ނުރައްކާތެރި "ކުލަފަނޑު" ބަންޕަރުތައް، ހޭއެރީ ފުރާނައެއް ވަކިވެދިއުމުން!

ހުޅުމާލޭގައި ކުލަ ފަނޑުވެފައިވާ ބަންޕަރެއްގެ މަތިން އަންހެނަކު އަރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މީގެ ދެތިން އަހަރު ކުރީގެ ހަނދާނަކަށް ޖެހިލަމާ ހިނގާށެވެ. 2019ވަނަ އަހަރުގެ ފެބްރުވަރީ މަހު ސެނެހިޔާ ކައިރީގައި އޮންނަ ކަފިހި ހުރަހުން މީހަކު ހިނގައިފައި ދަނިކޮށް ކާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގިއެވެ.

އެ އެކްސިޑެންޓުގައި މީހަކު ދުނިޔެ ދޫނުކުރި ނަމަވެސް ހާލު ސީރިއަސްވެ 46 އަހަރުގެ އަންހެނަކަށް އައިސީޔޫގައި ފަރުވާދިނެވެ. އެ ހިސާބުން ދިވެހި ފުލުހުން އެލާޓަށް އައެވެ.

އާއްމުންގެ ފާޑުކިޔުންތަކުގެ ސަބަބުން ފުލުހުންނަށް ފިޔަވަޅު އަޅަން މަޖުބޫރުވިއެވެ. ދެން ފެނުނީ ކަފިހިހުރަސްތަކުގެ ކައިރީގައި "ފާރައަށް" ފުލުހުން ބައިތިއްބަން ފެށިތަނެވެ. ކޮންމެ ކަފިހި ހުރަހެއް ކައިރީގައި ވެސް އޭރު ފުލުހުން ބައިތިއްބައިފައި ތިބެއެވެ.

އެހެން ނަމަވެސް އެކަން ވެސް ވީ "އަމާ ބުނީތީ ފަރަށް" ދާ އުސޫލުން ކުރި ކަމަކަށެވެ. މާ ގިނަ ދުވަހަކު އެ ގޮތަށް ފުލުހުންނެއް ނުބޭތިއްބުނެވެ. ހިނގައިދިޔަ އެކްސިޑެންޓުގެ މަތިން ވެސް އެންމެން ހަނދާން ނެތުނީއެވެ.

އިހުމާލުގެ ވާހަކަ ދައްކައި ހުސްވާކަށް ނެތެވެ. މިހާރު ވެސް ފެންނަނީ އެއް މަންޒަރެކެވެ. މާޒީގެ ހަނދާން އައުވާފަދަ މަންޒަރެކެވެ. ހުޅުމާލޭގައި ކުލަފަނޑުވެފައި ހުރި ބަންޕަރެއްގައި ޖެހި، އެކްސިޑެންޓުވެގެން މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު އައިމިނަތު އީމާން މި ދުނިޔެއާ އަލްވަދާއު ކީއެވެ.

އީމާން އެކްސިޑެންޓުވީ ބަންޕަރު ނުފެނިގެން!

މިކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވޭނީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށެވެ. އަދި ހުޅުމާލެއާއި މާލެއާ ދެމެދު ބްރިޖު އެޅި ފަހުން މާލޭގައި އުޅޭ މީހުންނަށް ވެސް މިކަން ތަޖުރިބާ ކުރެވޭނެއެވެ.

ހުޅުމާލޭގައި ދުއްވަމުން ދާއިރު، ކުއްލިއަކަށް ބަންޕަރެއްގައި ޖެހިދާނެއެވެ. ހާއްސަކޮށް ރޭގަނޑު ގަޑީގައި ނޭނގި ހުއްޓާ އެގޮތަށް "ފާޅުވާ" ބަންޕަރުތައް ހުރެއެވެ.

ކުލަފަނޑުވެގެން ގޮސް އެ ބަންޕަރުތައް ހުންނަނީ ތާރުގަނޑާ އެއްކުލަވެފައެވެ. އެހެންވެ، ކުއްލިއަކަށް ބަންޕަރުގައި ޖެހޭއިރަށް ހިފާލެވެނީ ބުރަކީގައެވެ.

މީގެ ތިން ދުވަސް ކުރިން ދުނިޔެ ދޫކުރި، ދެ ކުދިންގެ މަންމަ އީމާންއަށް ވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. އެކަން ވަރަށް ރަނގަޅަށް އެނގޭ މީހަކު "ސަން"އަށް ކަންވީގޮތް ކިޔައިދިނެވެ.

