ވެސްޓަން އޭޝިއާ ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް ރާއްޖޭގައި

ނެޝަނަލް ޗެސް ޗެމްިޕިއަންޝިޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ / ޔޫތު މިނިސްޓްރީ

ވެސްޓަން އޭޝިއާ ޖޫނިއާ ޗެސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމަންޓް އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައެވެ.

މިއީ ރާއްޖޭގައި ޗެސްގެ ބައިނަލްއަގުވާމީ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތަކީ ހުޅަނގު އޭޝިއާގެ ގައުމުތަކުން ވާދަކުރާ ޖޫނިއާ އެންމެ ބޮޑު ޗެސް މުބާރާތެވެ. އަންނަ މަހުގެ 15 އިން 25 އަށް މި މުބާރާތް ބޭއްވުމަށް ހަމަޖެހައިވަނީ އއ. އުކުޅަހުގައިއެވެ.

މި މުބާރާތުގައި 26 ފެޑެރޭޝަނަކުން 350 ކުޅުންތެރިން ވާދަކުރާނެއެވެ. މުބާރާތުގައި ވާދަކުރާ ގައުމުތަކަކީ ސްރީލަންކާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، އިންޑިއާ، އަފްގާނިސްތާން، ތަޖިކިސްތާން، އުޒްބަކިސްތާން، ކަޒަކިސްތާން، ލެބަނަން، ބަހްރެއިން، އިރާން، އޮމާން، އިރާގް، ފަލަސްތީން، ގަތަރު، ޖޯޑަން، ކުވެއިތު، ސައުދީ އަރަބިއްޔާ، ސީރިޔާ، ޔަމަން، ޔުއޭރީ އަދި ރާއްޖެއެވެ.

މި މުބާރާތުގައި ވާދަކުރާނީ 18 އަހަރުން ދަށުގެ ކުޅުންތެރިންނެވެ. މުބާރާތް ކުރިއަށްދާނީ ހަ ކެޓަގަރީއަކަށެވެ. އެއީ 18 އަހަރުން ދަށް، 16 އަހަރުން ދަށް، 14 އަހަރުން ދަށް، 12 އަހަރުން ދަށް، 10 އަހަރުން ދަށް އަދި އަށް އަހަރުން ދަށުގެ އުމުރުފުރާއެވެ. މުބާރާތުގައި ކޮންމެ ގައުމަކުންވެސް އަންހެން އަދި ފިރިހެން ކުޅުންތެރިން ވާދަކުރާނެއެވެ.

ރާއްޖޭގައި 2019 ވަނަ އަހަރުގެ އޮގަސްޓް މަހުވަނީ ނެޝަނަލް ޗެސް އާކޭޑް ހުޅުވާފައެވެ. މިއީ ރަސްމީ ހޯލެއް ނެތި ރާއްޖޭގައި ޗެސްގެ އެކި ހަރަކާތްތައް ހިންގަމުން ދަނިކޮށް ހުޅުވި ތަނެކެވެ.

comment ކޮމެންޓް