ރީތި ކޮންމެ ވާހަކައެކޭ އެއްފަދައިން، މިވާހަކަ ވެސް ފެށެނީ ހުވަފެނަކުންނެވެ.
އެއީ އިޓަލީގެ ޒުވާނެއް ކަމަށްވާ ޖޯޖް ކޯބިން ރާއްޖެއަށް ދަތުރު ކުރުމަށް ދުށް ހުވަފެނެވެ. އޭރު ވިލާތުގެ ގައުމުތަކުގައި ރާއްޖެއަކީ އެހާ މަގުބޫލު ނަމެއް ނޫނެވެ. އެކަމަކު އޭނާގެ ހިތުގައިވާ އާހިތަވެރި ރޫހާއެކު އެ ރަށްތަކަށް ދިއުމުގެ ޝައުގުވެރިކަން އުފެދުނެވެ. އަދި އެކަން ކުރުމަށް ގަސްދުކުރިއެވެ.
އެހާ ހިސާބުން ފެށެނީ ރާއްޖޭގެ އެންމެ ކާމިޔާބު ސިނާއަތުގެ ވާހަކައެވެ. ފަތުރުވެރިކަމުގެ ވާހަކައެވެ. އޭގެ ފަންސާސް އަހަރު ފަހުން ރާއްޖެ އައިސް، އޭނާ އެވާހަކަތައް ކިޔައިދެނީ އުފާވެރި ހަނދާންތައް އައު ކުރަމުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ޔުނިވާސިޓީގެ އޮޑިޓޯރިއަމުގައި އޮތް ޕެނަލް ޑިސްކަޝަނުގައި އޭނާގެ ފުރަތަމަ ދަތުރުގައި ދިމާވެ، އެކުވެރިވި މީހުން ވެސް ބައިވެރިވިއެވެ. މިހާރު އެއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ބާނީންގެ ގޮތުގައި އެންމެން ދަންނަ އިއްޒަތްތެރިންނެވެ.
އެމްބަސީން ދިމާވި އެކުވެރިޔާ
ކޯބިން ރާއްޖެއަށް އަންނަން ގަސްދުކުރިއިރު، އޭނާއަށް އެކަން ކުރާނެ ގޮތެއް ނޭނގެއެވެ. އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ނެތެވެ. އަދި، ރާއްޖެއާ ބެހޭ މައުލޫމާތު ލިބޭނެ ގޮތެއް ވެސް ނެތެވެ. އޭނާ ހޯދިހޯދުމުން އެނގުނުހާ ވެސް އެއްޗަކީ އިނގިރޭސިވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ހުންނަކަމެވެ.
"އެހެންވީމަ އަހަރެން ނިންމީ ކޮލަންބޯއަށް ދާން. އަހަރެން ހިތަށް އެރީ ރާއްޖެއާ ކައިރި ހިސާބެއް ވީމާ، އެތަނުގައި އެމްބަސީއެއް ހުންނަން ވާނެޔޭ،" ކޯބިން ކިޔައިދިނެވެ.
ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ މައުލޫމާތު އޭނާ ހޯދީ އެތަނަށް ދިއުމަށް ފަހުއެވެ. އޭނާ ފައިބައިގެން ހުރި ހޮޓަލުން އޮޅުން ފިލުވައިގެން ރާއްޖޭގެ އެމްބަސީ ހުންނަތަން އޭނާ ހޯދިއެވެ.
އެމްބަސީން އޭނަޔާ ފުރަތަމަ ދިމާވީ އިސްތިގުބާލުގައި އިން މުވައްޒަފާއެވެ. އޭނާ ކައިރީ ރާއްޖެއަށް ދާން ބޭނުންވާ ވާހަކަ ބުނުމުން އެނގުނީ ވައިގެ މަގުން ދެވެން ނެތް ކަމެވެ.
"އޭގެ ދެތިން މިނެޓެއް ފަހުން އެތަނަށް އައީ ފިރިހެނެއް. އޭނާ ބުނީ އަހަރެން އެހީވަންހެއްޔޭ. ރާއްޖެއަށް ދާން ހެއްޔޭ ބޭނުމީ. އަހަރެން ބުނިން އާނއެކޭ،" ކޯބިން ކިޔައިދިނެެވެ.
އެދުވަހު އޭނަޔާ ދިމާވި ޒުވާނަކީ ފަހުން ރާއްޖޭގެ ހާރިޖީ ވުޒާރާ ހިންގެވި، އަދި މިހާރުގެ ސިއްހީ ވަޒީރު، އަހްމަދު ނަސީމެވެ. ނަސީމް އޭނަޔަށް ދެއްވީ ބަނދަރުގައި ރާއްޖެއަށް ފުރަން ތައްޔާރުވެފައިވާ ބޯޓެއްގެ މައުލޫމާތެވެ.
ފުރަތަމަ ދަތުރު
ބޯޓުގެ މައުލޫމާތު ލިބުމުން ކޯބިން އެ ބޯޓު ހޯދަން ދިޔައެވެ. އެތަނުން އޭނަޔާ ދިމާވީ އެ ބޯޓުގެ ކައްޕިތާނެވެ.
"އަހަރެން އެހީ ރާއްޖެއަށްދާ ބޯޓަކީ ކޮބައިހޭ. އޭނާ ކިޔައިފި ތިމަން މިއީ [އެ ބޯޓުގެ] ކެޕްޓަނޭ. އަހަރެން ބުނެފިން ރަނގަޅޭ، ކޮންއިރަކުންހޭ ފުރަނީ. އޭނާ ބުނީ މާދަމައޭ. އަހަރެން ކިހިނެތްހޭ ހަދަންވީ އެހީމައި ބުނީ ދާށޭ ތޯމަސް ކުކަށް. ގޮސް ޓިކެޓެއް ގަންނާށޭ. ޓިކެޓު އެކަންޏޭ ގެންނާނީ ތިޔައީ އަހަރެންގެ މެހެމާނެކޭ،" ކޯބިން ކިޔައިދިނެވެ.
އޭގެ އަނެއްދުވަހު ފުރަން ދިއުމުން އޭނާއަށް މީހަކު ތައާރަފު ކޮށްދިނުމަށް ބޭނުންވާކަމަށް ކެޕްޓަން ބުންޏެވެ. އެ ހިސާބުން އޭނަޔަށް އަނެއްކާ ވެސް ދިމާވަނީ އެމްބަސީއިން އެކުވެރިވި، ނަސީމެވެ. އެ ދަތުރުގައި ވޭތުވި ދެރެޔާއި ތިން ދުވާލު، ކޯބިން އާއި ނަސީމް ހޭދަކުރީ ފަތުރުވެރިކަމާއި، އެކަމާ ގުޅޭ ކަންކަން މަޝްވަރާ ކުރުމުގައެވެ.
މާލެއާ ބޯޓު ގާތްވަމުން ދިޔައިރު ކޯބިންއަށް އޭނާގެ ކަނާއަތް ފަރާތުން ފެނުނީ ކުޑަކުޑަ އިމާރާތަކާއެކު ހުޅުލޭގައި އޮތް އެއާޕޯޓެވެ. ވާތް ފަރާތުން ފެނުނީ ވެރިރަށް މާލެއެވެ.
"އެވަގުތު އަހަރެން ބުނިން މިއީ ސުވަރުގެއޭ. އެއީ އަހަންނަށް އެބަ ފެނޭ ރީތި ގޮނޑުދޮށްތަކާ އެކު ހުރި ބައިވަރު ރަށްތައް," އޭނާ ކިޔައިދިނެވެ.
އެދަތުރުގައި އޭނާގެ ހުރުމާއި ކެއުން ހަމަޖައްސައިދިނީ ނަސީމެވެ. ނަސީމާ އެކު ގިނަ ރަށްތަކަކަށް އޭނާ ދަތުރުކުރިއެވެ. އަދި އޭނާގެ ފުށުން ކޮލިގޭ މުހައްމަދު އުމަރު މަނިކާއި، ޗަންޕާ ހުސައިން އަފީފް، އޭނައަށް ތައާރަފުވިއެވެ.
