ވިލާ އެއާއަށް ގދ. ކާޑެއްދޫ އެއާޕޯޓް ދިނުމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާ ގޮތަށް ހަވާލުކޮށްފިއެވެ.
މިއަދު އެއާޕޯޓް ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް ސިވިލް އޭވިއޭޝަންގައި ބޭއްވި މިކަމަށް ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވިލާ ގްރޫޕުގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޗެއާމަން ގާސިމް އިބްރާހިމެވެ.
ކާޑެއްދޫ އެއާޕޯޓު ހިންގައި ތަރައްގީކޮށް، ބެލެހެއްޓުމަށް ވިލާ އެއާއަށް 50 އަހަރަށް ހަވާލުކޮށްފައި ވަނިކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި، 2017 ވަނަ އަހަރު އެ އެއާޕޯޓު ހަވާލު ކުރި އެއްބަސްވުން ބާތިލުކޮށް އެތަން ވަނީ ސަރުކާރަށް ނަގައިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ މޭމަހު ސުޕްރީމް ކޯޓުން ވަނީ އެ ކުންފުންޏާ އަލުން އެ އެއާޕޯޓް ހަވާލު ކުރުމަށް ހުކުމް ކޮށްފައެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީން ވިލާއަށް ބަދަލު ދޭން ޖެހޭކަމަށް ބުނެފައިވީނަމަވެސް މިހާރު ބަދަލު ދޭންނުޖެހޭކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު އަތުލުމުން، މިއަދާ ހަމައަށް އެ އެއާޕޯޓް ހިންގަމުން އައީ ރީޖަނަލް އެއާޕޯޓްސް އިންނެވެ. އެ އެއާޕޯޓުގެ ހިދުމަތްތަކުގެ ފެންވަރު ދަށް ކަމަށާއި އެއާޕޯޓު މަރަމާތު ނުކުރާތީ އެ ތަނުން ހިދުމަތް ހޯދާ ގިނަ ބަޔަކު ޝަކުވާ ކުރެއެވެ.
ކާޑެއްދޫގެ ބަނދަރުގެ ބައެއް ވެއްޓި އެ ރަށަށް އަރާ ފޭބުމަށް ވެސް މި ފަހުން ދަތިތަކަކާ ކުރިމަތިވިއެވެ. ވިލާއިން ހަވާލު ވުމަށްފަހު އެ އެއާޕޯޓްގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.