ފަނޑިޔާރުންނަށް ފާރަލީ ކަމަށް ތުހުމަތު ކުރެވޭ ޑރ. ފާއިޒްގެ އިސްތިއުނާފު ހުކުމް މާދަމާ

ޑރ. ފާއިޒް: ފަނޑިޔާރުންނަށް ފާރަލީ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ޓްރައިބިއުނަލުން ވަނީ ނިންމައިފައި --

ފަނޑިޔާރުންނަށް ފާރަލިކަމުގެ ތުހުމަތުގައި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުން ވަކިކުރި ޑރ. ހުސެއިން ފާއިޒަށް މުސާރަ އާއި އިނާޔަތްތައް ދިނުމަށް އަންގާފައިވާ މައްސަލައިގެ އިސްތިއުނާފު ހުކުމް މާދަމާ ކުރުމަށް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ޑރ. ފާއިޒް ވަކިކުރީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހެވެ. އެއީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މުވައްޒަފުންނަށް ފާރަލެވޭ ގޮތަށް އެ ކޯޓުގައި ސީސީޓީވީ ކެމެރާ ހަރުކުރި ކަމަށް ބުނެއެވެ. ނަމަވެސް އެ ތުހުމަތުތައް ފާއިޒް ދޮގުކުރައްވައެވެ.

ފާއިޒު ވަކިކުރީ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޑްކޮށްފައިވެސް ބެހެއްޓުމަށް ފަހުގައެވެ.

https://sun.mv/212562

އެ މައްސަލަ ފާއިޒް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން އެ ޓްރައިބިއުނަލުން ވަނީ އޭނާ ވަކިކުރީ ގާނޫނާ ޚިލާފަށް ކަމަށް ނިންމައިފައެވެ.

އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަނުންނެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ނިމިފައި އޮންނަތާ މިހާރު ކުޑަ ދުވަސްކޮޅެއްވަނީ ވެފައެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނެނީ ހަސަން ޝަފީޢު, ހުސައިން މަޒީދު, އަދި މުޙައްމަދު ޝަނީޒް ޢަބްދުﷲ އެވެ. ބެންޗުގެ ރިޔާސަތަކީ ހަސަން ޝަފީއުއެވެ. މައްސަލައިގެ ހުކުމް އިއްވުމަށް ތާވަލުކޮށްފައި އޮތީ މާދަމާ މެންދުރު ފަހުގެ ވަގުތަކަށެވެ.

ފާއިޒް ސުޕްރީމް ކޯޓުގެ ސެކެޓްރީ ޖެނެރަލްކަމުން ވަކިކުރި ފަހުން ވަނީ ސިވިލް ސާވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކޮށްފައެވެ.

comment ކޮމެންޓް