"ނަސީމް އެހި އަހަރެން ކައިރީ ކޮން ރަށެއްހޭ އެންމެ ރަނގަޅުވާނީ [ފަތުރުވެރިން ބައިތިއްބަން]. އަހަރެން ބުނިން ކުރުނބާ [ވިހަމަނާފުށި] ރަނގަޅުވާނެޔޭ އެއާޕޯޓާ ކައިރި ރަށެއް ވީމަ," ކޯބިން ކިޔައިދިނުމެވެ.
އެ ހިސާބުން އެ ހަތަރު މީހުން ގުޅިގެން ފަތުރުވެރިކަމުގެ ވިޔަފާރި ފެށުމަށް އެއްބަސްވެވުނެވެ.
ފަތުރުވެރިން ގެނައުން
އޭގެ އަށް މަސް ފަހުން ރާއްޖެއަށް ފުރަތަމަ ފަހަރަށް ފަތުރުވެރިންގެ ގުރޫޕެއް އައެވެ. ވިއްސަކަށް މީހުންގެ އެ ގުރޫޕުގައި ގިނައީ އިޓަލީވިލާތުގެ ނޫސްވެރިންނެވެ.
ކޯބިން ބުނި ގޮތުގައި އޭނަޔަށް ކުރަން ޖެހުނު ހަމައެކަނި ކަމަކީ އެ މީހުން ރާއްޖެއަށް ގެނައުމެވެ. އެމީހުންގެ އެހެން ހުރިހާ ކަމެއް އޭނާގެ ދިވެހި އެކުވެރިން ހަމަ ޖެއްސިއެވެ.
ނަސީމް ކިޔައިދެއްވި ގޮތުގައި އެންމެ ފުރަތަމަ ފަތުރުވެރިން އައި އިރު އެމީހުންނަށް ޚިދުމަތްތައް ދިނުމަށް ބޭނުންވާ އުލާ ސަމްސާ ވެސް ހަމައެއް ނޫނެވެ.
"އަޅުގަނޑުމެން މީހުން ބޭތިއްބީ ތިން ގެއެއްގައި. އޭރު އަފީފަށް ޖެހުނީ އެއްގެއިން ކައި ނިމުމުން އުލާ ވަޅިއާ ހިފައިގެން އަނެއްގެއަށް ދުވެފަ ދާން،" ނަސީމް ކިޔައިދެއްވިއެވެ.
އޭރު ކަންކަން މެނޭޖުކުރުމުގައި އެންމެ ހަރަކާތްތެރިވި ހުސައިން އަފީފް ވެސް އޭނާގެ ތަޖުރިބާ ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އޭރު ފަތުރުވެރިން ކަނީ ކޮން އެއްޗެއްކަން ވެސް ނޭނގޭ ކަމަށެވެ.
"ފުރަތަމަ ދުވަހު، އެމީހުން އެއާޕޯޓުން ގެނައި ދުވަހު "ކުއީން އޮފް ދަ ނައިޓު"ން އޯޑަރުކޮށްގެން ކުކުޅު ރިހަޔާ އެކަހަލަ ކުޅި ރިހަ ސުފުރާ މަތީ މި ބެހެއްޓީ. އެއިން އެކަކު އޭގައި އަތް ވެސް ނުލި،" އަފީފް ކިޔައިދެއްވިއެވެ.
އެމީހުންނަށް ކެވޭ ގޮތަށް ކާއެއްޗެހި ތައްޔާރުކުރަން ދަސްކޮށްދިނީ ވެސް ކޯބިންއެވެ.
ވިހަމަނާފުށީގައި ރިސޯޓެއް: ގިނަ ފިއްތުންތަކެއް
ކޮންމެއަކަސް، އެ ދަތުރުވީ ވަރަށް ކާމިޔާބު ދަތުރަކަށެވެ. އެއާ އެކު ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުމުގެ މަގު ފަހިވިއެވެ. އަދި ވިހަމަނާފުށީގައި ރިސޯޓެއް ހެދުމުގެ މަސައްކަތް ފެށުނެވެ.
