ރާއްޖެ އެތެރެކުރި ދޫނިތަކެއް ފިޝަރީޒް މިނިސްޓްރީން މަރާލުމާ ގުޅިގެން ޒުވާނުން އިހުތިޖާޖަށް ނިކުމެއްޖެއެވެ.
މިއަދު ހަވީރު އާޓިފިޝަލް ބީޗު ސަރަހައްދުގައި ޒުވާނުންވަނީ ދޫނިތައް މަރާލުމުން އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ އިހްތިޖާޖުގެ ބައިވެރިއަކު "ސަން"އަށް ބުނީ ހިމޭން އިހްތިޖާޖަކަށް ޒުވާނުން ނިކުންނަން ޖެހުނީ ހައްގަކާނުލާ ﷲ އުފެއްދެވި މަޚްލޫގެންތަކެއް މަރާލުމުން ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެ އެތެރެކުރާ ދޫނި ސޫފާސޫފިތައް މަރާނުލައި އެކަމުގައި އަމަލުކުރާނެ އެހެން ގޮތެއް ސަރުކާރުން ހަމަޖައްސަންޖެއްސުމަށް އޭނާ ގޮވާލިއެވެ.
"ފިނި މޫސުގައި އަދި ހޫނު މޫސުމުގައި ރާއްޖެއަށް އެތައް ދޫންޏެއް އަންނަތަން އަޅުގަނޑުމެންނަށް އެބަ ފެނޭ. އެ އެއްޗެހި ވެސް އެ އަންނީ ހުއްދަ ނުހޯދައި ދެއްތޯ. އެއްޗެއްސަށް ވެސް އަނުބަރައި ދެވޭ އިރު ހުއްދަ ނުހޯދައި އެތެރެކުރާ ދޫނިތައް ފޮނުވާ ނުލެވެންވީ ކީއްވެތޯ،" އިހުތިޖާޖުގައި ބައިވެރިވި ޒުވާނަކު ބުންޏެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ސަން"އަށް ވިދާޅުވީ އެ ދޫނިތައް މަރާލީއެޓާނީ ޖެނެރަލްގެ ލަފާގެ މަތިންނެވެ. ނަމަވެސް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެ ދޫނިތައް އަނބުރާ ރާއްޖެއިން ބޭރަށް ފޮނުވާލެވެނެ ކަމަށް ލަފާދީފައިވާނެ ކަމަށެވެ.
އެ ދޫނިތައް ރާއްޖެ އެތެރެކުރި ކުންފުނި ޕެޓްމާސްޓާގެ މެނޭޖަރު ހުސައިން އާތިފް "ސަން"އަށް ވިދާޅުވީ އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މަރާލާފައި ވަނީ 120 ވަރަށް ދޫންޏެވެ. އޭގެ އަގަކީ 800،000 ރުފިޔާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެތެރެކުރިއިރު އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ދޫނިތަކެއް ނޫންކަމަށެވެ. ނަމަވެސް ފަހުން ގާނޫނަށް ބަދަލުގެނެސް އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާކަމަށް އާތިފް ވިދާޅުވިއެވެ.
ދޫނިތައް މަރާލި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ. އަދި މިއަދު އެމަނިކުފާނު ވަނީ އެ މައްސަލަ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައެވެ.