ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން، ފޮތް ލިޔުމަށް ހަ މީހަކަށް ފައިސާގެ އެހީ ދިނުމަށާއި އެ މީހުންނަށް ޖުމްލަ 341,100 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.
ފޮތްތެރިކަން ޔުނިވާސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމަށް ހިންގާ "ބުކް ރައިޓިންގް ގްރާންޓްސް" ލިބޭ މީހުން އިއުލާންކުރުމަށް އިއްޔެ އެމްއެންޔޫގެ އިދާރީ މަރުކަޒުގައި ވަނީ ރަސްމިއްޔާތެއް ބާއްވައިފައެވެ.
ބުކް ގުރާންޓް ލިބުނު ފަރާތްތައް:
- ޒަހުދާ އަބްދުލް ޢަޒީޒް (ހަޔާތުގެ ތަރާނާ: ތަފާތު ޅެންތަކުގެ ހަޒާނާ)
- ޢާއިޝަތު ސުއާދު (ހަލަނި ބޯޓު)
- މުޙައްމަދު ދީދީ (އައިލެންޑް ފޯމޭޝަން)
- އާމިނަތު ސަޢީދާ (ވެށީގައިވާ ލަފުޒު)
- ފާތިމަތު މުޙައްމަދު (އިސްރަށްވެހީންގެ އެހީތެރިންގެ އަތްމަތީ ފޮތް)
- ޑރ މުޙައްމަދު އުމަރު (ތަންގީދީކޮށް ވިސްނުން: ތަބީޢަތާއި ކިޔަވައިދެވިދާނެ ގޮތްތައް)
އެ ރަސްމިއްޔާތުގައި ޔުނިވާސިޓީން ވަނީ ދިރާސާކުރުމަށް ގުރާންޓް ލިބުނު ފަރާތްތައް ވެސް އިޢުލާންކޮށްފައެވެ. މިފަހަރު އެ ގްރާންޓް ލިބުނީ ޑރ. އާމިނަތު ޝިޔާމާ އާއި އަބްދުﷲ ޖަމީލަށެވެ. ދެ ބޭފުޅުންގެ ދިރާސާ ވެސް ތައުލީމީ ދާއިރާއާ ގުޅިފައިވާއިރު، ޖަމީލްގެ ދިރާސާ ޚާއްޞަކޮށްފައިވަނީ ރާއްޖޭގެ ސްކޫލުތަކުގައި ބަހުގެ ގަވާއިދު ކިޔަވައިދޭ ގޮތާއި ދަރިވަރުންނަށް ގަވައިދުގެ ބައިތައް އެނގިފައިވާ މިންވަރު ބެލުމަށެވެ.
އެމްއެންޔޫއިން ރިސާޗް ގްރާންޓް ދޭން ފެށީ 2014ގައެވެ. އެއީ ޔުނިވާސިޓީގައި ރިސާޗް މާހައުލެއް ގާއިމް ކުރުމަށާއ،ި އެކެޑެމިކް މުވައްޒަފުންނަކީ ރިސާޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ކަމަށް އެ ޔުނިވާސިޓީން ބުނެއެވެ.
ރިސާޗް ގްރާންޓް ދެނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާޗް ގްރާންޓްސް ކޮމިޓީން ބަލައި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަންކުރުމަށްފަހުއެވެ.
މިފަހަރުގެ ރިސާޗް ގްރާންޓްއަށް ޖުމްލަ 357,475 ރުފިޔާ ދޭން ވަނީ ނިންމައިފައެވެ.