ނަމަވެސް އެ ހިސާބުން އޭރުގެ ވެރިންގެ ފަރާތުން ގިނަ ފިއްތުންތަކަކާ ކުރިމަތިވާން ފެށިއެވެ. އެވާހަކަތައް ކިޔައިދެއްވީ ނަސީމެވެ.
"ކުރުނބާ ރިސޯޓު ހަދަން ފެށިތަނާ އަޅުގަނޑު ވެލާނާގެއަށް ހާޒިރު ކުރި. ނާސިރު ވިދާޅުވި ތިމަންނަމެންނާ ގުޅޭށޭ. އަޅުގަނޑު އިންކާރުކުރިން، އަދި ދެންނެވިން ކޯބިން އާއެކު މިހާރު ވެސް އެއްބަސްވުމެއް ވެވިފައޭ އޮތީ،" ނަސީމް ކިޔައިދެއްވިއެވެ.
އޭރު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް ނާސިރު ވެސް އެ ދުވަސްވަރު "ކްރެސެންޓް ޓްރެވަލް އޭޖެންސީ"ގެ ނަމުގައި ކުންފުންޏެއް ހެއްދެވިއެވެ. އެ ކުންފުނީގެ ވެރިންގެ ގޮތުގައި ތިއްބެވީ ރައީސް ނާސިރާއި އެމަނިކުފާނުގެ ނާއިބެވެ.
ނަސީމް، ރައީސް ނާސިރާ ގުޅުމަށް އިންކާރު ކުރެއްވުމުން ފެށުނީ ސަރުކާރުގެ ދަތިކުރުމުގެ ސިލްސިލާއެކެވެ. ނަސީމް އެމެރިކާގައި ހުންނަ ރާއްޖޭގެ މިޝަނަށް ފޮނުވިއެވެ. އަފީފުގެ މައްޗަށް ހުކުމް ކުރުމަށް ފަހު އަރުވާލީ ހއ. ތުރާކުނަށެވެ. އަދި އެމްޔޫ މަނިކު ވެސް ހައްޔަރުކޮށް، ގޭބަންދު ކުރިއެވެ.
އެއާއެކު، ކުރުނބާ ރިސޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތެއް ނެތި މަޑުޖެހުނެވެ.
ސަލީމާ: ދަތިވަގުތުގައި ލިބުނު އުއްމީދު
ދަތި ކަމުގެ އެ ދަނޑިވަޅުގައި ނަސީމް އެހީތެރިކަމަށް އެދިލެއްވީ އޭނާގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ކަމަށްވާ ސަލީމާ މުހައްމަދު ކަލޭގެފާނުގެ ކިބައިންނެވެ.
ސަލީމާއަށް ކަން ހިނގިގޮތް ކިޔައިދެއްވުމުން އެ ރިސޯޓުގެ މަސައްކަތުގައި ކުރިއަށް ގެންދެވުމަށް އޭނާ އެއްބަސްވެލެއްވިއެވެ. އެދުވަހުން ފެށިގެން، ރިސޯޓުގެ މަސައްކަތް ނިމުމާ ހަމައަށް އެކަމުގައި އިސްނަންގަވައިގެން އުޅުއްވީ ސަލީމާއެވެ.
"އަޅުގަނޑުމެން ތިން މީހުން، ޖޯޖް ކޯބިންއާއެކު ޝުކުރުވެރި ވަން ސަލީމާ އެކުރެއްވި މަސައްކަތަށް. އެކަމަނާއާ ނުލައި، މިއިން އެއްވެސް ކަމަކީ ވާނޭ ކަންކަމެއް ނޫން،" ނަސީމް ވިދާޅުވިއެވެ.
