ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށް މިފަހަރު މެދުއިރުމަތީގެ ޓީމެއް

ރާއްޖެ އައި ފަތުރުވެރިއެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓު ކުރުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ދައުވަތަކަށް މެދުއިރުމަތީގެ މަޝްހޫރު ޕަބްލިކޭޝަންތަކުގެ ލިޔުންތެރިންނާއި އެޑިޓަރުންގެ ޓީމެއް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ މެދުއިރުމަތީގެ، ހާއްސަކޮށް ސައުދީގެ މަތީފަންތީގެ ފަރާތްތަކުގެ މެދުގައި މަޤުބޫލު ލައިފްސްޓައިލް ޕަބްލިކޭޝަންތަކުގެ އެޑިޓަރުން އަދި ލިޔުންތެރިން ހިމެނޭ ޓީމެކެވެ.

މި ދަތުރުގައި ބައިވެރިވާ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިޒޯޓް އެންޑް ސްޕާ, ދަ ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިޒޯޓް އަދި ކުރަމަތި މޯލްޑިވްސްގައި ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ކުންފުނިން ބުނީ ޕަބްލިކޭޝަން ޓީމީގެ މެންބަރުން ތިބޭ ރިސޯޓުތަކުގައި ލިބެން ހުންނަ ހިދުމަތްތަކާއި، ރާއްޖޭގެ ތަފާތު ކަންކަން ތަޖުރިބާ ކުރުމަށް ފުރުސަތު ލިބޭނެއެވެ.

މި ދަތުރަށް ފަހު މިއިން ކޮންމެ މަޖައްލާއެއްގައި ރާއްޖެއާ ބެހޭގޮތުން އާޓިކަލްތައް ޝާއިޢުކުރާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުނެއެވެ.

ލިޔާ އާޓިކަލްތައް މެދުއިރުމަތީ އެހެން ޤައުމުތަކުގެ އެކި ސެގްމެންޓުތަކުގެ ފަތުރުވެރިން، ޚާއްސަކޮށް މަތީ ފަންތި، އާއިލާ އަދި ހަނީމޫންގެ ބޭނުމަށް ދަތުރުކުރާ ފަތުރުވެރިންނަށް ރާއްޖެއިން ލިބެންހުންނަ ޚިދުމަތްތައް އިޝްތިހާރުވާނެ ކަމަށް ވެސް އެމްއެމްޕީއާރްސީން ބުންޏެވެ.

ދާދި ފަހަކުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މަޝްހޫރު ޓިވީ ޗެނެލެއް ކަމަށްވާ ބީބީސީއާ އެކު އެމްއެމްޕީއާރުސީން ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.

comment ކޮމެންޓް