ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ކަރަންޓްގެ 26 އިންސައްތަ ފޯރުކޮށްދޭނީ އިރުގެ އަލިން އުފައްދާ ހަކަތައިން ކަމަށް ތިމާވެއްޓޭބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
ކ. ހުރާ ރައްޔިތުންގެ އިންޖީނުގެ ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރުމަށް ރޭ އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ, ކަރަންޓުގެ ޚިދުމަތްތައް ފޯރުކޮށްދެމުން އަންނަ އަގަކީ ކޮބައިތޯ ބަލަމުން އަންނަ ކަމަށެވެ. އަދި ތެޔޮ ގަތުމަށް ދައުލަތުގެ ބަޖެޓުން 400 މިލިއަން ޑޮލަރު ހޭދަކުރާ ކަމަށް ޝައުނާ ވިދާޅުވިއެވެ.
"ރާއްޖޭގެ އުފެންދުންތެރިކަމުގެ ގާތްގަނޑަކަށް 10 އިންސައްތައާ ގާތަށް ތެޔޮ ގަތުމަށް މި ޚަރަދު ކުރަނީ," ޝައުނާ ވިދާޅުވިއެވެ.
ރާއްޖޭގެ ތަރައަގީކުރުމަށްޓަކައި އެންމެ މުހިންމު އެއް ކަމަކީ ތެލަށް ބަރޯސާވެފައިއޮތް މިންވަރު ކުޑަކުރުންކަން ފާހަގަކުރައްވައި މިނިސްޓަރު ޝައުނާ ވިދާޅުވީ, އެކަން ހައްލުކުރުމަށް ވަރަށް ގިނަ ކަންތައްތައް ކުރަމުންދާ ކަމަށެވެ.
އެގޮތުން މިހާރު ވެސް ރާއްޖޭގެ 100 އަށްވުރެ ގިނަ ރަށުގައި އިރުގެ އަލިން އުފައްދާ ހަކަތައިން ކަރަންޓް އުފެއްދުމުގެ ނިޒާމް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ދައުރު ނިމޭއިރު ރާއްޖޭގައި ފޯރުކޮށްދޭ ކަރަންޓްގެ ގާތްގަނޑަކަށް 26 އިންސައްތަ ކަރަންޓް ފޯރުކޮށްދޭނީ އިރުގެ އަލިން އުފައްދާ ހަކަތައިން," ޝައުނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ, ފެނަކައާ ގުޅިގެން ފަށާފައިވާ ހޯމް ސޯލާ ޕްރޮގްރާމް ކާމިޔާބުވަމުން އަންނަތަން ފެންނަ ކަމަށެވެ.
މީގެ ދެމަސް ކުރިން އިފްތިތާހްކުރި އެ ޕްރޮގްރާމްގެ ދަށުން މިއަހަރު ނިމުމުގެ ކުރިން މަދުވެގެން 1000 ގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ޝައުނާ ވިދާޅުވިއެވެ.
"އޭގެ ހެޔޮ އަސަރު ތިބޭފުޅުންނަށް ކުރާނެ. ގާތްގަނޑަކަށް 90 އިންސައްތައާ ގާތަށް ތިބޭފުޅުންގެ ކަރަންޓް ބިލް ކުޑަކުރެވިގެން ދާނެ," ޝައުނާ ވިދާޅުވިއެވެ.
މީގެ ކުރިން މިނިސްޓަރު ޝައުނާ ވިދާޅުވެފައި ވަނީ ގާތްގަނޑަކަށް ދުވާލަކު 12 ގަޑިއިރު އިރުގެ އަލި ރާއްޖެއަށް ލިބޭ ކަމަށާއި، އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއި، އަގު އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން ކަމަށެވެ.
އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ މަސައްކަތް ފެށުމަކީ މުހިންމު ކަމެއްގެ ކަމަށް ފާހަގަކުރެއްވިއެވެ.
ސަރުކާރުގެ "ނެޓް ޒީރޯ" ޓާގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި "ހޯމް ސޯލާ" ގާއިމްކުރުން ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.