އަހުމަދިއްޔާއަށް 40 އަހަރު: ރައީސް ދެއްވެވީ ޖާގަ އިތުރުކޮށްދެއްވާނެ ކަމުގެ އުފާވެރި ޚަބަރު

އަހުމަދިއްޔާ ސުކޫލަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސް ޞާލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ/ ރައީސް އޮފީސް

އަހުމަދިއްޔާ އިންޓަނޭޝަނަލް ސުކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ޖާގައިގެ މައްސަލަ ވަރަށް އަވަހަށް ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ދެއްވަވައިފިއެވެ.

އަހުމަދިއްޔާ ސުކޫލަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަހުމަދިއްޔާއަކީ ރާއްޖޭގައި ތައުލީމީ ބިންގާ އެޅުމަށްޓަކައި، ކުރި ވަރަށް ބުރަ މަސައްކަތެއްގެ ނަތީޖާ ކަމަށެވެ.

އެ ދުވަސްވަރު މާލޭގައި ގާއިމްކުރެވުނު އަވަށު ސުކޫލުތަކުގެ ތެރެއިން މިހާރު ހިނގަމުން އަންނަ ހަމައެކަނި ސުކޫލަކީ އަހުމަދިއްޔާ ކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އަހުމަދިއްޔާ ސުކޫލުން ރާއްޖޭގެ ތައުލީމީ މައިދާނުގައި ވަރަށް މަތީ މަގާމެއް ހާސިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން ސުކޫލުން ހޯދަމުން އަންނަ ރަން ވަނަތައް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މާލޭ ސަރަަހައްދުގައި މިވަގުތު ބޭބީ ނާސަރީން ފެށިގެން ގުރޭޑު 12 އަށް ކިޔަވައިދޭ ހަމައެކަނި ސުކޫލަކީ އަހުމަދިއްޔާ ކަމަށް ވެފައި، މި ސުކޫލަކީ ދަރިވަރުންނާއި ޓީޗަރުން ވެސް އެންމެ ގިނަ ސުކޫލު ކަމަށެވެ.

އަހުމަދިއްޔާގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކަތަކަށް އިޝާރާތް ކުރައްވައި، ރައީސް ވަނީ އެ ސުކޫލަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޖާގައިގެ މައްސަލަ ކަން ފާހަގަކުރައްވައިފައެވެ.

"އިތުރު ހަރަކާތެއް ބާއްވާނެ ބިންކޮޅެއް، ތުުއްތު ކުދިން ކުޅެން ނިކުމެލާނެ ބިން ކޮޅެއް ވެސް ނެތް. އެ މައްސަލަ މި ސުކޫލުގެ ފަރާތުން ވަނީ ސަރުކާރަށް ވެސް ހުށަހަޅައިފަ އަޅުގަނޑު ދަންނަވާނީ ކޮންމެ ދިގު އިންތިޒާރެއްގެ ފަހަތުގައި ފޮނި ނިމުމެއް ވާނެ ކަމަށް. އެ ކަމުގެ ސަރުކާރުން ވެދެވެން އޮތް އެންމެ ފުރިހަމަ އެހީތެރިކަމެއް ވެދެއްވުމަށް އަޅުގަނޑުމެން މި އަންނަނީ މަސައްކަތް ކުރަމުން،" ރައީސް ވިދާޅުވިއެވެ.

އަހުމަދިއްޔާ ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވުމަށް، ސުކޫލުން ކުރަމުން އަންނަ އިންތިޒާރުގައި ވަރަށް އަވަހަށް އަމަލީ ސިފަ ޖެހިގެން ދާނެ ކަމުގެ ޔަގީން ކަން ރައީސް ވަނީ ދެއްވަވައިފައެވެ.

ސުކޫލަށް 40 އަހަރު ފުރުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވަނީ ދިގު މުއްދަތަކަށް އެ ސުކޫލަށް ހިދުމަތް ކޮށްދެއްވައިފައިވާ މުވައްޒަފުންނާއި ޓީޗަރުންގެ އަގު ވަޒަންކޮށްފައެވެ.

comment ކޮމެންޓް