ދިރޭތަކެތި އެތެރެ ކުރާ މީހުން ގާނޫނާ އެއްގޮތަށް އަމަލު ކުރަން މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިން އިލްތިމާސް ކޮށްފިއެވެ.
ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ދޫނިތަކެއް ނައްލާތުމާ ގުޅިގެން އާއްމުން ނުރުހުން ފާޅުކުރަމުން ދާ މި ދަނޑިވަޅުގައި މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ، ދިރޭތަކެތި އެތެރެކުރާ ފަރާތުން ރާއްޖޭގެ ގާނޫނާ އެއްގޮތަށް އަމަލު ކުރުން ކަމަށެވެ.
"ދިވެހިރާއްޖެއަށް ދޫނި އެތެރެ ކުރުމާ ބެހޭ ގަވާއިދު" ގެ ދަށުން، ރާއްޖެއަށް އެތެރެ ކޮށްފައިވާ ފަސް ޝިޕްމަންޓްގެ ދޫނި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނައްތާލަފައެވެ.
އެކަމާ ގުޅިގެން އާއްމުން ފާޅުކުރަމުންދާ ކަންބޮޑުވުން ތަކާއި އިހުސާސްތައް ބަލައިގަނެ، އެކަމާ ހިތާމަ ކުރާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، ރާއްޖެ އެތެރެކުރާ ދިރޭތަކެއްޗާއި ގަސްގަހާގެހި އިންސްޕެކްޓް ކޮށް ކަރަންޓީން ކުރުމަކީ ރާއްޖޭގެ ގާނޫނާއި ބައިނަލްއަގުވާމީ މުއާހަދާއާ އެއްގޮތަށް، މިނިސްޓްރީން ފޯރުކޮށްދިނުން ލާޒިމު ހިދުމަތެއް ކަމަށެވެ.
"މިގޮތުން، ގާނޫނާއި ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި، ނައްތާލަން ޖެހޭ ހާލަތްތަކުގައި ގާނޫނާއި ގަވާއިދާއި އެއްގޮތަށް ނައްތާލަމުން އައިސްފައިވާކަން ފާހަގަ ކުރަން." މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ދުނިތައް މަރާލި މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ހެދުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގާފައި ވާއިރު، އެކަމުގެ މަސައްކަތް މިހާރު ކުރިއަށް ދާކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ދިރޭތަކެއްޗަށް ލިބެންޖެހޭ ރައްކާތެރިކަމާއި ހިމާޔަތް ފޯރުކޮށްދޭކަން ޔަގީން ކުރާ ކަމަށާއި، ރައްޔިތުންގެ އާއްމު ސިއްހަތު ރައްކާތެރި ކުރެވޭކަން ކަށަވަރު ކުރުމާއެކު، ގަސްގަހާގެއްސާއި ދޫނިސޫފާސޫފީގެ ކަރަންޓީނުގެ ހިދުމަތް ރާއްޖޭގައި އިތުރަށް ހަރުދަނާކޮށް ފުޅާކުރަން ގާނޫނާއި ގަވާއިދަށް އިސްލާމު ގެނައުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ރާއްޖެ އެތެރެކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލުމާ ގުޅިގެން ޒުވާނުން ވަނީ އިއްޔެ އިހުތިޖާޖަށް ނިކުމެފައެވެ.
އެ ދޫނިތައް ރާއްޖެ އެތެރެކުރި ކުންފުނި ޕެޓްމާސްޓާގެ މެނޭޖަރު ހުސައިން އާތިފް "ސަން"އަށް ވިދާޅުވީ އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މަރާލާފައި ވަނީ 120 ވަރަށް ދޫންޏެވެ. އޭގެ އަގަކީ 800،000 ރުފިޔާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެތެރެކުރިއިރު އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ދޫނިތަކެއް ނޫންކަމަށެވެ. ނަމަވެސް ފަހުން ގާނޫނަށް ބަދަލުގެނެސް އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާކަމަށް އާތިފް ވިދާޅުވިއެވެ.