ތަމްރީން ޕްރޮގްރާމެއްގައި 56 ސިވިލް ސާވެންޓުން އިންޑިއާއަށް

އިންޑިއާއަށް ފުރާ ސިވިލް ސާވެންޓުންނާ އެކު މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސީއެސްސީ

ދިވެހި ސިވިލް ސާވަންޓުންގެ ކެޕޭސިޓީ އިތުރު ކުރުމުގެ ގޮތުން ތަމްރީން ދަތުރެއްގައި 56 މުވައްޒިފުން އިންޑިއާއަށް ފުރުމަށް ތައްޔާރުވެއްޖެއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ އަންނަ ހޮނިހިރު ދުވަހު އިންޑިއާއަށް ފުރާ ޑެލިގޭޝަންގައި ޖުމްލަ 60 މެންބަރުން ހިމެނޭ ކަމަށެވެ.

ދެހަފްތާގެ ޓްރެއިނިން ޕްރޮގްރާމް ނިންމާލުމަށްފަހު ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 12 ވަނަ ދުވަހުއެވެ.

ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމަކީ ސިވިލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޯ ގުޑް ގަވާނަންސް (އެންސީޖީޖީ) އާ ދެމެދު 2019 ވަނަ އަހަރު ސޮއި ކުރި އެމްއޯޔޫއެއްގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ. މިއީ އެ ޕްރޮގްރާމްގެ ނުވަ ވަނަ ބެޗެވެ.

ދެ ހަފްތާގެ އެ ދަތުރުގައި ޓީމުން ނިއުދިއްލީ އަދި މުސޫރީއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

އިންޑިއާއަށް ފުރާ ސިވިލް ސާވެންޓުންނާ އެކު މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ/ ސީއެސްސީ

އިންޑިއާއަށް ފުރުމުގެ ކުރިން, ބައިވެރިންނާ އެކު މިއަދު ސީއެސްސީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޮމިޝަނުގެ ރައީސް ވަނީ, ސިވިލް ސާވިސްގެ މުވައްޒަފުންނަކީ ސަރުކާރު ހިންގުމުގެ އީޖާދީ ވިސްނުން ގެންގުޅޭ، ހީވާގި މުވައްޒަފުންތަކެއްކަން ކަށަވަރުކުރެއްވުމަށް މިފަދަ ތަމްރީނު ޕްރޮގްރާމް ތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައި ވާހަކަ ދައްކަވާފައެވެ. އަދި މި ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފައިގެން އިންޑިއާގެ ސިވިލް ސާވަންޓުންނާ ތަޖުރިބާ ހިއްސާކޮށްގެން ދަސްކުރުމަށް ބައިވެރިންނަށް ހިތްވަރު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައިވާ ސަފީރު މުނު މަހާވަރް ވިދާޅުވީ, އިންޑިއާ ރާއްޖޭގެ ޕާޓްނާޝިޕްގެ މައިގަނޑު އެއް ތަނބަކީ ތަމްރީން ޕްރޮގްރާމް ތަކާއި ކެޕޭސިޓީ އިތުރުކުރުމުގެ ހަރަކާތްތައް ކަމަށެވެ. އަދި އެކި ވުޒާރާތަކާއި، ލޯކަލް ކައުންސިލްތަކާއި، ޞިއްޙީ އަދި ތަޢުލީމީ މުއައްސަސާތަކާއި، އަންހެނުންގެ ބައިވެރިވުން ވަރަށް ރަނގަޅަށް އޮތްކަން ސަފީރު ފާހަގަ ކުރެއްވިއެވެ. ހަމައެއާއެކު ލާމަރުކަޒީ އުޞޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް، ކައުންސިލްތަކުގެ ބައިވެރިވުން ވަރަށް ބޮޑުކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.

މި އެމްއޯޔޫގެ ދަށުން މިހާތަނަށް 220 ސިވިލް ސާވަންޓުންގެ އަށް ބެޗަކަށް ވަނީ ތަމްރީނު ދެވިފައެވެ. ނަވަ ވަނަ ބެޗާއެކު ބައިވެރިންގެ އަދަދު 300 އާ ގާތްކުރާއަދަދަކަށް އަރާނެއެވެ. ވެރިކަމުގެ ފަސް އަހަރު ނިމުމުގެ ކުރިން ސިވިލް ސާވިސްގެ އެއްހާސް މުވައްޒިފުންނަށް ތަމްރީން ދިނުމަށް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

comment ކޮމެންޓް