ޤާނޫނުން ލިބިދޭ ހިމާޔަތާއި ހައްގު މިންވަރު ހޯދައިދިނުމުގައި ރައީސް ސާބިތުކަން ދައްކުވައިދީފި: އެމްޓީޑީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި ޤާނޫނުން ލިބިދޭ ހިމާޔަތާއި ހައްގު މިންވަރު ހޯދައިދިނުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް ގެންދަވަނީ ފުރިހަމަ ސާބިތުކަން ދައްކުވައިދެއްވަމުން ކަމަށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓިކް (އެމްޓީޑީ)އިން ބުނެފިއެވެ.

އެމްޓީޑީން މިހެން ބުނީ ރައީސް ޞާލިޙަށް އަވަސް ޝިފާއަކަށް އެދުމަށާއި އަދި ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމަށް ގޮވައިލައި އެ ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނުގައެވެ.

އެ ބަޔާނުގައި ވަނީ ރައީސް ޞާލިޙް، ވެރިކަންކުރައްވަނީ ރާއްޖޭގެ އެތެރެއިންނާ ބޭރުން ބޮޑެތި ގޮންޖެހުން ކުރިމަތިވަމުން އަންނަ ދުވަސްވަރެއްގައިކަން ފާހަގަ ކޮށްފައެވެ. އެގޮތުން އެ މަނިކުފާނު ގެންދަވަނީ ކެތްތެރިކަމާއެކީ އެ ހުރިހާ ގޮންޖެހުމަކާ ވެސް ކުރިމަތިލައްވައި މި ގައުމު ހަމަމަގަށް އެޅުވުމުގެ އިތުރުން ގައުމީ އަދި ބައިނަލްއަޤްވާމީ އެތައް ކާމިޔާބީއެއް ހޯއްދަވަމުން ކަމަށް ބުނެފައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ ސޯޝަލްމީޑިއާގައި އެންމެންގެ ޖަޒުބާތުތައް އޮއްސަމުން އަންނަ މި ދުވަސްވަރު، ރައީސް ޞާލިޙް އިސް ކުރެއްވީ ހިކުމަތްތެރިކާމާއި ކެތްތެރިކަން ކަމަށެވެ. އަދި ދުވަހަކުވެސް ނުރުހުމުގެ ބަހެއް ރައްޔިތަކާއި އަދި އިދިކޮޅު ފަރާތަކާ ދިމާލަށް ވެސް ވިދާޅެއްނުވާ ކަމަށެވެ.

"ރައްޔިތުންގެ އަޑުއައްސަވާ. އަދި ވަކިވަކި ފަރުދުންގެ އަސާސީ ހައްގުތަކާއި ގާނޫނުން ލިބިދޭ ހިމާޔަތާއި ހައްގުމި ންވަރު ހޯދައިދިނުމުގައި ފުރިހަމަ ސާބިތުކަން ރައީސް ޞާލިޙް ދަނީ ދައްކުވައިދެއްވަމުން،" ބަޔާނުގައިވެއެވެ.

އެމްޓީޑީ އިން ބުނީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔެއަށް ދިމާވި އެންމެ ބޮޑު ސިއްހީ ކާރިސާ ނުނިމިގެން އުޅެނިކޮށް ހަނގުރާމައިގެ ވިލާތަކާއި ހަރަކާތްތައް މި ވަނީ މުޅި ދުނިޔެ ބަނަކޮށްލައިފައި ކަމަށެވެ.

"ޔޫކްރެއިންގައި ތިބި ދިވެހި ކުދިން ވީހާވެސް އަވަހަކަށް ސަލާމަތުގެ އައްސޭރިއަށް ގެންދެވި އަވަހަށް ދިވެހި ގައުމަށް އަނބުރާ ގެނައުމަށް ގޮވާލަން،" ބަޔާނުގައި ވެއެވެ.

"މިއީ ދިވެހިން އެއްބައިވާންވީ ވަގުތު. އަޅުގަނޑުމެންގެ އެތެރޭގެ ވާދަވެރިކަން ދޫކޮށް ގައުމުގެ ހައްގުގައި، އަންނަން ހުރި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި އެންމެން އެކީގައި މަޝްވަރާކުރަންވީ ވަގުތު،"

އިތުރަށް ބަޔާނުގައި ބުނެފައިވަނީ ރައީސް ޞާލިޙަށް އަވަސް ޝިފާއެއް ދެއްވުމަށާއި އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު އަށާއި އާއިލާއަށް ކެތްތެރިކަމާއި ހިތްވަރުދެއްވުމަށް އެދި ދުއާކުރާ ކަމަށެވެ.

comment ކޮމެންޓް