އީމާން އެކްސިޑެންޓުވީ މި ބަންޕަރުމަތިން ކަހާލައިގެން، ބަންޕަރުގެ ކުލަ މިހާރު ވަނީ އައުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ވެފަ އޮތް ގޮތަކީ އެ ބަންޕަރުގެ ކުލަ ތަންކޮޅެއް މަޑުވީމަ އޭނަ ހީކުރީ ބަންޕަރެއް ނެތް ކަމަށް. އެހެންވެ އޭނައަށް ދެވުނީ ބަންޕަރު މަތިން ބާރަށް. ވެއްޓިގެން ވިއްސައިގެން ގޮސް އީމާން އޮތީ ބަންޕަރު މައްޗަށް ޖެހިފަ،" އޭނާ ކިޔައިދިނެވެ.

ބަންޕަރުމަތިން ވިއްސައިގެން ގޮސް، އީމާންގެ ބޮލުގެ ނާށިގަނޑުގެ އެއްފަޅި ފަޅައިގެން ދިޔައީއެވެ. އަދި އިންޓާނަލީ ބްލީޑްވީއެވެ. ދެ ދުވަސް ވަންދެން ހޭނާރާ ވެންޓިލޭޓަރުގެ އެހީގައި ދުނިޔޭގައި އޮތުމަށްފަހު އީމާން އަހަރެމެންނާ ވަކިވީއެވެ.

ހުޅުމާލެ އެކަންޏެއް ނޫން، މާލޭގައި ވެސް ހާލަތަކީ މިއީ!

ބައެއް ފަހަރަށް މާލޭގެ މަގުތަކުގެ ހާލަކީ ވެސް މިއީއެވެ. ބަންޕަރުތަކުގައި ކުލަފަނޑުވެ ބައެއް މަގުތަކުގައި ހުންނަ ބަންޕަރުތައް ވަކިނުވާ ހިސާބަށް ވެސް ދެއެވެ.

އެހެން ނަމަވެސް، މާލޭގައި ގިނަ ފިހާރަތަކެއް ހުންނާތީ ރޭގަނޑު ވަގުތުގައި ވެސް މަގުތައް އޮންނަނީ އަލިވެފައެވެ. އެހެންކަމުން އެކަން ފާހަގަ ނުވަނީއެވެ.

މާލޭގައި ޓެކްސީ ދުއްވާ މީހަކު ބުނީ، ފިހާރަތައް ނިއްވައިލައި ދަންވާ ފަހުން ބައެއް ފަހަރަށް އެ މައްސަލަ ދިމާވާ ކަމަށެވެ. ބައެއް ފަހަރަށް ބަންޕަރެއް ކަން ނޭނގި ހުއްޓާ މާލޭގައި ވެސް ބަންޕަރު އައިސް ޖެހޭ ކަމަށް އޭނާ ކިޔައިދިނެވެ.

ހުޅުމާލެއަށްވުރެ މާލޭގައި މި މައްސަލަ ކުޑަ ނަމަވެސް މާލެއަކީ ކާރޫބާރޫ ބޮޑު ތަަނަކަށް ވާތީ އެކްސިޑެންޓުތައް ހިނގަން މަގުފަހިވާނެއެވެ.

އީމާންގެ މަރާއެކު މާލޭގެ މަގުތަކުގައި އޮތް ބަންޕަރުތަކުގައި ވެސް ދަނީ ކުލަލުމުގެ މަސައްކަތް ކުރަމުންނެވެ.

އުސް ބަންޕަރުތައް، ނުރައްކަލަކަށް ވެދާނެ!

ހުޅުމާލޭގައި ހުންނަ ބަންޕަރުތަކަކީ މާލޭގައި ހުންނަ ބަންޕަރުތަކަށް ވުރެ ވެސް އުސް ބަންޕަރުތަކެކެވެ.

"ސަން"އާ ވާހަކަ ދެއްކި ހުޅުމާލޭގައި ދިރިއުޅޭ މީހަކު ބުނި ގޮތުގައި، އޭނާއަށް ވެސް މިހާރު ވަނީ އެ ބަންޕަރުތަކުން "ލަނޑެއްް" ލިބިފައެވެ. އެ ގޮތުން ރޭގަނޑުގެ ވަގުތެއްގައި ދުއްވަނިކޮށް ބަންޕަރުގައި ޖެހުމުން، އުނަގަނޑަށް ތަދެއް އެރީކަމުގައި އޭނާ ކިޔައިދިނެވެ.

"ބަންޕަރުތަކުގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ. އެއް ރޭ ހަމަ އާދައިގެ ވަރަކަށް މަ ދުއްވާފަ ދަނިކޮށް ކުއްލިއަކަށް ޖެހިއްޖެ ބަންޕަރެއްގައި. އެކަމަކު ކުއްލިއަކަށް ޖެހުނީމަ ލޮޅުން އަރާނެތާ. ބުރަކައްޓަށް ފާޑެއްގެ ތަދެއް އަރައިގެން އުޅެން ޖެހުނީ،" އޭނާ ކިޔައިދިނެވެ.

މިއީ އަދި ކުޑަ މިންވަރެކެވެ. އާއްމުންނަށް ނޭނގި ވެސް ހުޅުމާލޭ ބަންޕަރުތަކުގައި ޖެހި އެކްސިޑެންޓުތައް ހިނގައިފައި ހުންނާނެއެވެ.

ހުޅުމާލޭގެ ބަންޕަރެއް މައްޗަށް ސައިކަލެއްގައި ބަޔަކު އަރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހުޅުމާލޭގައި ދިރިއުޅޭ އެހެން މީހަކު "ސަން"އަށް ބުނީ މިއީ އަބަދުވެސް ކަން ހިނގާ ގޮތް ކަމަށެވެ. އޭނާ ބުނި ގޮތުގައި ބަންޕަރުތަކުގެ ކުލަ އަބަދުވެސް ހުންނަނީ ފަނޑުވެފައި ކަމަށާއި ކުލަ އައު ކުރަނީ އެއްވެސް ވަރަކަށް ނޭނގޭވަރު ވުމުން ކަމަށެވެ.

"ބައެއް ފަހަރަށް ރޭގަނޑު ދުއްވައިފައި ގޮސް ވަރަށް ކައިރިވާ ފަހުން މި ރެޔަކާލަނީ މިއީ ބަންޕަރެއްކަން. ކިތަންމެ މަޑުން ދިޔަޔަސް އަދި. ބަންޕަރު މިއީ ވަރަށް މަޑުން ދުއްވަން ޖެހޭ ތަންތަން. އެހެންވީމަ އާދައިގެ ވަރަކަށް ދުއްވާފަ ދިޔަޔަސް ކުއްލިއަކަށް ބުރަކި ޖައްސަން މި ޖެހެނީ،" އޭނާ ބުންޏެވެ.

"އަނެއްކާ އެންމެ ނުރައްކާ ކަމަކީ ބުރަކީގައި ހިފާފައި ހުއްޓާ ބަންޕަރަށް އަރައިފިއްޔާ ދުވަސްދާނެ. ބައެއް ފަހަރު އެބަހުރި ދިމާވެފަ. ހަމަ ބޮޑު ބަންޕަރަކަށް އަރާ ހަމަވާފަހުން އެނގުނީމާ ޖެހުނީ ދޫކޮށްލަން. މާތް ކަލާނގެއާ ވަކީލުކޮށްފަ ދޫކޮށްލަން ޖެހުނީ،"

އޭނާ ބުނި ގޮތުގައި މިއީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި އެހެންކަމުން ބައެއް ފަހަރު ދުއްވާއިރު ޖެހިލުންވާކަމަށް ވެސް އޭނާ ކިޔައިިދިނެވެ.

ހުޅުމާލޭގެ ބަންޕަރެއް މަތިން ޕިކަޕެއް ދަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ބަންޕަރުތަކަށް ނޭނގި ހުއްޓާ އެރުމުން ގެއްލުންވަނީ ހަމައެކަނި ދުއްވާ މީހާއަކަށް ވެސް ނޫނެވެ. އުޅަނދަށް ވެސް ގެއްލުން ވެއެވެ. ސައިކަލުތަކުގެ ޝޮކު ރާއްޖޭގައި އެންމެ ގިނައިން ހަލާކުވާ އެއް ސަބަބަކީ އެއީއެވެ. އަދި ސައިކަލުގެ ދަށްފަރާތް ގޭނި ސައިކަލަށް އެކިވަރުގެ ގެއްލުންތައް ވެސް ވަނީއެވެ.

ފިޔަވަޅު އަޅަނީ ފުރާނައެއް ނުރައްކަލަކަށް ހުށަހެޅުމުން!

