ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކުން ހެއިޑެންހެއިމް ބަލިކޮށް، ލީޑު ފުޅާކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 4-2 އިންނެވެ.
އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފާވަނީ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑާޔޮޓް އުޕަމެކާނޯއެވެ. ދެވަނަ ހާފުގެ ފެށުން ރަނގަޅުވީ ފުރަތަމަ ހާފު އެއްކޮށް ކަހަލަ ގޮތަކަށް ޑިފެންޑް ކުރަމުންދިޔަ ހެެއިޑެންހެއިމްގެއެވެ.
މެޗުގެ 50 ވަނަ މިނެޓުގައި މަތިއަސް ހޮންސަކް ޖަހައިދިން ލަނޑުން ހެއިޑެންހެއިމްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މި ހަމަލާ ވެގެންދިޔައީ ހެއިޑެންހެއިމްއިން މެޗުގައި އުފެއްދި ފުރަތަމަ ހަމަލާއަށެވެ. ނަމަވެސް، ބަޔާނުން ވަނީ އޭގެ ހަ މިނެޓު ފަހުން ޖަމާލް މުސިއެލާ ކާމިޔާބުކޮށްދިން ލަނޑާ އެކު ދެވަނަ ފަހަރަށް ލީޑު ނަގައިފައެވެ.
މެޗުގައި ބަޔާނުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެއޮން ގޮރެޓްޒްކާއެވެ. މި ލަނޑު ކާމިޔާބުކުރިތާ އެއް މިނެޓު ފަހުން ހެއިޑެންހެއިމްއިންވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ނިކްލަސް ޑޯޝް ކާމިޔާބުކޮށްދިން މި ލަނޑު ވެގެންދިޔައީ އެ ޓީމުން މެޗުގައި އުފެއްދި ދެވަނަ ހަމަލާއަށެވެ.
މެޗުގައި ހެއިޑެންހެއިމް އުފެއްދިފައިވަނީ އެންމެ ދެ ހަމަލާއެވެ. ނަމަވެސް، މި ދެ ހަމަލާ ވެސް އެ ޓީމުން ވަނީ ދެ ލަނޑަށް ބަދަލުކޮށްފައެވެ. ބަޔާންގެ ފަހު ލަނޑު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުސިއެލާއެވެ.
މި ކާމިޔާބީއާ އެކު ބަޔާން މިހާރު ވަނީ ކުޅުނު 13 މެޗުން 33 ޕޮއިންޓް ހޯދައި، އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ހެއިޑެންހެއިމް އޮތީ 10 ޕޮއިންޓާ އެކު 16 ވަނައިގައެވެ.
މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެންއާއި އެފްސީ ސެއިންޓް ޕައުލީ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ލެވަކޫސެންއެވެ. ލެވަކޫސެންގެ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެ ލަނޑު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ ފުރަތަމަ 21 މިނެޓްގެ ތެރޭގައެވެ. މެޗުގެ ފުރަތަމަ ލަނޑު ހަވަނަ މިނެޓުގައި ފްލޮރިއަން ވާޓްޒް ކާމިޔާބުކޮށްދިންއިރު ލަވަކޫސެންގެ ދެވަނަ ލަނޑު ޖަހައިދިނީ ޖޮނަތަން ޓާއެވެ. މެޗުގައި ޕައުލީގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް މޯގަން ގުލަވޮގޫއެވެ.
މި ކާމިޔާބީއާ އެކު ލެވަކޫސެން މިހާރު އޮތީ 26 ޕޮއިންޓާ އެކު ތިންވަނައިގައެވެ. ޕައުލީ އޮތީ 11 ޕޮއިންޓާ އެކު 15 ވަނައިގައެވެ.
ދެވަނައިގައި އޮތް އެއިންޓްރެކްޓް ފްރޭންކްފާޓާއި އައުގްސްބާގް ބައްދަލުކުރި މެޗު 2-2 އިންވީ އެއްވަރެވެ. މެޗުގައި ފްރޭންކްފާޓްގެ ދެ ލަނޑު ހޫގޯ އެކިޓީކޭއާއި ޗާން އުޒޫން ކާމިޔާބުކޮށްދިންއިރު އައުގްސްބާގްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ ފިލިޕް ޓިއެޓްޒާއި ސެމިއުލް އެސެންޑޭއެވެ.
މި ނަތީޖާއާ އެކު ފްރޭންކްފާޓް 27 ޕޮއިންޓާ އެކު ދެވަނައިގައި އޮތްއިރު އައުގްސްބާގް އޮތީ 16 ޕޮއިންޓާ އެކު 13 ވަނައިގައެވެ.