ސްރީލަންކަން އާއި މަންތާ އެއާ ގުޅިގެން ހުވަދޫ، ކޮލަންބޯއާ ގުޅާލަނީ

ސްރީލަންކަން އެއާލައިންސްގެ ފްލައިޓެއް --

ސްރީލަންކަން އާއި މަންތާ އެއާ ގުޅިގެން ދެކުނުގެ އަތޮޅުތައް ސީދާ ކޮލަންބޯއާ ގުޅާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި، މަންތާ އެއާގެ ސީއީއޯ މުޙައްމަދު ޚަލީލް ވިދާޅުވީ މިވަގުތަށް ފެށުމަށް ހަމަޖެހިފައިވަނީ ކޫއްޑޫއާއި ގަމާ ދެމެދުގެ ދަތުރުތައް ކަމަށެވެ. އެގޮތުން، ކޮންމެ ހޮނިހިރު ދުވަހަކު މާލެއިން ގަމަށް އޮންނަ ފްލައިޓު ދަތުރުގެ ދެކޮޅުގައި ވެސް ކޫއްޑޫއަށް ޖެއްސުމަށް ވަނީ ހަމަޖެހިފައެވެ.

ކުރިއަށް އޮތް ތަނުގައި، ސްރީލަންކަން އިން އައްޑުއަށް ކުރާ ދަތުރުތައް އިތުރުވާ ވަރަކަށް ކޫއްޑޫ މަގުން ކުރާ ދަތުރުތައް ވެސް އިތުރުވާނެ ކަމަށް ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެކުނުގެ އެހެން އަތޮޅުތައް ގަމާ ގުޅާލުމުގެ މަސައްކަތް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން، ވަރަށް އަވަހަށް ދާލު އެއާޕޯޓުން ގަމަށް ސީދާ ދަތުރުތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސްރީލަންކަން އެއާލައިންސްގެ ރީޖަނަލް މެނޭޖަރު ޖަޔަންތާ އަބޭސިންހާ ވިދާޅުވީ މި ފުރުސަތަކީ އެ އެއާލައިނުން އައްޑޫއަށް ދަތުރުކުރަން ފެށީއްސުރެ، ހޯދަން އުންމީދުކުރި ފުރުސަތެއް ކަމަށެވެ. އަދި އެ އެއާލައިނުން އައްްޑޫއަށް ކޮންމެ ދުވަހަކު ދަތުރެއް ކުރުމަކީ މާ ދުރުގައި އޮތް ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަންތާ އެއާގެ އައްޑޫ ދަތުރުތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. ދަތުރުތައް ފެށުމުގެ ގޮތުން ޓިކެޓުތައް ހާއްސަ ޑިސްކައުންޓަކާއެކު ވިއްކަނީ 1250 ރުފިޔާއިން ފެށިގެންނެވެ.

comment ކޮމެންޓް