ރަޝިއާގެ "ޚާއްޞަ މިލިޓަރީ އޮޕަރޭޝަން" ހުއްޓައިލުމަށް މެކްރޯން އެދިވަޑައިގެންފި

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން އާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން -- ފޮޓޯ/ އޭއެފްޕީ

ރަޝިއާއިން ޔޫކްރޭނުގައި ކުރިއަށްގެންދާ "ޚާއްޞަ މިލިޓަރީ އޮޕަރޭޝަން" ނިމުމަކަށް ގެނައުމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ އަރިހުގައި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން އެދިވަޑައިގެންފިއެވެ.

މެކްރޮން ފޯނުން ގުޅުއްވައި ޕޫޓިން އާ ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ގިނަ ކަންކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އެގޮތުން މެކްރޯން ވިދާޅުވީ، ޔޫކްރޭނުގެ އާންމު ރައްޔިތުންނަށް ހަމަލާދިނުން ހުއްޓާލަންޖެހޭ ކަމަށާއި، އާންމު އިންފްރާސްޓްރަކްޗާއަށް ގެއްލުންދިނުން ރަޝިއާއިން ހުއްޓާލަންޖެހޭ ކަމަށެވެ.

މީގެ އިތުރުން، ޔޫކްރޭނުގެ ވެރިރަށް ކިއެވްގެ ދެކުނުގެ މަގުތައް ބޭނުންކުރުމުގައި އާންމުންނަށް ދަތިނުވާނެހެން މަސައްކަތްކޮށްދެއްވުމަށް ޕޫޓިންގެ އަރިހުގައި މެކްރޮން ވަނީ ދަންނަވާފައެވެ.

މެކްރޯންގެ މި ހުށަހެޅުންތަކަށް ޖަވާބުދެއްވަމުން ޕޫޓިން ވިދާޅުވީ، ޔޫކްރޭން މައްސަލަ ނިމުމަކަށް ގެނެވެން އޮތީ ރަޝިއާގެ ސެކިއުރިޓީ ޑިމާންޑުތަކަށް އެޑްރެސްކޮށްގެން ކަމަށެވެ.

އެގޮތުން، ޔޫކްރޭން "ޑީމިލިޓަރައިޒް"ކޮށް، ކްރައިމިއާ އަކީ ރަޝިއާގެ ބައެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަތުމަށް ޕޫޓިން ވަނީ ދަންނަވާފައެވެ.

މީގެކުރިން ޔޫކްރޭނުގެ ބައެއްކަމަށްވާ ކްރައިމިއާ ރަޝިއާއިން ވަނީ ހިފާފައެވެ. ދެހާސް ސާދަ ވަނަ އަހަރު ރަޝިއާއިން ކްރައިމިއާ ހިފާފައިވާއިރު، ބައިނަލްއަޤުވާމީ އެއްވެސް އިދާރާއަކުން އެ ސަރަހައްދަކީ ރަޝިއާގެ ތަނެއްގެ ގޮތުގައި ބަލައިގަނެފައެއް ނުވެއެވެ.

ރަޝިއާ އާއި ޔޫކްރޭން މައްސަލަ ހައްލުކުރުމަށް އެންމެ އިސްކޮށް މަސައްކަތްކުރައްވާ ލީޑަރުންގެ ތެރޭގައި މެކްރޮން ހިމެނިވަޑައިގަންނަވައެވެ. މެކްރޮން ވަނީ މީގެ ކުރިންވެސް ރަޝިއާގެ ރައީސް ޕޫޓިންއާއެކު ގިނަ މަޝްވަރާތަކެއް ބާއްވާފައެވެ.

comment ކޮމެންޓް