ބަންޕަރުމަތިން ވިއްސައިގެން ގޮސް އީމާން ހާލުދެރަވެ ވެންޓިލޭޓަރަށް ލުމުން އާއްމުންގެ ރުޅިގަނޑު މައިތިރިއެއް ނުވިއެވެ. ހުޅުމާލޭގެ މަގުތަކުގެ ބެލެނިވެރި ފަރާތާ ދިމާލަށް ބަޔަކު އެއްޗެހި ކިޔެވެ.

މިކަމާ ގުޅިގެން ފުލުހުންނާ ސުވާލުކުރުމުން ބުނީ ސައިކަލު ކަހާލައިގެން ހިނގައިފައިވާ އިންސިޑެންޓުތައް ފުލުހުންނަށް ހުށަހެޅެމުންދާ ކަމަށެވެ. އަދި އެކަން ފާހަގަކުރެވިގެން ކަމާބެހޭ ފަރާތާ ހިއްސާކުރެވިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

"އެފަދަ ކަންކަން ހައްލުކުރުމަށް މަޝްވަރާކޮށް އެ ކަންކަން ހައްލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން،" މިއީ މި ކަމުގައި ފުލުހުންގެ ބަހެވެ.

އާއްމުންގެ ރުޅިގަނޑާއެކު މީސްމީޑިއާގައި "ހުޅުރޯވެ" މިހާރު ހުޅުމާލޭގައި ކުލަފަނޑުވެފައިހުރި ބަންޕަރުތަކުގައި ވަނީ ކުލަލާން ފަށައިފައެވެ.

ހުޅުމާލޭގެ ބަންޕަރުތަކުގެ ކުލަ މިހާރު ވަނީ އައުކުރަން ފަށާފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެހެން ނަމަވެސް، މިއީ އަނެއްކާވެސް ވަގުތީ ކަމަކަށް ނުވާނެތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. ދުވަސްކޮޅެއްވާއިރަށް މި ކަން ހަނދާންނެތި ކުރިން އޮތް ހާލަތަށް ރުޖޫއަވާން އެކަކު ވެސް ނޭދޭނެއެވެ.

މާލެއާއި ހުޅުމާލޭގައި ހުންނަ ބަންޕަރުތަކުގެ ކުލަ އައު ނުކުރުމަކީ ހިނގާމީހުންނަށާއި ދުއްވާ މީހުން ވެސް ނުރައްކަލަކަށް ހުށަހެޅިދާނެ ކަމެކެވެ. އެހެންކަމުން، މި ކަންކަމާމެދު އަޅައިނުލައި ދޫކޮށްލާކަށް އެކަކު ވެސް ބޭނުމެއް ނުވާނެއެވެ.

ކަންބޮޑުވުމަކީ ބަންޕަރު އެކަންޏެއް ނޫން!

ހުޅުމާލޭގައި ދުއްވާ އެއްޗެހި ދުއްވާ މީހުންގެ އޮތް ހަމައެކަނި ކަންބޮޑުވުމަކީ ބަންޕަރުތަކުގައި ކުލަ ފަނޑުވެފައި ހުރުމެއް ނޫނެވެ.

ބަންޕަރުތައް މީގެ ކުރިން ހުރި ތަންތަނުން ބަންޕަރު ނަގައި، އެ ތަންތަނުގައި ވަޅުގަނޑުތައް ވަނީ ހެދިފައެވެ. އެއީ ވެސް ގިނަ ބަޔަކު "ރުޅިގަދަވާ" ކަމެކެވެ.

ރޭގަނޑުގެ ވަގުތުތަކުގައި އަދި ދުވާލު ވެސް ދުރަށް މާ ބޮޑަށް ފާހަގަ ނުވާ އެ އަޑިގަނޑުތަކުގެ ސަބަބުން، ވަރަށް އުނދަގޫވާކަމަށް "ސަން"އާ ވާހަކަ ދެއްކި ބައެއް މީހުން ކިޔައިދިނެވެ.

ހުޅުމާލޭގައި ކުރިން ބަންޕަރެއް އޮތްތަނަކުން ބަންޕަރު ނެގުމުން ހެދިފައިވާ ވަޅުގަނޑެއް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ވަޅުގަނޑުގަނޑު ހުންނާނެ ބަންޕަރުތައް ނަގާފަ ހުންނަ ތަންތަނުގައި. ކުއްލިއަކަށް ގޮސް ބަންކިޔާފަ ޖެހޭނީ. ދެން ކިހާ ލޮޅުމެއް އަރާނެ،" ހުޅުމާލެއަށް ވަރަށް ގިނައިން ގޮސް އުޅޭ މީހަކު ބުންޏެވެ.

