ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކުން 5-0 އިން ހޯފެންހައިމް ބަލިކޮށްފިއެވެ.
ބަޔާނުން ވަނީ ހަވަނަ މިނެޓުގައި ލިރޯއީ ސާނޭ ޖެހި ލަނޑަކުން ލީޑު ނަގައިފައެވެ. މި ލަނޑު ޖެހިތާ ހަ މިނެޓު ފަހުން ރަފައެލް ގުއަރޭރޯ ވަނީ ބަޔާންގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. މެޗުގެ 26 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ތިންވަނަ ލަނޑު ޖަހައިދިނީ ހެރީ ކޭނެވެ.
މިއީ ކޭން މި ސީޒަންގައި ލީގުގައި ކާމިޔާބުކުރި 16 ވަނަ ލަނޑެވެ. އިތުރު އަށް ލަނޑު ޖަހަން އޭނާ ވަނީ އެހީވެފައެވެ.
ހަތަރުވަނަ ލަނޑު މެޗުގެ 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ސާނޭއެވެ. ފަހު ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާޖީ ގިނެބްރީއެވެ.
މި ކާމިޔާބީއާ އެކު ބަޔާން މިހާރު އޮތީ ކުޅުނު 17 މެޗުން ލިބިފައިވާ 42 ޕޮއިންޓާ އެކު އެއްވަނައިގައެވެ. އެއީ، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކުސެންއަށް ވުރެ ހަތަރު ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ.
މުބާރާތުގެ ހަތަރުވަނައިގައި އޮތް އާރްބީ ލެއިޕްޒިގާ ފަސް ވަނައިގައި އޮތް ވީއެފްބީ ސުޓުޓްގާޓް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ސުޓުޓްގާޓެވެ.
މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ކާމިޔާބުކޮށް، ބެންޖަމިން ސެސްކޯ ޖަހައި ލެއިޕްޒިގަށް ލީގު ނަގައިދިން ނަމަވެސް ސުޓުޓްގާޓްގެ ޖޭކޮބް ބްރުން ލާސެންއާއި ނިކް ވޮންޓަމާޑަ ދެވަނަ ހާފުގައި ކާމިޔާބުކުރި ދެ ލަނޑާ އެކު މި މެޗު ސުޓުޓްގާޓުން ކާމިޔާބުކުރިއެވެ.
މި ކާމިޔާބީއާ އެކު ސުޓުޓްގާޓް މިވަނީ 29 ޕޮއިންޓާ އެކު ތާވަލްގެ ހަތަރުވަނައިގައި އޮތް ލެއިޕްޒިގާ އެއް ޕޮއިންޓަށް ގާތްކޮށްފައެވެ.