ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ "ބީވީމާ"ގެ ޓީޒާ އާންމުކޮށްފި އެވެ.
ސްކްރީން ރައިޓަރު އަހުމަދު ޒަރީޒު ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ޕްރޮޑިއުސަރަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގެވެ.
ފިލްމާ ގުޅިގެން ޒަރީރު މިއަދު "ސަން" އަށް ބުނީ، މި ފިލްމުން ވަރަށް ބައިވަރު އާ ތަރިންތަކެއް ފެނިގެން ދާނެ ކަމަށާއި، މެއިން ކެރެކްޓާގައި ހިމެނޭ ފަންނާނުންގެ ތެރެއިން ވެސް ދެ ފަންނާނުންނަކި އަލަށް ފިލްމީ ދާއިރާއަށް ނުކުންނަ ތަރިން ކަމަށެވެ.
ފިލްމުގައި މިހާރު ކުރިއަށް ދެން އޮތީ ޑަބިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތައް ކަމަށް ޒަރީރު ބުންޏެވެ.
ފިލްމުގެ މެއިން ކެރެކްޓާއިން އަލަށް ފެނިގެން ދަނީ، އާދަމް ޒިދާން (ނާނަ) އާއި ލަވަކިޔުންތެރިޔާ އަޝްފާއެވެ. އަޝްފާއަކީ ލަވަކިޔުމުގެ ދާއިރާގައި އާ މޫނަކަށް ނުވި ނަމަވެސް މިއީ އަޝްފާގެ ފުރަތަމަ ފިލްމެވެ.
ލީޑު ރޯލުން ފެންނަ ދެ ތަރިން ކަމުގައިވާ އަޝްފާ އާއި ކޮޕީ އިއްސެގެ ޅައުމުރުގެ ބައިތައް ދައްކުވައިދޭ މަންޒަރުތައް ކުޅިފައި ވަނީ އާދަމް ޒިދާން (ނާނަ) އާއި އައިމިނަތު ރަޝްފާ (އާޝާ)އެވެ.
މުހައްމަދު ވިސާން (ކަނޑި) ކެމެރާ ކުރާ މި ފިލްމުގައި އޭގެ އިތުރުން ހިމެނޭ ތަރިންނަކީ އައިޝަތު ޔާދާ، ސިލްނާ، ޢައިޝަތު އަލީގެ އިތުރުން ހުނޭޝާ އާދަމް ނަސީރުއަދި އަލީ ޝަޒްލީމް ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
މިއަހަރު ތެރޭގައި، ސިނަމާގައި ފިލްމު އެޅުވިދާނެ ކަމުގެ އިޝާރާތެއް ޒަރީރު ދެއްވިއެވެ.
ޔުނިވާސަލް ކޮންސެޕްޓަކަށް ހަދާފައިވާ މި ފިލްމަކީ ލޯބީގެ ފިލްމެކެވެ. ޒަރީރު ވިދާޅުވަނީ، މި ފިލްމު ދިވެހި ސޮސައިޓީއާ ވަރަށް ގުޅޭނެ ކަމަށެވެ. އެހެންކަމުން އޯޑިއަންސަށް ފިލްމު ކަމުދާނެ ކަމަށް ޒަރީރު އުންމީދު ކުރެއެވެ.