ދުވެލި ވެސް މަޑުކުރަން ޖެހޭ

އީމާންގެ އެކްސިޑެންޓާއެކު ބައެއް މީހުން ދެއްކި ވާހަަކައަކީ އެއީ ހަވީރުގެ ވަގުތުކަމުން ބަންޕަރު ފެންނާނެކަމެވެ. އަދި މަޑުން ދުއްވައިފައި ދިޔަނަމަ އެވަރުގެ ގެއްލުމެއް ނުވާނެކަމަށް ބައެއް މީހުން ގަބޫލުކުރެއެވެ.

ޓްރެފިކް ޕޮލިހަކު "ސަން"އަށް ބުނީ ބަންޕަރުމަތިން މަޑުނުކޮށް ދާ މަންޒަރަކީ ޑިއުޓީގައި ތިބޭއިރު ވަރަށް ގިނައިން ފެންނަ މަންޒަރެއް ކަމަށެވެ. އަދި އެ ގޮތަށް ބރަށް ދުއްވާ މީހުންނަށް ނަސޭހަތް ދެވިފައި ހުންނާނެކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

އެހެންކަމުން، މަގުތައް ބަލަހައްޓާ ފަރާތުގެ ބޮލަށް ޖަހައި މިކަން ނިންމާލެވޭކަށް ނޯންނާނެއެވެ. މި ކަމުގައި ފަރުދީ ޒިންމާ ވެސް އެބައޮތެވެ. އަމިއްލަ ރައްކާތެރިކަމާއި އަނެކާގެ ރައްކާތެރިކަމަށް ޓަކައި ދުވެލި މަޑުކުރަން ޖެހެއެވެ.

ބޭނުންވަނީ ދާއިމީ ހައްލެއް!

މީހުންގެ ފުރާނައަށް ނުރައްކާވެދާނެ މިފަދަ ކަންކަމުގައި ބޭނުންވަނީ ވަގުތީ ހައްލެއް ނޫނެވެ. ފުރާނައެއް ގެއްލިގެން ދިއުމުން ފިޔަވަޅު އެޅުމެއް ވެސް ނުމެ ނޫންމެއެވެ. މިފަދަ ކަންކަމުގައި ބޭނުންވަނީ ދާއިމީ ހައްލެކެވެ.

ހުޅުމާލޭގައި އުޅޭ މީހަކު ބުނީ، މިކަމުގެ ހައްލަކީ ދޭތެރެ ދޭތެރެއިން ބަންޕަރުތައް ޗެކުކޮށް ކުލަފަނޑުވެފައި ހުންނަނަމަ ކުލަ ލާންޖެހޭ ކަމަށެވެ. ނޫންނަމަ ގެއްލިގެންދާާނީ ކިތައް ފުރާނަކަން ބުނަން ނޭނގޭ ކަމުގައި އޭނާ ބުންޏެވެ.

"މުނިސިޕަލް ސާވިސްއެއް މި ދެނީ. ކުލަ ކެހުނީމަ އެނގޭނެ ބަލަހައްޓާ ފަރާތްތަކަށް ވެސް. އަވަހަށް އައުކޮށްލާށޭ ހެޔޮނުވާނެ،" އާާދޭހާއެކު އޭނާ ކުރި އިލްތިމާސްއަކީ މިއީއެވެ.

ދުނިޔެއާ އަލްވަދާއުކިޔަމުން، އީމާން އެ ދިޔައީ އެތައް މެސެޖެއް ދޫކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުގެ ލޯ ހުޅުވައިލަދީފައެވެ. ހުޅުމާލޭގެ "ކުލަފަނޑު" ބަންޕަރުތައް "ކުލަގަދަ" ބަންޕަރުތަަކަކަށް ހަދަން ބާރު އަޅަމުންނެވެ.

ހުޅުމާލޭގެ ބަންޕަރެއް މަތިން މީހަކު ދަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އެކަމަކު ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ނުރައްކާތެރި "ކުލަފަނޑު" ބަންޕަރުތައް، ރެޔަކާލީ ފުރާނައެއް ވަކިވެދިއުމުންނެވެ.

ދެން އޮތީ ކުރިއަށް އޮތްތަނަށް ރައްކާވެތިބުމެވެ. މުސްކުޅިން ބުނާ ބީދައިން، އިހަށް ނުވި ރައްކަލެއް ފަަހަކުން ނުވެވޭނެއެވެ.

comment ކޮމެންޓް