ދޫނިތައް މެރުން ދިފާއުކޮށް، ގުޅުވާލީ ދޫނި ރޯގާއާ

ކެލާ ދާއިރާގެ މެންބަރު -- ފޮޓޯ/ މަޖިލިސް

ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރި ކަމަށް ބުނެ 120 ދޫނި މަރާލި މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ދިފާއުކުރައްވައިފިއެވެ.

ފިޝަރީސް މިނިސްޓްރީން ދޫނިތައް މަރާލި މައްސަލައިގައި ގިނަ ބަޔަކު ދަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އޭގެ ތެރޭގައި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް ހިމެނެއެވެ.

https://sun.mv/161911

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައިވަނީ ނެތި ދިއުމުގެ ބިރު ހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލް އަގްވާމީ ވިޔަފާރި ކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސެވެ.

ބިލަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ ދޫނިތައް މެރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި، އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ.

އެހެންނަމަވެސް ބިލަށް ބަހުސް ކުރައްވަމުން ކެލާ ދާއިރާގެ މެންބަރު ވިދާޅުވީ "ދެ ތިން ހަތަރު ދޫނި މަރައިގެން" ކަންބޮޑުވާ ވަރު ނުވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ދޫނީގެ ސަބަބުން ފެތުރޭ، އެޗްވަންއެންވަން އާއި ބާޑްފްލޫ ފަދަ ބަލިތަކަކީ އިންސާނިއްޔަތަށް ނުރައްކާތެރިވާފަދަ ބަލިތަކެއް ކަމަށެވެ.

"މި ކޮންމެ ފްލޫއެއް ވެކްސިން ނުޖަހާ ކަމަށް ވަންޏާ މުޅި އިންސާނިއްޔަތު ދޮވެލާނެ އިނގޭތޯ، އެހެންވީމަ މި ދޫނިތަކުގަ އެބަހުރި ކެޕޭސިޓީ މި ވައިރަސް އުފުލުމުގެ. އެހެންވީމަ ރާއްޖެއަށް މި ވައިރަސް އައިސްފިއްޔާ ކިހިނެއްތޯ މި ވައިރަސް ކޮންޓްރޯލް ކުރާނީ،" ގިނަ އަހަރުތަކެއް ވަންދެން ފިޝަރީޒް މިނިސްޓްރީގައި ވެސް އުޅުއްވި ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ދޫނިރޯގާގެ ބަލިމަޑުކަމުގެ ތެރޭގައި ދުނިޔޭގައި އެތައް ހާސް ދޫންޏެއް މަރާލެވުނު ކަމަށާއި "ދެ ތިން ހަތަރު ދޫނި މަރައިގެން ކަންތައް ބޮޑުވެގެން" އުޅޭއިރު، އެ ދޫނިތަކުން ފެތުރޭނީ ކޮން ކަހަލަ ބައްޔެއް ކަން ވެސް ނޭނގޭ ކަމަށެވެ.

"ކޮން ކަހަލަ ބައްޔެއް ކަމެއް، ކޮން ކަހަލަ އެއްޗެއްތޯ ފަތުރާނީ އަޅުގަނޑުމެންނަށް ކިހިނެއްތޯ އެނގޭނީ، ކީއްވެގެންތޯ މަރާލީ. ރާއްޖޭގަ ފެސިލިޓީއެއް ނެތް އެ ކަރަންޓީނުކޮށް ބެލެހެއްޓޭނެގޮތެއް. އެ މީހުންގެ ދޫންޏަށް ޒިންމާ ވާކަށް ނޯވޭ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އޭނާ ޖަނަވާރު ފެސިލީޓީއެއްގައި މަސައްކަތް ކުރެއްވިއިރު ވެސް ގިނަ އަދަދެއްގެ ދޫނި މަރައިފައި ހުންނާނެ ކަމަށެވެ. އަދި ރާއްޖޭގައި ދޫނިރޯގާ ފެތުރުމާ ގުޅިގެން އެތައް ހާސް ކުކުޅެއް ވެސް މެރި ކަމަށާއި މިއަދު އެ ވާހަކަ ނުދައްކާ ކަމަށެވެ. އަދި މިއީ މުޅި އިންސާނިއްޔަތަށް ހުރި ބިރެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

ދައްކަންވީ މިގޮތަށް އެތެރެކުރާ ދޫނީގެ ވާހަކަ ނޫން ކަމަށާއި ދައްކަންވީ ރާއްޖެއިން ނެތިދާނެ ކަމުގެ ބިރު ހީވެފައިވާ ދޫނިތަކުގެ ވާހަކަތައް ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ދޫނިތަކުގެ މައްސަލަ ޝަރީފް ސިފަކުރެއްވީ "ބަޔަކު މީހުން ވަކި އިންޓްރެސްޓެއްގައި، ސޯޝަލް މީޑިއާގައި" ފަތުރާ ވާހަކައެއްގެ ގޮތުގައެވެ.

ޝަރީފް މިހެން ވިދާޅުވެފައިވާއިރު، މަރައިލައިފައިވާ ބައެއް ދޫނިތަކުގެ ތެރޭގައި ދުނިޔެއިން ނެތި ދިއުމުގެ ބިރު ހީވެފައިވާ ބައެއް ދޫނި ވެސް ހިމެނެއެވެ.

comment ކޮމެންޓް