ޔޫކްރޭނަށް އީޔޫގެ މެމްބަރުކަން ދިނުމަށް ޒެލެންސީ އެދިލައްވައިފި

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ

ޔޫކްރޭނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މެމްބަރުކަން ވީހާވެސް އަވަހަށް ދިނުމަށް އެގައުމުގެ ރައީސް ވްލަޑިމިއާ ޒެލެންސީ އެދިލައްވައިފިއެވެ.

މީގެ ކުރިން ހޮނިހިރު ދުވަހު ވެސް ޒެލެންސްކީ ވަނީ އީޔޫގެ މެމްބަރުކަން ޔޫކްރޭނަށް ދިނުމަށް އެދިލައްވާފައެވެ.

"އައު، ޙާއްޞަ ޕްރޮސީޖާއެއްގެ ދަށުން ޔޫކްރޭނަށް ޔޫރަޕިއަން ޔޫނިއަންގެ މެމްބަރަކަށް ވުމުގެ ފުރުސަތު ދިނުން އަޅުގަނޑުމެން އެދެން. އަޅުގަނޑުމެން އަމާޒަކީ ޔޫރަޕުގެ އެންމެންނާއެކު އެކަތިގަނޑަކަށްވެ، އެއް ހަމައެއްގައި ތިބުން،" އިއްޔެ ޒެލެންސްކީ ވިދާޅުވިއެވެ.

މިދިޔަ އާދިއްތަ ދުވަހު ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާސެލާ ވެންޑާ ލަޔަން ވަނީ ޔޫކްރޭނަކީ އީޔޫގެ މެމްބަރަކަށް ހެދުމަށް އެ އިއްތިހާދުން ވެސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ.

އީޔޫގެ މެމްބަރަކަށް ވުމުގެ ފުރުސަތު އިތުރު ގައުމަކަށް ދެވޭނީ، އެ އިއްތިހާދުގައި ހިމެނޭ ހުރިހާ މެމްބަރުން އެކަމަށް ރުހުން ދިނުމުންނެވެ. އެއީ 27 މެމްބަރު ގައުމެވެ.

އިއްޔެ ޔޫރަޕިއަން ކައުސިލްގެ ރައީސް ޗާލްސް މިޝެލް ވިދާޅުވީ އީޔޫގެ މެމްބަރުން އިތުރު ކުރުމާ ބެހޭ ގޮތުން ހިޔާލު ތަފާތުވުންތައް އުފެދިފައިވާ ކަމަށެވެ.

ދެހާސް ސަތާރަ ވަނަ އަހަރު އީޔޫ އާއި ޔޫކްރޭނުން ހެދި އެއްބަސްވުމެއްގެ ދަށުން، އެ ދެ ފަރާތުން ވެސް ވަނީ އިގްތިސާދު ރަނގަޅުކުރުމަށާއި ސިޔާސީ ގޮތުން ގުޅުން ބަދަހިކުރުމަށް ނިންމައިފައެވެ.

comment ކޮމެންޓް