ޝާމްކަރައިގެ ބައިތުލްމަޤުދިސަކީ މުސްލިމުންގެ ހިތްތަކުގެ ނުހަނު މަތިވެރި ޤަދަރަކާއި އިޙުތިރާމެއް އެބިމަކަށް ދެވިފައިވާ މާތް ބިމެކެވެ. އެބިމުގެ މާތްކަމުގެ ވާހަކަ ކީރިތި ޤުރުއާނާއި މާތް ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބަސްފުޅުތަކުން ސާބިތުވެއެވެ. ބައިތުލްމަޤުދިސް ނުވަތަ ޤުދުސްގައިވާ އެންމެ މާތް މުޤައްދަސް ބިނާއަކީ އަލްމަސްޖިދުލްއަޤްޞާއެވެ.
ކީރިތި ރަސޫލާ މުޙައްމަދު ސައްލައްﷲއަލައިހި ވަސައްލަމް ނުބުއްވަތުގެ ތެދުކަން ކަށަވަރު ކުރެއްވުމުގެ ގޮތުން މާތް ﷲ އިތުރު އެކަލޭފާނަށް ދެއްވި މަތިވެރި މުޢުޖިޒާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް މުޢުޖިޒާތަކީ އިސްރާއާއި މިޢުރާޖުގެ މުޢުޖިޒާތެވެ. އިތުރުއެކަލޭގެފާނު މައްކާއިން ބައިތުލްމަޤުދިސަށް ކުރެއްވި ދަތުރުފުޅަކީ އިސްރާއެވެ. އަދި ބައިތުލްމަޤުދިސްގެ އަލްމަސްޖިދުލްއަޤްޞާއިން އުޑުތަކަށް ކުރެއްވި ދަތުރުފުޅަކީ މިޢުރާޖެވެ. މި ދެދަތުރުފުޅަކީ ވެސް ތެދު ޙަޤީޤަތެއްކަން ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުން ސާބިތުކޮށްދެއެއެވެ.
އަލްމަސްޖިދުލް އަޤްޞާއަކީ ދުނިޔޭގައި ދެވަނައަށް ބިނާކުރެވުނު މިސްކިތެވެ. އަރަބި ބަހުން "އަލްމަސްޖިދުލްއަޤްޞާ" މި ބަހުގެ މާނައަކީ އެންމެ ދުރުގައި ހުންނަ މިސްކިތެވެ. ކަޢުބަތުﷲ ގެފުޅާއި ދުރުގައިވާ މުޤައްދަސް މިސްކިތަކީ އަލްމަސްޖިދުލް އަޤްޞާއެވެ. މިކަމާ ގުޅުވައިގެން އަލްމަސްޖިދުލް އަޤްޞާއަށް އެ ނަން ދެވުނެވެ.
އަލްމަސްޖިދުލް އަޤްޞާއަށް އިސްލާމް ދީނުގައި ވަނީ މަތިވެރި ޤަދަރަކާއި ޝަރަަފެއް ދެވިފައެވެ. އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލައެވެ. އިސްރާގެ މާތް ދަތުރުފުޅުގައި ކީރިތި ރަސޫލާ އެެ މިސްކިތުގައި ނަބީބޭކަލުންނާއެކު އިމާމުވެ ނަމާދުކުރެއްވިއެވެ. އެއީ މުސްލިމުންގެ މުޤައްދަސް ތިންވަނަ މިސްކިތެވެ.
ޢަބްދުﷲ އިބްނު ޢުމަރު (ރއ) ރިވާކުރައްވައިފައިވާ ބަސްފުޅެއްގެ މާނާއިގައިވަނީ "އަހަރެމެން ރަސޫލާ (ސއވ) އާ އެކު މަސްޖިދުލްއަޤްޞާއަށް ކުރިމަތިލައިގެން 16 ނޫނީ 17 މަސް ވަންދެން ނަމާދުކުރީމެވެ. އޭގެ ފަހުން މާތްﷲ ރަސޫލާއަށް ވަޙީ ކުރެއްވީ މައްކާގައިވާ މާތްﷲގެ ގެކޮޅު، ކައުބާއަށް ކުރިމަތިލައިގެން ނަމާދުކުރާށެވެ" (އަލްބުޚާރީ)
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހީވެފައިވަނީ މަސްޖިދުލް އަޤްޞާއަކީ އެއް މިސްކިތެއްގެ ގޮތުގައިއެވެ. ނަމަވެސް މިއީ ކުށްހީއެވެ. މަސްޖިދުލް އަޤްޞާ ހުންނަ އިމާރާތުގައި އެއް މިސްކިތަށްވުރެ ގިނަ މިސްކިތް ހުރެއެވެ. އޭގެ ތެރޭގައި ބުރާޤް މިސްކިތް އަދި މަރްވާނީ މިސްކިތް ހިމެނެއެވެ.
މަސްޖިދުލް އަޤްޞާއޭ ބުނުމުން އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކަށް ސިފަވާނީ މިސްކިތުގައިވާ ރަން ކުލައިގެ މުންނާރެވެ. މިއީ އިސްލާމީ ތާރީޚްގައި ބިނާކުރެވުނުއެންމެ ފުރަތަމަ މުންނާރެވެ. މުންނާރަކީ މިހާރު ގިނަ މިސްކިތްތަކުގައި ހުންނަ އެެއްޗެކެވެ. އެންމެ ފުރަތަމަ މުންނާރު ފަރުމާކޮށްފައި ވަނީ ލަކުޑިންނެވެ. ނަމަވެސް މިހާރު މުންނާރަށް ވަނީ ތަފާތު ބަދަލުތަކެއް ގެނެވިފައެވެ. އެގޮތުން، ކުރިން ލަކުޑިން ފަރުމާކޮއްފައިވާ މުންނާރު ވަނީ މާބްލްއަށް ބަދަލުކޮށް ރަންކުލައިގެ ފަށަލައެއް ލެވިފައެވެ.
ހިތާމައަކީ، އަލްމަސްޖިދުލްއަޤްޞާ މިއަދު މުސްލިމުންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށުން ބީވެފައިވާކަމެވެ. އަލްމަސްޖިދުލްއަޤްޞާ މުސްލިމުންގެ ފުރިހަމަ ބާރުވެރިކަމުގެ ދަށަށް ގެނައުމަށް މަސައްކަތްކުރުމަކީ މިއަދު ޖީލުތަކުން އަދާކުރަންޖެހޭ ދީނީ މަސްއޫލިއްޔަތެކެވެ. އިސްލާމީ އުންމަތުގެ ޢިއްޒަތާއި ޝަރަފް އިޢާދަކުރެވެން އޮތީ އަލްއަޤްޞާ މިސްކިތް މިނިވަންކުރެވިގެންނެވެ. މާތްﷲ އެކަމުގައި އިސްލާމީ އުންމަތަށް ތައުފީޤު ދެއްވައި ނަޞްރާއި ކާމިޔާބު މިންވަރު ކުރައްވާށިއެވެ. އާމީން.