ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރެވޭނެ ގިނަ މާއްދާތަކެއް އެގްރީމެންޓުގައި ހިމެނިފައިވާނެ: ޤާސިމް

ވިލާ ކުންފުނީގެ ޗެއާމަންއަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް -- ގާފު ފޮޓޯ: ޝަޖާއަތު އަޙްމަދު

ވިލާ އެއާއިން ކާޑެއްދޫ އެއާޕޯޓާ ހަވާލުވީއިރު އެގްރީމަންޓުގައި އިންޓަނޭޝަނަލް އެއާޕޯޓަކަށް އެ އެއާޕޯޓްވާން ބާރުއަޅާ އެތައް މާއްދާތަކެއް ހިމެނިފައިވާނެކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި މާމަގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އިއްޔެ ކާޑެއްދޫ އެއާޕޯޓަށް ވަޑައިގެން އެ އެއާޕޯޓުގެ މުވައްޒަފުންނާ ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ އެއާޕޯޓާ ހަވާލުވީ ތަރައްގީތަކެއް ގެނައުމަށް އެ ކުންފުނީގެ ކޮމިޓްމަންޓްތަކެއް ސަރުކާރަށްވެގެން ކަމަށެވެެ.

މީގެ އިތުރުން، އެ އެއާޕޯޓް ހަވާލުކުރުމާއެކު ވޭތުވެދިޔަތަނުގައި ވިލާ އެއާގެ އަތުން އެތަން އަތުލުމުން ލިބުނު ގެއްލުމަކަށް އެއްވެސް ކަހަލަ ދައުވާއެއް ވެސް ނުކުރާގޮތަށް ނިންމައިފައިވާކަމަށް ވެސް ޤާސިމް ވިދާޅުވިއެވެ.

"އެއީ އަޅުގަނޑަށް ހީވާ ގޮތުން އަގުމަގުކޮށް ބަލާއިރު ވަރަށް ބޮޑު އެޑްވާންޓޭޖެއް އެބައޮތް،" ޤާސިމް ވިދާޅުވިއެވެ.

ވިލާ ކުންފުނީގެ ޗެއާމަންއަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ކާޑެއްދޫ އެއާޕޯޓުގެ މުވައްޒަފުންނާ ވާހަކަ ދައްކަވަނީ -- ގާފު ފޮޓޯ: ޝަޖާއަތު އަޙްމަދު

"މިއަދު މިތަނުގެ ހާލަތު އޮތްގޮތް ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބަނދަރު އޮތްގޮތް، ފާހާނާތައް އޮތް ގޮތް، ސެކިއުރިޓީ ރޫމްތަކާއި މެޝިންތައް ހުރިގޮތް،" ޤާސިމް ވިދާޅުވިއެވެ.

ޤާސިމް އިތުރަށް ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތްތަކުގައި ވީހާ ވެސް އަވަހަކަށް އެޓެންޑު ކުރާނެ ކަމަށެވެ. އަދި އެއީ އެ ހިސާބުގަނޑުގައި އުޅޭ ރައްޔިތުންނަށް ލިބޭ ކުރިއެރުމެއްކަމުގައި ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

"ޕްލޭން ގާތްގަނޑަަކަށް އޮތީ ހުށަހެޅިފައި. ގާތްގަނޑަކަށް ލިޔެކިޔުން ވެސް ހަމަޖެހިފައި އޮތީ. އެހެންނަމަވެސް މީގައި ކުރަންޖެހޭ ކަންތައްތަކެއް ނހުންނާނެ ދެއްތޮ. މިތަން ހިއްކާއިރު މިހާރު އަޅުގަނޑުމެންނަށް ދެއްވައިފައިވާ ބޮޑުމިނާ އެއްކޮޅު. 2.8 ކިލޯމީޓަރުގެ ރަންވޭއެއް ހަދާއިރު، އެކޮޅުން ގޮސް ތިނަދޫ ކައިރީގައި އޮތް ދެ ރަށް ވެސް މީގެ ތެރެއަށް ވަދެގެން ދޭ،" ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ޤާސިމް ވިދާޅުވީ އެންވަޔަރމަންޓް އިމްޕެކްޓް އެސެސްމަންޓެއް ވެސް ހަަދަންޖެހޭ ކަމަށާއި އެކަހަލަ އެތައް ކަމެއް މިފަދަ ބޮޑު ޕްރޮޖެކްޓެއް ހިންގާއިރު ހުންނާނެ ކަމަށެވެ. އަދި މިކަން މި ފަށައިގަންނަނީ ދުނިޔެ ހަނގުރާމައަކަށް ހުށަހެޅިފައި އޮއްވާކަމަށް އޭނާ ވިދާޅުވިއެވެ.

ވިލާ ކުންފުނީގެ ޗެއާމަންއަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ކާޑެއްދޫ އެއާޕޯޓަށް ކުރެއްވި ޒިޔާރާތުގެ ތެރެއިން -- ގާފު ފޮޓޯ: ޝަޖާއަތު އަޙްމަދު

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކާޑެއްދޫ އެއާޕޯޓު ވިލާ އެއަރއާ ހަވާލުކުރީ އިއްޔެއެވެ.

ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2017 ވަނަ އަހަރު އެ އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭމަހު ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏާ އަލުން އެ އެއާޕޯޓް ހަވާލު ކުރުމަށް ހުކުމް ކޮށްފައެވެ.

ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލުމުން، އިއްޔެއާ ހަމައަށް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. އެ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ. ކާޑެއްދޫގެ ބަނދަރުގެ ބައެއް ވެއްޓި އެ ރަށަށް އަރާ ފޭބުމަށް ވެސް މި ފަހުން ދަތިތަކަކާ ކުރިމަތިވިއެވެ.

comment ކޮމެންޓް