ދޫނިތަކުގެ މައްސަލަ ހިނގައިދިޔަ ގޮތް މިދަނީ ބަލަމުން، ފިޔަވަޅު އަޅާނަން: މިނިސްޓަރު

ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން-- ފޮޓޯ: އެންވަޔަރަަމަންޓް މިނިސްޓަރު

ރާއްޖެ އެތެރެކުރި ދޫނިތައް މަރާލި މައްސަލަ ބަލަމުންދާ ކަމަށާއި އެކަމުގައި އެއްވެސް މީހަކު ގާނޫނާއި ގަވައިދާ ޚިލާފުވެފައިވާނަމަ ފިޔަވަޅު އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން މަރާލިކަމަށް އިއްޔެ ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އެކަމާ ގުޅިގެން މީސްމީޑީއާގައި އެތައް ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އެކަން އެގޮތަށް ހިނގައިގެން ނުވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިނިސްޓަރު ހުސެއިން ވިދާޅުވީ މިހާރު ކަންހިނގައިދިޔަ ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި ގާނޫނާއި ގަވައިދާ ޚިލާފަށް އެއްވެސް މީހަކު، އެއްވެސް ކަމެއް ކޮށްފައިވާނަމަ ފިޔަވަޅު އަޅާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ވެސް މިކަން ހިނގައިފައި އޮތްގޮތް އެސްޓަބްލިޝް ކުރަންވެގެން ކަމާބެހޭ މީހުންނާ ގުޅިގެން މި ބަލަނީ. ދެން މިކަން ހިނގައިފައި އޮތީ މިވެނި ގޮތަކަށޭ ދަންނަވާކަށް ނޭނގެ،" ހުސެއިން ވިދާޅުވިއެވެ.

މީގެ އިތުރުން، ހުސެއިން ވިދާޅުވީ އެންމެން ވެސް އަމަލުކުރަން ޖެހެނީ ގާނޫނާއި ގަވައިދުގައި އޮތްގޮތަށް ކަމަށެވެ. އަދި އެގޮތަށް އަމަލުކޮށްގެން ނުބައި ނަތީޖާ ނުކުންނަކަމުގައި ވަނީނަމަ ރައްޔިތުން އެދޭ ގޮތަށް ނުވަތަ ގައުމުގެ މަސްލަހަތު އޮތްގޮތަށް ގާނޫނު ބަދަލުކުރަން ކަމުގައި އޭނާ ވިދާޅުވިއެވެ.

އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައެވެ. މަރައިލައިފައިވާ ދޫނިތަކުގެ އަގަކީ 800،000 ރުފިޔާއެވެ.

އޭޖީގެ ލަފާގެ މަތިން މިޝަރީޒް މިނިސްޓްރީން މަރާލައިފައިވާ ދޫނިތަށް

އެ ދޫނިތައް މަރާލީ އޭޖީގެ ލަފާގެ މަތިން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނި ނަމަވެސް، އޭޖީން އެކަމާ ގުޅިގެން ދައްކާ ވާހަކަ ތަފާތެވެ.

އެކަމާ ގުޅޭގޮތުން އޭޖީ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު، ހުސައިން ހަސަން އިއްޔެ 'ސަން' އަށް ވިދާޅުވީ, އެ އޮފީހަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު، ގަވާއިދާ ހިލާފަށް އެތެރެކޮށްގެން ދޫނިތައް ހިފަހައްޓާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާއި އޮކްޓޫބަަރު މަހާއި އަދި ނޮވެންބަރުމަހުގެ ތެރޭގައެވެ. ނަމަވެސް، އެ ދޫނިތައް ކަރަންޓީން ކުރުން ފިޔަވަައި، ގަވާއިދާ ޚިލާފުވި ފަރާތްތަކާމެދު އެ ގަވާއިދުގައިވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅުތައް 'މިހާތަނަށްވެސް އަޅާފައިނުވާކަން އޭނާ ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި 'ދިވެހިރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ދެވޭ ދޫނީގެ ބާވަތްތަކުގެ ލިސްޓު' ގައި ނުހިމެނޭ ދޫނިތައް އެ ލިސްޓަށް އިތުރުކޮށް، 13 ޑިސެމްބަރު 2021 ގައި ގަވާއިދު އިސްލާހު، މިނިސްޓްރީން އާންމުކޮށްފައިވޭ. އެއަށްފަހު އެ ދޫނިތައް އެތެރެކުރަން އުޅުނު ފަރާތްތަކަށް އެ ދޫނިތައް ދޫކުރުމުގެ ހުއްދަ ދިނުމާގުޅޭ ގޮތުން މި އޮފީހުގެ ލަފަޔަކަށް މިނިސްޓްރީން އެދިފައިވޭ," ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވިގޮތުގައި އެކަމާ ގުޅޭ ގޮތުން އޭޖީ އޮފީހުން ލަފާ ދީފައިވާނީ ދޫނިތައް އެތެރެކޮށް ކަރަންޓީންކުރެވެނުއިރު އަމަލުކުރަމުން ގެންދިޔަ ދިވެހިރާއްޖެއަށް ދޫނިއެތެރެކުރުމާބެހޭ ގަވާއިދުގައިވާ ގޮތުގެމަތިން އަމަލުކުރަން ފެންނަ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ ކަރަންޓީން ކުރެވުނު ދޫނިތަކާ ގުޅޭ ގޮތުން ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަމަލުނުކޮށް ދިގުމުއްދަތެއް ފާއިތުވެފައިވާކަން އެނގޭތީ، ގަވާއިދުގައިވާ ގޮތުގެމަތިން ފިޔަވަޅުތައް ތަންފީޒުކުރުމުގައި އިހުމާލުވާ ފަރާތެއްވާނަމަ އެކަން ބަލައި ފިޔަވަޅު އެޅުމަށް އޭޖީ އޮފީހުން ލަފާ ދީފައިވާ ކަމަށް ހުސައިން ވިދާޅުވިއެވެ.

comment ކޮމެންޓް