އިންޓަ އޮފީސް ޗެސް ޗެމްޕިއަންޝިޕް ހިމެނެއެވެ. އަދި ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ ޗެސް މުބާރާތެއް ވެސް މި އަހަރު ރާއްޖޭގައި ބާއްވާނެއެވެ. އެއީ ވެސްޓާން އޭޝިއަން ޗެސް ޗެމްޕިއަންޝިޕެވެ.
ރާއްޖެއިން ބޭރުގައި ބާއްވާ ރާޒުވާ ދެ މުބާރާތެއްގައި ވެސް ރާއްޖެ ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެއީ އޭޝިއަން ގޭމްސް އަދި ޗެސް އޮލިމްޕިޔާޑެވެ.