ފަތުރުވެރިކަން ތަރައްގީ ވުމާއި އީޖާދީ ހިޔާލު
އެމްޔޫ މަނިކު ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން އެހެން ހަރުފަތަކަށް ގެންދިޔަ އެއް ކަމަކީ ކުރުނބާ ވިލެޖު އަލުން އިމާރާތްކޮށް ރީބްރޭންޑު ކުރުމެވެ. އެ ރަށް ސަރުކާރަށް ނެގުމަށް ފަހު އަލުން ބިޑަށް ހުޅުވާލުމުން އެ ބިޑު ކާމިޔާބު ކުރީ އޭނާގެ ކުންފުނިންނެވެ.
"އަޅުގަނޑުމެން ވިސްނީ ދެން މިގޮތަކަށް މިކަމެއް ނުވާނެޔޭ ހެޔޮ އަގެއްގައެއް. ދެން އަޅުގަނޑު މެން ނިންމީ މުޅިން އައު ފައިވް ސްޓާ ޕްރޮޑަކްޓެއް ބިނާކުރަން،" މަނިކު ކިޔައިދެއްވިއެވެ.
އެ ހިޔާލު ޓުއާ އޮޕަރޭޓަރުންނާ ފުރަތަމަ ހިއްސާކުރުމުން މާ މަގުބޫލު ކަމަކަށް ނުވިއެވެ. އެ މީހުން ބޭނުންވީ އަދިވެސް ހަމަ ހެޔޮ އަގުގައި އެކަން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ކުރުނބާ ރިބްރޭންޑުކޮށް ހުޅުވުމާއެކު، އެތަން ވެގެން ދިޔައީ މަގުބޫލު މަންޒިލަކަށެވެ. ޓުއާ އޮޕަރޭޓަރުން ވެސް ކުރުނބާއާ ގުޅިގެން މަސައްކަތް ކުރުމަށް އަވަސް ވެގަތެވެ. އެއާ އެކު ރާއްޖޭގައި ފަސް ތަރީގެ ރިސޯޓުތައް އިތުރުވާން ފެށިއެވެ.
"އެހިސާބުން ފަހަތް ބެލުމެއް ނެތް. ނަސީމު ބިނާ ކުރެއްވީ ގިރާވަރު، އަފީފް ބިނާ ކުރެއްވީ މީރުފެންފުށި. ގާސިމް ވެސް އޭރު ރިސޯޓު ބިނާކުރެއްވުމުގެ މަސައްކަތް ފައްޓަވައިފި،" މަނިކު ވިދާޅުވިއެވެ.
ޗަމްޕާ އަފީފް ވެސް އެފަދަ ތަޖުރިބާއެއް ހިއްސާ ކުރެއްވިއެވެ. އޭނާ ވިދާޅުވީ އެންމެ ފުރަތަމަ ސްވިމިން ޕޫލް ބިނާކުރި ދުވަސްވަރު ގިނަ ޓުއާ އޮޕަރޭޓަރުން ބުނަމުން ދިޔައީ އެއީ ބޭކާރު ކަމެއް ކަމަށެވެ.
"އެމީހުން ބުނީ މިއޮތީ ކަނޑޭ ވަށައިގެން، ކީއްކުރާ ޕޫލެއްހޭ. އެކަމަކު ސްވިމިން ޕޫލް ހެދީމާ އެންމެއް އެއަށް އެރި މި ތިބެނީ" އަފީފް ވިދާޅުވިއެވެ.
އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ވުމުގައި ޓުއާ އޮޕަރޭޓަރުންގެ ހިއްސާއަށް ވުރެ ބޮޑީ އެ ތަންތަން ތަރައްގީ ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ހިއްސާއެވެ.
ބައިނަލްއަގުވާމީ ބްރޭންޑްތަކާއެކު ރާއްޖެއަށް އިތުބާރު
ރާއްޖޭގެ ފަތުރުވެރިކަން ދުށް އެންމެ ބޮޑު އަނެއް ބަދަލަކީ ބައިނަލްއަގުވާމީ ބްރޭންޑުތަކުން ރާއްޖެއަށް އައުމެވެ. އަފީފްގެ ނަޒަރުގައި އެ ބޭފުޅުންނަށް ވެސް ރިސޯޓު ހިންގަން ދަސްވީ އެ ބްރޭންޑުތައް ރާއްޖެ އައުމުންނެވެ.
