ފަތުރުވެރިކަމުގެ ދާއިރާގެ ކޮންސަލްޓަންޓް ޖޯޖް ކޯބިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރަށްވައިފިއެވެ.
މިއަދު މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި އެ ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ވަރުގަދަ ކުރުމާގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރޭ ރަންޔޫބީލް ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދިވެހިރާއްޖެއަށް ޒިޔާރަތް ކުރެއްވީތީ ޝުކުރުއަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށްޓަކައި "ހޯމް ސްޓޭ" ޓުއަރިޒަމް މިހާރު ތަޢާރަފުކޮށްފައިވާކަން ވެސް ހާމަކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ދެ ބޭފުޅުންވަނީ ގިނަ ކަންތައްތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުގެ ނިޒާމް ހަރުދަނާކުރުމާ ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި މެދު ފަންތީގެ ފަތުރުވެރިކަމަށް އިތުރު ސަމާލުކަން ދިނުމުގެ މުހިންމުކަމާއި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގިނަ އަދަދެއްގެ އެއާޕޯޓުތައް ތަރައްޤީ ކުރެވިގެންދިއުމަކީ ކުރިއެރުމެއް ކަމުގައި ކޯބިން ފާހަގަކުރައްވާފައިވެއެވެ.
ކޯބިންއަކީ އިޓަލީވިލާތުގެ ޑައިވިންގް ޓުއާ އޮޕަރޭޓަރެއްގެ ގޮތުގައި ރާއްޖެއަށް ތަޢާރަފްވެ، ރާއްޖޭގައި ފަތުރުވެރިކަން ފަށައިގަތުމަށް މުހިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.