ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ޝަރީއަތް ނުފެށި ލަސްވެފައި ވަނީ އެ މައްސަލަ ބައްލަވާ ތިން ގާޒީންގެ ތެރެއިން ގާޒީއަކު ޗުއްޓީގައި ހުންނެވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ދައުވާ އުފުލައިފައިވާ މީހުންގެ ޝަރީއަތްތައް ލަސްވާތީ އެ މައްސަލަ ކުރިއަށްދާ ގޮތް މޮނީޓާ ކުރަން ރައީސުލް ޖުމްހޫރިއްޔާ ކަނޑައެޅުއްވި ޚާއްސަ މަންދޫބު އައްބާސް ފާއިޒް ވަނީ ގޮވަލައިލައްވައިފައެވެ.
އެ މައްސަލައިގެ ޝަރީއަތްތައް ލަސްވާތީ އައްބާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޭ ހައެއްގެ ހަމަލާއަކީ ކަންބޮޑުވާން ޖެހޭ މައްސަލައެއްކަމަށެވެ. އަދި މިހާތަނަށް އެ މައްސަލައިގައި ހުކުމްކޮށްފައި ވަނީ އެންމެ މީހަކަށް ކަމަށާއި ދެންތިބި މީހުންގެ ޝަރީއަތްތައް އަދި ތާވަލްކޮށްފައިނުވާ ކަމަށެވެ.
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ކްރިމިނަލް ކޯޓްގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު "ސަން" އަށް ވިދާޅުވީ ޗުއްޓީގައި ހުންނެވި ގާޒީ މަސައްކަތަށް ނުކުންނެވުމުން އެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލު ކުރެވޭނެ ކަމަށެވެ.
މި މައްސަލައިގައި ގިނަ އަދަދެއްގެ ލިޔެކިޔުންތަކަކާއި ސީޑީތަކެއް ހިމެނޭތީ މައްސަލަ ރައްދުވާ ފަރާތުން މައްސަލަ ދިރާސާ ކުރަން އެކަށީގެންވާ ވަގުތު ބޭނުން ވެގެން އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އަދި ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށާއި ބައެއް ލިޔުންތައް ނުސާފު ކަމަށް ވެސް ބުނެފައިވޭ. ކޯޓަށް ހާޒިރުވެ ލިޔުންތައް ހަމަތޯ ބެލުމާ އަދި ސާފު ނޫން ލިޔުންތައް ފާހަގަ ކުރުމާއި ސީޑީތައް ބަލަން ބޭނުންވާ ފަރާތްތަކަށް އެ ދެއްކުމުގެ މަސައްކަތް މިހާރު ވެސް ކޯޓުގައި ކުރިއަށް ގެންދަމުން އެބަދޭ،" އަމާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވިގޮތުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ ދެ ފަރާތުންގެ ވަކީލުންނާ މަޝްވަރާކޮށް، ދެ ހަޝްމުންނަށް ދޭން ޖެހޭ އެކަށީގެންވާ ވަގުތާއި ހައްދުތައް ދީގެންނެވެ.
އެ މައްސަލާގައި ދައުވާ އުފުލި މީހުންގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައި ވަނީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ރަޝީދަށެވެ. ރައީސް ނަޝީދު އަވަހާރަކޮށްލަން އައިއީޑީ ގޮއްވާލިކަމަށް އިއުތިރާފުވި އަދުހަމަށް އިއްވާފައި ވަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.
އަދުހަމް ހިމެނޭގޮތަށް ޖުމްލަ ނުވަ މީހަކަށް އެ މައްސަލާގައި ދައުވާކޮށްފައިވެއެވެ. މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދާއި، ނ. މަނަދޫ، ނޫރީގެ އަލީ ހައިޝަމްއާއި، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމާއި، ގއ. ވިލިނގިލި، ހުދުރުވާގެ ފަހުމީ އަލީއާއި، ހއ. މޮޅަދޫ، ބަހާރުގެ، އަބްދުﷲ އަލީ މަނިކާއި މ. ކުދެހިގެ، އިސްހާގާއި، އަދި ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމްގެ މައްޗަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ލ. ގަން، ދުންފިނިއުފާ، އަހުމަދު ފާތިހުގެ މައްޗަށް ދައުވާ ނުކުރަން ނިންމައި އޭނާ ވަނީ ދޫކޮށްލައިފައެވެ.
ހަމަލާދިނުމުގައި އިސްދައުރެއް އަދާކުރި އިސްހާގަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވިކަމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އާއި ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ދައުވާއެވެ.
ފަހުމީއަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ. ނާޒިމަށް ކޮށްފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ. މުޖާޒް، ތަހުމީން، ހައިޝަމް އަދި އަދުހަމްގެ މައްޗަށް 13 ދައުވާއެއް އުފުލާފައިވެއެވެ.