ފަނޑިޔާރުންގެ އަޚްލާޤާ ގުޅޭ ޝަކުވާ އެބަ ލިބޭ، މުޖުތަމައުގައި އުޅޭއިރު ވެސް އަޚްލާޤް ހިފަހައްޓަން ޖެހޭ: ޖޭއެސްސީ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކް-- ފޮޓޯ: ޖޭއެސްސީ

ދިވެހި ރާއްޖޭގެ ބައެއް ފަނޑިޔާރުންގެ އަޚްލާޤާ ގުޅޭ ޝަކުވާ ލިބެމުން އަންނަ ކަމަށާއި، ފަނޑިޔާރުންނަކީ މުޖުތަމައުގައި އުޅޭއިރު ވެސް އަޚްލާޤް ހިފަހައްޓަން ޖެހޭ ބައެއް ކަމަށް, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް ޙުސްނީ މުބާރިކް ރޭ ވިދާޅުވެއްޖެއެވެ.

ހައިކޯޓަށް ދެ ފަނޑިޔާރަކާއި، ކްރިމިނަލް ކޯޓަށް ގާޒީއަކު އައްޔަން ކުރުމަށް ރޭ ވަނީ ރަސްމިއްޔާތެއް ބާއްވަވައިފައެވެ. ހައި ކޯޓަށް އައްޔަންކޮށްފައިވަނީ އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްރައޫފް އިބްރާހިމާއި އިސްމާއީލް ޝަފީއުއެވެ. އޭގެ ތެރެއިން ރައޫފަކީ މިދިޔަ މަޖިލިސް އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ބޭފުޅެކެވެ.

ރޭ ކްރިމިނަލް ކޯޓަށް އައްޔަންކޮށްފައިވަނީ އަހްމަދު ނިޔާޒެވެ.

https://www.sun.mv/217679

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މަނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާ ޙުސްނީ ވިދާޅުވީ ފަނޑިޔާރުންގެ އަޚްލާޤް ހިފަހައްޓަން ޖެހެނީ ހަމައެކަނި ފަނޑިޔާރު ގޭގައި ނޫން ކަމަށާއި އާއްމު މުޖުތަމައުގެ ތެރޭގައި ވެސް އެ އަޚްލާޤް ހިފަހައްޓަން ޖެހޭ ކަމަށެވެ.

"އެ ހަމަތަކާ އެއްގޮތަށް އުޅުމާއި އަޚްލާޤް ނުބެހެއްޓޭ ހާލަތުގައި ފަނޑިޔާރުގެއަށް ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރުވާ ހަސްމު އެ މަންޒަރު ފެނުނީމައި އެއާ އަޅުވައި ޝަކުވާ ކޮމިޝަނާ ހަމައަށް ވެސް އާދޭ," ޙުސްނީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެއްވެސް ގޮތަކަށް ދެކެން ބޭނުންވާ ކަމެއް ނޫން އެއަކީއެއް. އަޅުގަނޑުމެން ބަލަން ބޭނުންވާ މައްސަލަތަކެއް ނޫން އެއީއެއް."

ޙުސްނީ ވިދާޅުވީ ރާއްޖޭގެ ކޯޓުތަކަށް އައްޔަން ކުރާ ފަނޑިޔާރުންނަކީ އުޅުމާއި އަޚްލާޤް ރަނގަޅު, މަޑުމައިތިރި ބައެއް ކަމަށެވެ. ނަމަވެސް މަދުން ނަމަވެސް ބައެއް ކަންކަން ހިނގާތީ އެފަދަ ޝަކުވާތައް އަންނަ ކަމަށް ވިދާޅުވިއެވެ.

"އާއްމު ރައްޔިތު މީހާއަށް ވުރެން މަތީ ދަރަޖައެއްގައި ރައްޔިތުން ގަބޫލު ކުރޭ ފަނޑިޔާރުންގެ ކިބައިން އުޅުމާއި އަޚްލާޤް ހުންނަން ވާނެ ކަމަށް," ޙުސްނީ ވިދާޅުވިއެވެ.

ދިވެހި ރާއްޖެއަށް ބަލާއިރު އެކި ދުވަސްވަރު ފަނޑިޔާރުންގެ ވަރަށް ބޮޑެތި މައްސަލަތައް ފެންމަތިވެފައި އެބަހުއްޓެވެ. އޭގެ ތެރޭގައި ބަދުއަހުލާގީ އަމަލުތައް ހިންގުންފަދަ ވަރަށް ހުތުރު މައްސަލަތަކާއި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ފަދަ ކަންކަން ހިމެނެއެވެ.

comment ކޮމެންޓް