ތައުރީފް އޮއްސާލުމަށްފަހު އަސްލަމް، ފައްޔާޒުގެ ފަޅިއަށް

އަސްލަމް އަދި ފައްޔާޒު: މި ފޮޓީ ޓްވީޓް ކުރައްވައި އަސްލަމް ވަނީ ފައްޔާޒަށް ތައުރީފް ކުރައްވާ ތާއިދު އޮތްކަން ހާމަކޮށްފައި ---

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލަށް ތައުރީފް އޮއްސަވާލެއްވުމަށްފަހު، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ހޮވުމަށް ތާއިދު ކުރައްވަނީ ފައްޔާޒަށް ކަމަށް ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންގެ މަގާމަށް, ފައްޔާޒުގެ އިތުރުން ދެން ކުރިމަތިލައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއެވެ.

ބައެއް ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި އެ އިންތިޚާބަކީ ދެ ރައީސުންގެ ކުރިމަތިލެއްވުމެކެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ފަޅިން ފައްޔާޒު އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން ނުކުންނެވީ އިމްތިޔާޒް ކަމަށް ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ވާދަވަރި ރޫހެއްގައި ދެ ކެނޑިޑޭޓުންގެ ކެމްޕެއިން ކުރިއަށްދާއިރު, އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު އަސްލަމްގެ ތާއީދު ފައްޔާޒަށް އޮތް ކަން ހާމަކޮށް އޭނާ ވަނީ މިއަދު ޓްވީޓެއް ކުރައްވާފައެވެ.

"ފައްޔާޒު ވަނީ އޭނާއަކީ ސިޔާސީ ގޮތުން ވިސްނުން ތޫނު، ނުގުނޑާ އަޒުމެއްގެ ވެރި އަދި އޭނާ ގަބޫލުކުރައްވާ އުސޫލުތަކުގައި ހިފަހައްޓަވާ ވަރުގަދަ ލީޑަރެއްކަން ސާބިތުކޮށްދެއްވާފަ," ފައްޔާޒަށް ތައުރީފް ކުރައްވައި އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ބޯމަތިވެފައިވާއިރު އެންމެ ވާދަވެރިކޮށް ފެންނަނީ އެ ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް މަގާމު ކަމުގައިވާ ޗެއާޕާސަންގެ މަގާމުގެ ރޭހެވެ.

comment ކޮމެންޓް