ޓެކްނޮލޮޖީއާ ދިވެހިބަސް މިއަށްވުރެ ރައްޓެހިވާން ޖެހޭ: ޔުމްނާ

މިހާރަށް ވުރެ ބޮޑަށް ޓެކްނޮލޮޖީ އާއި ދިވެހިބަސް ރައްޓެހިވާން ޖެހޭ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ދިވެހި ބަހުގެ އެކެޑަމީ އާއި ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފެކަލްޓީ އޮފް އާޓްސްގެ ގޮފި، ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާޓްސް (ސިއާ)އާ ގުޅިގެން މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔުމްނާ ވިދާޅުވީ މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރުން ވެސް ޓެކްނޮލޮޖީއާއި ބަހާ އޮންނަ ގުޅުން ރަނގަޅު ކުރަން ޖެހޭކަން އެނގޭ ކަމަށެވެ.

"ޓެކްނޮލަޖީގެ ދާއިރާގެ ބޭފުޅުންނާ އެކު އިތުރު މަސައްކަތްތަކެއް ކުރައްވަން އެބަ ޖެހޭ. ދިވެހި ބަސް ޓެންކޮލަޖީއާ މިއަށްވުރެ ރައްޓެހި ވާން ޖެހޭ," ޔުމްނާ ވިދާޅުވިއެވެ.

ދިވެހި ބަސް މިހާރަށްވުރެ ބޮޑަށް ޓެކްނޮލޮޖީއާ ރައްޓެހިކުރުވަން ކުރަންޖެހޭ މަސައްކަތްތައް ކޮށްދިނުމަށް މިނިސްޓަރު ޔުމްނާ ވަނީ ދިވެހި ބަހުގެ އެކެޑަމީގެ ކިބައިން އެދިވަޑައިގެންފައެވެ.

މާދަރީ ބަހުގެ ދުވަހާ ގުޅިގެން މިއަހަރަށް ކަނޑައަޅާފައިވާ ޝިއާރަކީ, 'ގިނަބަސް އެނގުމުގައި ފަންނިއްޔާތު ބޭނުންކުރުން: ގޮންޖެހުންތަކާއި ފުރުސަތުތައް' މިއެެވެ.

މާދަރީ ބަހުގެ ދުވަހާ ގުޅިގެން ރޭ ބޭއްވި ޖަލަސްގެ ތެރެއިން --- ސަން ފޮޓޯ: މުހައްމަދު ހައްޔާން

ބަހަކީ ހަމައެކަނި މުވާސަލާތު ކުރުމަށް ބޭނުންކުރާ ވަސީލަތެއް ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ, އެއީ އަޅުގަނޑުމެންގެ އަމިއްލަވަންތަކުމުގެ އެންމެ މުހިންމު ރަމްޒު ކަމަށެވެ.

"އަޅުގަނޑުމެން މިއީ ދިވެހީންކަން ދައްކައިދޭ އެންމެ މުހިންމު ރަމްޒަކީ އަޅުގަނޑުމެންގެ ދިވެހި ބަސް,"

ބަހަކީ އެބައެއްގެ ސަގާފަތާއި ތަރިކައާ ގުޅިލާމެހިފައިވާ އެއްޗެއްކަން ފާހަގަކުރައްވައި ޔުމްނާ ވިދާޅުވީ, އެއީ ސަގާފަތާއި ތަރިކައިގެ ތެރެއަށް ވަންނަން ދޮރުހުޅުވާލަން ބޭނުންކުރާ ތަޅުދަނޑި ކަމަށެވެ.

ދިވެހި ބަހަށް ހުރި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ, ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހުން މުއާމަލާތް ކުރުން ހުއްޓާލައިފި ނަމަ އެއީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.

ބަސް ނެތިގެންދާ ވާހަކަ ދައްކާއިރު ބަހުރުވަ ނެތިގެންދާ ވާހަކަ ވެސް ދައްކަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ދިވެހި ބަހުގައި ވެސް ތަފާތު މުއްސަނދި ބަހުރުވަތައް ހުރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, އެކަން ހުއްޓުވުމަށް ކުރެވެން ހުރި ކަންކަމާ މެދު ފުންކޮށް ވިސްނައި އެ މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމަށެވެ.

"އެބައެއްގެ އަމިއްލަވަންތަކަމާއެކު އެ ބައެއްގެ ބަހާއި ސަގާފަތާއި ތަރިކައާ އެކު ގެނެވޭ ތަރައްގީއަކީ ހަގީގީ ތަރައްގީ. އެއީ ދެމެހެއްޓެނިވި ތަރައްގީ," މިިނިސްޓަރު ޔުމްނާ ވިދާޅުވިއެވެ.

އަމިއްލަ ބަސް ރައްކާތެރިކުރުމުގައި ބެލެނިވެރިންގެ ދައުރު ނުހަނު ބޮޑުކަން ފާހަގަކުރައްވައި މިނިސްޓަރު ޔުމްނާ ވިދާޅުވީ, އެންމެ ތުއްތުއިރު ޅަފަތުގައި ދަރިންނާ ވާހަކަ ދައްކާ ބަހަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.

"މާދަރީ ބަހުގު ދުވަހަކީ ހަމައެކަނި ހެދުން އަޅައިގެން އައިސް މިތާ ވާހަކަ ދެއްކުމެއް ނޫން. މި މައްސަލަތަކަށް ފުންކޮށް ވިސްނައި ބަހުސްކޮށް މިއަށް ހައްލު ހޯދަން މަސައްކަތް ކުރުން," މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް