ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުފައްދާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ ކޯޓު އުވާލުމުގެ މަސައްކަތް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަށައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ, ހުޅުމާލެ ކޯޓު އުވާލުމުގެ މަސައްކަތް ފެށުމަށް އެ ކޮމިޝަނުން ނިންމާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.
އެ ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން ފާހަގަވި އެއް ކަމަކީ އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ސުޕްރީމް ކޯޓުން މީގެ ކުރިން ފައިސަލާކޮށް ނިޔާ ކަނޑައަޅާފައިވުން ކަމަށް ޖޭއެސްސީން ބުންޏެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ އެ ނިޔާއަކީ ގާނޫނާ ހިލާފަށް އަދި ޙަޤީޤަތާ ވެސް ހިލާފް ކަންތައްތަކެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއް ކަން ޖޭއެސްސީން ވަނީ ފާހަގަކޮށްފައެވެ. އެހެން ކަމުން އެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
"ސްޕްރީމް ކޯޓުން އަށެއް ފެބްރުއަރީ 2022 ވަނަ ދުވަހު ނިންމަވާފައި ވަނީ ހަވާލާދެވުނު ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށް," ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށެވެ. ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ.
ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށެވެ. ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫނެވެ. އެއީ މާލޭގެ ދެ އަވަށެވެ.
އެހެންކަމުން މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައް ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އެއީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ސްޕްރީމް ކޯޓުން ކޮށްފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދާނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.
ހުޅުމާލޭ ކޯޓު ވުޖޫދަށް ގެނައީ 2012 ވަނަ އަހަރެވެ. އެ ކޯޓުން ބެލި ބޮޑެތި މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޓެރަރިޒަމްގެ މައްސަލަ ހިމެނެއެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ގެންދިޔައީ ހުޅުމާލޭ ކޯޓުގައި ބަލަމުން ދަނިކޮށެވެ.