ނ. މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލްގައި ރޯކޮށްލި މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 22 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެއްގެ އިތުރުން 31 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ދިވެހީންނެވެ.
އޮފިޝަލް ވިދާޅުވީ ރޭ ދަންވަރުގެ ވަގުތެއްގައި އެ ސައިކަލްގައި ރޯކޮށްލީ ޑްރަގް ވިއްކަން އުޅުނު މީހަކު ހުއްޓުވަން އެ ފުލުސް މީހާ މަސައްކަތް ކުރުމުން ކަމަށެވެ.
ސައިކަލްގައި ރޯކޮށްލުމުގެ ކުރިން އެ ފުލުސް މީހާއަށް އެންމެ ފުރަތަމަ ދިނީ ބިރުދެއްކުމުގެ ގޮތުން އިންޒާރެއް ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އެ ސައިކަލް ވަނީ އަލުން ބޭނުން ނުކުރެވޭ ވަރަށް އަނދާ އަޅިޔަށް ވެފައެވެ.
ސައިކަލްގައި އަލިފާން ރޯކޮށްލި މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.
އެ ވީޑިއޯއިން އެންމެ ފުރަތަމަ ފެންނަނީ ގެއެއްގެ ތެރޭގައި ޕާކު ކޮށްފައި ހުރި ސައިކަލެކެވެ. އެއަށްފަހު މޫނު ނިވާ ކޮށްގެންހުރި މީހަކު ބޭރުން އައިސް އެގޭ ތެރެއަށް ވަދެ، ދެކޮޅު ބަލައިލުމަށްފަހު އެތަނުގައި ހުރި ސައިކަލްގެ މައްޗަށް ޕެޓްރޯލް އަޅައި މަންޒަރު ފެނެއެވެ.
އެއަށްފަހު އެމީހާ އެނބުރި ދިޔުމުން މޫނު ނިވާ ކޮށްގެން ހުރި އިތުރު މީހަކު ވަދެ އެ ސައިކަލްގައި ރޯކޮށްލައެވެ.
އެ މައްސަލަ ތަހުގީގުކުރުމަށް ސީނިއާ އިންވެސްޓިގޭޝަން އޮފިސަރެއް މިހާރު ވަނީ މާލެއިން އެރަށަށް ގޮސްފައެވެ.