އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމާއެކު، "ފަސްމީރު، އެންމެ މީރު"ގެ ނަމުގައި މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.
މިއަދުން ފެށިގެން 15 ހަފްތާއަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގައި ކޮންމެ ހަފްތާއަކުވެސް ހޮވާ ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިފްކޯގެ ރޯދަ ސޭލް އިފްތިތާހުކުރުމުގެ ތެރެއިން
މިފްކޯގެ ސީއީއޯ އިސްމާއީލް ފައުޒީ ވިދާޅުވީ ދުނިޔޭގެ މަޝްރަހު މިހާރު އޮތް ގޮތުން މިފްކޯއިން ކުރާ މަހުގެ ވިޔަފާރިއަށް އޭގެ އަސަރު ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން މި އުންމީދުކުރަނީ މި ޕްރޮމޯޝަނަކީ ވެސް ކަސްޓަމަރުން ގަޔާވާނެ ޕްރޮމޯޝަނަކަށް ވާނެކަމަށް،" ފައުޒީ ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް ފައުޒީ ވަނީ ރޯދަމަހުގެ ކުރިން މިފްކޯގެ އައު ދެ އުފެއްދުމެއް ލޯންޗުކުރުމަށް ހަމަޖެހިފައިވާކަމަށް ވިދާޅުވެފައެވެ.
މި ޕްރޮމޯޝަންގެ ދަށުން، މިފްކޯއިން ކުރާ 200 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ކޫޕަނުގައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމުން ހުޅުވޭ ޕޭޖުގައި، ކޫޕަނުގައިވާ ނަންބަރު ޖެހުމުން ޕްރޮމޯޝަނުގައި ބައިވެރިވެވޭނެއެވެ.
މި ޕްރޮމޯޝަން މިފްކޯގެ މާލޭ ސަރަހައްދުގެ ފިހާރަތަކުގެ އިތުރުން، ފެލިވަރު، ކޫއްޑޫ އަދި އައްޑޫގައި ހުންނަ އައުޓްލެޓު ތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.