ޖަރުމަނުގެ ބުންޑެސް ލީގާގައި ބަޔާން މިއުނިކް މިރޭ ބަޔާ ލެވާކުސަންއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެއްޖެއެވެ.
މިރޭގެ މެޗު 1-1 އިން އެއްވަރުވިއިރު، ބަޔާންގެ ތޯމަސް މުލާ ވަނީ ބައިކޮޅަށް ލަނޑެއް ޖަހާފައެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު ފެށުމުގެ ކުރިން ދަނޑުގައި ވަނީ ޔޫކްރެއިންގެ ދިދަ ދައްކައިދީފައެވެ. އަދި ދަނޑުގެ މެދުގައި ވަނީ ސްޓޮޕް ވޯ ޖަހާފައިވާ ފޮތި ގަނޑެއް ވެސް ދަމާފައެވެ. އަދި ދަނޑުގެ ކޯނަރުތަކުގައި ހުރި ދަނޑިތަކުގައި ވެސް ހުރީ ޔޫކްރޭންގެ ދިދައެވެ.
މިރޭގެ މެޗުގައި ބަޔާންގެ ކެޕްޓަން ތޯމަސް މުލާ ހުރީ ޔޫކްރެއިންގެ ދިދަ ރަމްޒުކޮށްދޭ ބޭންޑެއް އަޅައިގެންނެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ބަޔާ ލެވާކުސަންގެ އަމީން އާދިލް ފޮނުވާލި ބޯޅަ ދިޔައީ ބަޔާންގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ބަޔާންގެ އެމް ބެކާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިންނެވެ.
އޭގެ މިނެޓެއްް ފަހުން ރޮބާޓޯ ލެވެންޑޮސްކީ ފޮނުވާލި ބޯޅައެއް ބަޔާ ލެވާކުސަންގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުނު ކަމަށް އޭނާ އެޕީލް ކުރި ނަމަވެސް ރެފްރީ ނިންމީ ކުޅުން ކުރިއަށް ގެންދިޔުމަށެވެ.
ބަޔާނުން މެޗުގައި ލަނޑު ޖަހައި ލީޑު ނަގާފައިވަނީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިކްލަސް ސުލްއެވެ. މިއީ ބަޔާނަށް ލިބުނު ކޯނަރެއްގައި އެ ޓީމުގެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ލިބުނު ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭނާ ފޮނުވާލި ބާރު ހަަމަލާ މަތަކުރެވޭނެ ގޮތެއް ލެވާކުސަންގެ ކީޕަރަކަށް ނުވިއެވެ.
އޭގެ ފަހުން ވެސް ބަޔާނުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން މެޗުގެ 27 ވަނަ މިނެޓުގައި ބަޔާންގެ ސާޖް ގްނެބަރީ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 35 ވަނަ މިނެޓުގައި ލެވާކުސަންއަށް ލިބުނު ހިލޭ ޖެހުމެއްގައި ކޭ ޑެމިރްބޭ ނަގައިދިން ބޯޅަ ގޯލަށް ވަނީ ބަޔާންގެ އޭރިޔާ ތެރެއިން ތޯމަސް މުލާ ފައިން ޖައްސައި ބޭރުކޮށްލަން އުޅުމުގެ ތެރޭގައެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވާލުސަން އަށް ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ނެގުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިފައެވެ. ބަޔާންގެ ކީޕަރު ކައިރިން ނައްޓައި ފްލޯރިއަން މޮއުސާ ޑިއާބީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގައި ދެ ޓީމުންކުރެ އެއް ޓީމަކަށްވެސް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
މެޗުން ލިބުނު އެެއް ޕޮއިންޓާއެކު ބަޔާން ލީގު ތާވަލްގެ އެއް ވަނައިގައި އޮތީ 59 ޕޮއިންޓާއެކުއެވެ. ދެ ވަނައިގައި ޑޯޓްމަންޑް އޮތީ ބަޔާނަށްވުރެ އެއް މެޗު މަދުން ކުޅެ 50 ޕޮއިންޓާއެކުއެވެ. ތިން ވަނައިގައި ލެވާކުސަން އޮތީ 45 ޕޮއިންޓާއެކުއެވެ.