ސަވާދީއްތަ ދަތުރުގެ ފަހު މަންޒިލުގައި ބައިވެރިން ބަނދަރުކޮށްފި

ސަވާދީއްތަ ދަތުރުގެ ބައިވެރިން އެންމެ ފަހު މަންޒިލުގައި ބަނދަރުކުރުން --- ފޮޓޯ/އެމްއައިޓީސީ

މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އިންތިޒާމުކުރާ "ސަވާދީއްތަ ދަތުރު"ގެ ބައިވެރިން، ދަތުރުގެ އެންމެ ފަހު މަންޒިލް ކަމުގައިވާ ފަރި އައިލެންޑްސްގައި މިއަދު ބަނދަރުކޮށްފިއެވެ.

ދަތުރުގެ ބައިވެރިން ފަރި އައިލެންޑްސްއާ ހަމައަށް ފޯރީ މިއަދު މެންދުރުކުރީގެ ވަގުތެއްގައެވެ. މިރޭ ދަތުރު ނިންމާލުމުގެ ގޮތުން ބާއްވާ ގާލާ ނައިޓު ޕަޓީނާ ފަރި މޯލްޑިވްސް ރިސޯޓުގައި އޮންނާނެއެވެ.

އެމްއައިޓީޑީސީގެ ރައީސް މުޙައްމަދު ރާއިދު "ސަން"އަށް ވިދާޅުވީ ދަތުރުގައި ބައިވެރިވި ހަތް ޔޮޓުން ވެސް ދަތުރު އެއްކޮށް ފުރިހަމަ ކުރި ކަމަށެވެ.

"ވަރަށް ކާމިޔާބުކޮށް ދަތުރު މިދިޔައީ. އަޅުގަނޑުމެން ދާން ނިންމި މަންޒިލުތަކުގެ ތެރެއިން އެންމެ މަންޒިލެއް މިސްވީ. އެއީ ބ.ތުޅާދޫ، ކޮވިޑުގެ ހާލާގުޅިގެން އެރަށަށް ނުދެވުނީ،" ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން ވަނީ މީހުން ދިރިއުޅޭ 10 ރަށަކަށް މި ދަތުރުގައި ޒިޔާރަތްކޮށްފައެވެ. އޭގެ ތެރޭގައި ބޮޑު ތަކުރުފާނަށް ނިސްބަތްވާ އާސާާރުތައް ހުރި ރަށްރަށް ގިނައެވެ.

މި ދަތުރުގައި ޔޮޓުތައް ބައިވެރިވި ގައުމުތަކުގެ ތެރޭގައި، އެމެރިކާ، އޮސްޓްރޭލިއާ، އަޔަލެންޑް، ތައިލެންޑް، ޔޫއޭއީ އަދި އިންޑިއާ ހިމެނެއެވެ. އޭގެތެރޭގައި ސެއިލިން ޒަލާޓާ، ސެއިލިން އެކުއޭރިއަސް ފަދަ ސެލެބްރިޓީ ސެއިލަރުން ވެސް ހިމެނެއެވެ.

comment ކޮމެންޓް