ފަސް އަހަރު ތެރޭގައި ޕާޓީއަށް ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރެވުމަކީ ރެކޯޑެއް: ހަސަން

-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރާއްޖެއިން ބޭރުގައްޔާއި ޖަލުތަކުގައި ޕާޓީގެ އިސް އެތައް ބޭފުޅުންނެއް ތިއްބަވަނިކޮށް، ފަސް އަހަރު ތެރޭގައި ބޭއްވި ހުރިހާ އިންތިޚާބެއް ކާމިޔާބު ކުރެވުމަކީ ޕާޓީއަށް ދުވަހަކު ވެސް ނުލިބޭ ވަރުގެ ބޮޑު އެއް ކާމިޔާބީ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން މިހެން ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަން ކަމުގައި ހުންނެވި ފަސް އަހަރުގެ ދައުރުގައި ޕާޓީގެ އިދާރީ ކަންކަން ހިންގުމުގައި ކުރިމަތިވި ބައެއް ގޮންޖެހުންތައް، "ސަން"އާ ހިއްސާ ކުރައްވަމުންނެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ސަބަބުން އެމްޑީޕީގެ އިސް އެތައް ބޭފުޅުންނެއް ރާއްޖެއިން ބޭރުގައްޔާއި ޖަލު ތަކުގައި ތިބި އެފަދަ އުނދަގޫ ދުވަސްވަރެއްގައި ވެސް ޕާޓީން ކުރި މަސައްކަތްތައް ދެނެގަންނާނީ އިންތިޚާބުތަކުގައި ހޯދި ނަތީޖާއިން ކަމަށެވެ.

"މަގުމަތީގައި އަޅުގަނޑުމެން ހިނގާފައި ދަނިކޮށް ދަމާހަލާފަ ޖިޕަށް ލައިގެން ގެންގޮސް ހައްޔަރުކުރާ ދުވަސްވަރެއްގެ ވާހަކަ މި ދަންނަވަނީ. އެ ދުވަސްވަރު ޕާޓީން ކުރަންހުރި ކަންކަން ކިހާރަކަށްތޯ ކުރެވުނީ އެއީ އިންތިހާބުތަކުގެ ނަތީޖާއިން ފެންނާނެ ކަންކަން،" ހަސަން ވިދާޅުވިއެވެ.

"އެފަދަ ގޮންޖެހުންތަކާއެކީގައި ވެސް ޕާޓީގެ މެންބަރުންގެ އެތައް ބައިވަރު މަސައްކަތަކުން ޕާޓީގެ ހުރިހާ އިންތިހާބެއް އެ ހުރީ ކާމިޔާބު ކުރެވިފައި. އެއީ ވެސް އެއްކަމެއްގެ ގޮތުގައި ބަލައިފިނަމަ މި ޕާޓީއަށް ދުވަހަކުވެސް ނުލިބޭ ވަރުގެ ބޮޑު ކާމިޔާބެއް. މުޅި ރާއްޖެއަށް ވެސް ނުލިބޭ ވަރުގެ ކާމިޔާބީއެއް."

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައިވަނީ ޕާޓީގެ ހިންގުން މިވަގުތު އޮތީ ޕާޓީގެ ސައިޒުގައި ނޫން ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ މަސައްކަތްތައް ވެސް ހުރީ މެންބަރުން ލަދުވެތިވާންޖެހޭ ހިސާބުގައި ކަމަށާއި މެންބަރުންނަށް ވެސް ލިބެނީ ހައްގު މިންވަރެއް ނޫން ކަމަށެވެ.

ހަސަން ވިދާޅުވީ އެމްޑީޕީގެ ސަރުކާރަކުން އަސާސްތަކާ މުޅިން ޚިލާފަށް އެތައް ކަމެއް ކުރާން ފެށުމުން ޕާޓީގެ ހަރަކާތްތައް ހިންގުމަކީ އުނދަގޫ ކަމަކަށްވި ކަމަށެވެ. އަދި ވިދާޅުވީ ދެއްކި ވާހަކައާ ޚިލާފަށް ސަރުކާރުން ކަންކަން ކުރާތަން ފެނުމުން މެންބަރުންނާއި އެމްޑީޕީއާ ވެސް ދުރުވާ ކަމަށެވެ.

"މި ސަރުކާރުން ކުރާ ވަރަށް ގިނަ ކަންތައްތައް އެބަ ހުރޭ އެމްޑީޕީ މެންބަރުން އެދުނު ގޮތް ނޫން ގޮތްގޮތަށް. އެކަމާ ހުރެ އެމްޑީޕީއަށް ބަސް ބުނަން ނުކެރޭ ދަރަޖައަށް ސަރުކާރުގެ އަމަލުތަކުން ގެންގޮސްފައި ހުރި ކަންކަން އިންތިހާއަށް ގިނަ ވީމަ އެމްޑީޕީ މެންބަރުން ތިބީ ހަގީގަތުގައި މި ސަރުކާރު ދެކެ ވަރަށް ފޫހި ވެފައި،" ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވަން ބައެއް މެންބަރުން އެދޭ ކަމަށާއި ނަމަވެސް އެފަދަ ޖަލްސާއެއް ބާއްވައިގެން ދައްކަން ހުރީ ސަރުކާރު ތެރޭގައިވާ އެފަދަ މައްސަލަތަކުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެ ވާހަކަތަކަކީ ޖަލްސާތަކުގައި ދެއްކޭނެ ވާހަކައެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"އެއީ ޙަޤީޤަތުގައި އެމްޑީޕީގެ ހަރަކާތްތައް ވެސް ފަނޑުވާ ސަބަބަކީ،" ހަސަން ވިދާޅުވިއެވެ.

ހަސަންގެ ދައުރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާއިރު އޭނާއަކީ އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނަވައިގެން ފަސް އަހަރުގެ ދައުރު ފުރިހަމަކުރެއްވި ހަމައެކަނި ބޭފުޅާއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާ ހަސަން ލަތީފް، ހަވާލުވެވަޑައިގަތީ ފެބްރުއަރީ 12، 2017 ވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެއާޕާސަންކަމާއި އަންހެނުންގެ ރޫހު އަދި ޒުވާނުންގެ ރޫހުގެ އިންތިހާބުވެސް ބާއްވަން ހަމަޖެހިފައިވަނީ އަންނަ އޭޕްރިލް މަހުގެ 16 ވަނަ ދުވަހުއެވެ.

comment ކޮމެންޓް