އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބަކީ ވޯޓަކުން މި ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު ކަމަށާއި އެ ފުރުސަތުގެ ބޭނުން ހިފައި، ރައްޔިތުން މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.
ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް މިއަދު ކުރިއަށްދާ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެދުމަކީ ޕްރައިމަރީގައި ކާމިޔާބުވާ ބޭފުޅުންގެ ފަހަތުގައި ހުރިހާ އެންމެން ވެސް ތިބުން ކަމަށެވެ. އަދި ކުރިމަތީގައި އޮތް ޚުދުމުޚްތާރު، އަނިޔާވެރި އަދި ދޮގާއި ފަސާދައާއި ކޮރަޕްޝަން ސަރުކާރުގެ ކުރިމަތީގައި އެމްޑީޕީން ނުކުމެ އަތުގުޅައިލުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިއަދު ފެނިގެންމިދަނީ އެމްޑީޕީގެ މަސައްކަތްތައް ތަރުތީބުވާ މަންޒަރު ކަމަށެވެ. އަދި ސަރުކާރަށް ނޫނެކޭ ބުނެ، އެމްޑީޕީން ނުކުމެ ކައުންސިލް އިންތިޚާބު ބޮޑުތަނުން ބަލިކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.
ވޯޓަކުން ސަރުކާރަށް މެސެޖެއް ދޭން ލިބޭ ފަހު ފުރުސަތު މިއީ. އެހެންވީމަ މި ފުރުސަތުގައި އަޅުގަނޑުމެން ޖެހޭނީ ސަރުކާރުގެ ގޮތެއް ފޮތެއް ނެތް ސިޔާސަތުތަކަށް ނޫނެކޭ ބުނަން. އިރާދަކުރެއްވިއްޔާ ކައުންސިލް އިންތިޚާބުގައި ބޮޑުތަނުން [ސަރުކާރު] ބަލިކޮށްލާނަން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

ރައީސް ޞާލިޙު، އެމްޑީޕީ ޕްރައިމަރީގައި ވޯޓުލައްވަން ވަޑައިގަތުން -- ސަން ފޮޓޯ/ އަހުމަދު އިޔާދު
އެމްޑީޕީ ޕްރައިމަރީގައި ވޯޓު ދެއްވުމަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވީ ބައެއް ރަށްރަށަށް ދަތުރުކުރެއްވުމަށްފަހު އެމަނިކުފާނަށް ފެނިވަޑައިގަތީ ކައުންސިލްތަކަށް އެމަނިކުފާނުގެ ވެރިކަމުގައި އެ ލިބުނު ބާރާއި ތަނަވަސްކަމާއެކު ވަރަށް ގިނަ މަސައްކަތްތައް ކޮށްފައި އޮތް މަންޒަރު ކަމަށެވެ. އެހެންކަމުން އަދިވެސް ކުރަންވީ ކަމަކީ ބާރުތައް ކައުންސިލްތަކަށް ދޫކޮށް، މާލީ ތަނަވަސްކަން ކައުންސިލްތަކަށް ލިބޭނެ ގޮތް ހެދުން ކަމަށް ޞާލިޙު ވިދާޅުވިއެވެ.
އެންމެ ކައިރިން ރަށެއްގެ ހާލަތު ދެނެގަނެވޭނެ މީހުންނަކީ އެރަށެއްގައި ތިބޭ މީހުން ކަމަށާއި އެމީހުންނަށް ބާރުތައް ނެތް ހާލަތުގައި ރަށްރަށަށް ކަންކަމެއް ނުވާނެ ކަމަށް ޞާލިޙު ވިދާޅުވިއެވެ.
އެހެންކަމުން އެމަނިކުފާނުގެ އިލްތިމާސަކީ އަދި ބޭނުންފުޅުވާ ގޮތަކީ ވެސް އިންތިޚާބަށް ފަހު އެންމެން އެކުގައި މަސައްކަތްކޮށް، ކައުންސިލްގެ ގޮނޑިތައް އެމްޑީޕީއަށް ނަގައިދިނުން ކަމަށް ޞާލިޙު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމަށް އަޅުގަނޑުމެންނަށް އެބަހުރި ދަތިތައް. ސަރުކާރުގެ ފަރާތުން ވެސް. އެހެންނަމަވެސް އަޅުގަނޑަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި ނަގާ ފަހަރަކަށް މިފަހަރު އެމްޑީޕީ ވާތަން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު
އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދަނީ -- ސަން ފޮޓޯ/ މޫސާ ނަދީމް
ޖުމުލަ 154 ކެންޑިޑޭޓުން ވާދަކުރާ މި ޕްރައިމަރީ ފެށީ މިއަދު މެންދުރުފަހު 14:30 ގައެވެ. ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މިރޭ 20:00އާ ހަމައަށެވެ. މި ޕްރައިމަރީގައި މާލޭގައި ރަށްރަށުގެ ފޮށިތައް އެންމެ ގިނައިން ބަހައްޓަނީ މަޖީދިއްޔާ ސުކޫލުގައެވެ. އެގޮތުން 18 ވޯޓު ފޮށްޓެއް ހަމައެކަނި މަޖީދިއްޔާ ސްކޫލުގައި ބަހައްޓާފައި އެބަހުއްޓެވެ.
މަޖީދިއްޔާ ސްކޫލުގެ އިތުރުން މާލޭގައި ދެން ފޮށިތައް ބަހައްޓަނީ އިސްކަންދަރު ސްކޫލާއި ހިރިޔާ ސްކޫލާއި ގަލޮޅު މަދަރުސާގައެވެ. ވިލިމާލޭގެ ފޮށި މުޙްޔިއްދީން ސްކޫލުގައި ބަހައްޓާއިރު، ހުޅުމާލެ މެދާއި ދެކުނު ދާއިރާތަކުގެ ފޮށިތައް ޣާޒީ ސްކޫލުގައި، އަދި ހުޅުމާލޭ އުތުރު ދާއިރާގެ ފޮށި ބަހައްޓަނީ ކާމިލު ދީދީ ސްކޫލުގައެވެ.
މިއަދު ކުރިއަށްދާ ޕްރައިމަރީގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މާލޭގެ މޭޔަރުކަމުގެ ޓިކެޓަށެވެ. އެއްކޮޅުން ވާދަކުރައްވަނީ މާލޭގެ މިހާރުގެ މޭޔަރު އާދަމް ޢާޒިމެވެ. އަދި އަނެއްކޮޅުން ވާދަކުރައްވަނީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަނުކޮށް ވެސް ބައެއް ކެންޑިޑޭޓުންނަށް މިހާރު ވަނީ އެމްޑީޕީގެ ޓިކެޓު ލިބިފައެވެ. އެ ތަފުސީލު ހޯދުމަށް 'ސަން'އިން މަސައްކަތް ކުރި ނަމަވެސް، މިހާތަނަށް ލިބިފައެއް ނުވެއެވެ.