"އަޅުގަނޑު އެންމެ ފުރަތަމަ ހޮޓަލެއްގެ މެނޭޖަރަކަށް ވީއިރު ދުވަހަކު ހޮޓަލަކަށް ނުވެސް ދަން. އެހެންވީމާ އަޅުގަނޑުމެންނަށް އޭރު އޮތީ ދަސްކުރުން" އަފީފް ވިދާޅުވިއެވެ.
އޭރު ގާތްތިމާގެ މީހުން ލައްވާ ރިސޯޓު ހިންގަމުން އައި އުސޫލު ބަދަލުކޮށް އެ ދާއިރާއަށް ޕްރޮފެޝަނަލިޒަމް ގެނައީ ބޭރުގެ ކުންފުނިތައް އައި ހިސާބުން ކަމަށް އަފީފު ގަބޫލުކުރައްވައެވެ.
އެމްޔޫ މަނިކުގެ ނަޒަރުގައި ބޭރުގެ ކުންފުންޏެއް ރާއްޖެއައި ދުވަހަކީ މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖެއަކީ އިންވެސްޓުކުރަން ރަނގަޅު މަންޒިލެއްކަން ސާބިތުވި ދުވަހެވެ.
ކުރިމަގަށް އޮތް ތަސައްވުރު
ހަތަރު ބޭފުޅުން ވެސް ގަބޫލުކުރައްވާ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ކުރިމަގު އަދިވެސް އައްޔެވެ. ކުރިއަށް ދެވޭނެ ފުރުސަތުތަކާއި މަގުތައް އަދިވެސް ބައިވަރެވެ.
ކޯބިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ރާއްޖެއަށް އެމެރިކާ މާކެޓު ތައާރަފުވާނެ ދުވަހެކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ މީހުންނަށް ކަމުދާ މަންޒިލަކަށް ރާއްޖެ ވާނެއެވެ.
ނަސީމް ވިދާޅުވީ ފަތުރުވެރިކަމުގެ ހިދުމަތްތައް އަދިވެސް ފުޅާކުރަން ޖެހޭކަމަށެވެ.
"މަތިންދާ ބޯޓެއްގައި ވެސް އެބަ އޮވޭ ތިން ފަންތިއެއް. އިކޮނޮމީ، ބިޒްނަސް އަދި ފަސްޓު ކްލާސް. އަޅުގަނޑުމެންނަށް އަދި މި ހިދުމަތް ދެވެނީ ބިޒްނަސް އަދި ފަސްޓު ކުލާހަށް އެކަނި. އެއަށްވުރެ ދަށް ފަންތީގެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތެއް އެބަޖެހޭ ހޯދަން،" ނަސީމް ވިދާޅުވިއެވެ.
އަފީފާއި، އެމްޔޫ މަނިކުގެ އިލްތިމާސަކީ ޒަމާނަށް އަންނަ ބަދަލުތަކާ އެއްވަރަށް އެ ދާއިރާ ތަރައްގީ ކުރުމެވެ. އަދި ޒުވާނުން އެ ދާއިރާއަށް ވަދެ، އިސްވެ ހަރަކާތްތެރިވުމެވެ.
އެ ބޭފުޅުންނަކީ މިހާރު ފަތުރުވެރިކަމުގެ މާޒީ ކަމުގައި އެ ބޭފުޅުން ދެކިލައްވައެވެ. އަދި ދާއިރާއަށް ބޭނުންވާ ޒަމާނީ ކުރިއެރުން ގެނެސް، މި އުޖާލާ ދަތުރު ކުރިއަށް ގެންދިއުމަށްޓަކައި، ޒުވާން ހިޔާލު މުހިއްމުކަން އެ ބޭފުޅުން ފާހަގަކުރައްވައެވެ.