ރާއްޖެ އެތެރެކުރި 120 ދޫނި އެޓާނީ ޖެނެރަލްގެ ލަފާގެމަތިން މަރާލައިފައިވާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީގެ އެގްޒެކްޓިވް ޑިރެކްޓަރު ނަސްރުﷲ ހުސައިން "ސަން"އަށް ވިދާޅުވީ އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން އެ ދޫނިތައް ނައްތާލާފައިވާ ކަމަށެވެ.
ޕެޓްމާސްޓާގެ މެނޭޖަރު ހުސައިން އާތިފް "ސަން"އަށް މިއަދު ވިދާޅުވީ އެ ދޫނިތައް މަރާލާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕްލާންޓް އެންޑް އެނިމަލް ޔުނިޓުގައި ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި މަރާލާފައި ވަނީ 120 ވަރަށް ދޫންޏެވެ. އޭގެ އަގަކީ 800،000 ރުފިޔާ ކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
ރާއްޖެ އެތެރެކުރި 120 ދޫނި @MoFMRAmv ވަނީ އޭޖީގެ ލަފާގެ މަތިން މަރާލައިފައި: މިނިސްޓްރީ pic.twitter.com/vQzCjULapr
— Ahmed Izmeem (@AIzmeem) February 8, 2022
އޭނާ ވިދާޅުވީ އެތެރެކުރިއިރު އެ ދޫނިތަކަކީ ރާއްޖެ އެތެރެކުރުމުގެ ހުއްދަ ލިބިފައިވާ ދޫނިތަކެއް ނޫންކަމަށެވެ. ނަމަވެސް ފަހުން ގާނޫނަށް ބަދަލުގެނެސް އެފަދަ ދޫނިތައް އެތެރެކުރުމުގެ ހުއްދަ ލިބިފައިވާކަމަށް އާތިފް ވިދާޅުވިއެވެ.
"ތިންވަރަކަށް މަސްވީ އެއާޕޯޓުގައި ހުންނަތާ. ގެނައިއިރު އެ ދޫނިތައް އެތެރެކުރުމުގެ ހުއްދަނުލިބޭ. ނަމަވެސް ފަހުން އެ ލިސްޓު އަޕްޑޭޓްކޮށް އެ ދޫނިތަކަށް ވެސް ހުއްދަ ލިބުނު،" އާތިފް ވިދާޅުވިއެވެ.
އެ ދޫނިތައް މަރާލީ ވަރަށް އަނިޔާވެރިކޮށް އިންޖެކްޝަން ޖަހައިގެންކަމަށާއި އެއިރު އެ މައްސަލަ އޮތީ ސިވިލް ކޯޓަށް ހުށަހަޅާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް އެ ކުންފުނިން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން، ޕެޓް މާސްޓާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވާން ތައްޔާރަށް އޮތްކަމަށް ވެސް އާތިފް ވިދާޅުވިއެވެ.
"މި މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދަން ޖެހިއްޖެއްޔާ އެކަންވެސް އަޅުގަނޑުމެން ކުރާނަން،" އާތިފް ވިދާޅުވިއެވެ.