އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ހިމެނުނީ އުޒްބެކިސްތާން، ތައިލެންޑް އަދި ލަންކާއާއެކު ގްރޫޕް ސީ ގައި

ރާއްޖޭގެ ގައުމީ ޓީމު --- ސަން ފޮޓޯ

އަންނަ އަހަރު ޗައިނާގައި އޮންނަ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ، އުޒްބެކިސްތާން، ތައިލެންޑް އަދި ސްރީ ލަންކާ އެއް ގުރޫޕެއްގައި ހިމެނިއްޖެއެވެ.

އޭއެފްސީން މިއަދު ވަނީ އޭޝިއަން ކަޕް ކޮލިފިކޭޝަންގެ ގުރު ނަގައިފައެވެ. ރާއްޖެ ހިމެނޭ ގްރޫޕް ސީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހު އުޒްބަކިސްތާނުގައެވެ. ކޮލިފިކޭޝަން މެޗުތައް ސެންޓްރަލައިޒުކޮށް ކުޅުމަށް ހަމަޖެހިފައިވާތީ ދެ ލެގު މެޗެއް ނުކުޅޭނެއެވެ. މިހާރު އޮތް ގޮތުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް، ގްރޫޕްގެ އެއް ވަނަ ހޯދާ ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާނެއެވެ. އަދި ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ފަސް ޓީމަށް ވެސް އޭޝިއަން ކަޕުން އޮތީ ޖާގަ ލިބޭ ގޮތަށެވެ.

ރާއްޖެ ވަނީ މީގެ ކުރިން ތައިލެންޑާ ދެކޮޅަށް ތިން މެޗެއް ކުޅެފައެވެ. އެ ތިން މެޗުގައި ވެސް ރާއްޖެ ބަލިވީއެވެ. މިދިޔަ އަހަރު ރާއްޖޭގައި އޮތް ސާފު ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ލަންކާއާ ދެކޮޅަށް ކުޅެ އެ ޓީމު ބަލިކޮށްފައެވެ.

އޭގެ ފަހުން ޑިސެމްބަރު މަހު ލަންކާގައި އޮތް މަހިންދަ ރާޖަޕަކްސް ފުޓްބޯޅަ މުބާރާތުގައި ވެސް ރާއްޖެ ވަނީ ލަންކާއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުގައި ރާއްޖެއިން ހަތަރު ލަނޑު ޖަހާފައި ވަނިކޮށް، ލަންކާއިން ވަނީ ފަހަތުން އަރައި ރާއްޖެއާ އެއްވަރުކޮށްފައެވެ.

އޭޝިއަން ކަޕުން ފުރުސަތު ލިބެނީ 24 ޓީމަށެވެ. ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އަނެއް ބުރަށް ދަތުރު ކުރި 12 ޓީމަށް މިހާރު ވެސް ވަނީ މުބާރާތުން ޖާގަ ކަށަވަރުވެފައެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޗައިނާއަށް ވަނީ އޮޓޮމެޓިކް ޖާގަ ކަށަވަރުވެފައެވެ.

comment ކޮމެންޓް