ކުޅުންތެރިންނަށް ފަރީދުގެ ތައުރީފް، ފައިނަލުގެ އުއްމީދު އެބައޮތް

ސަސްގެ ޔޫތު ޓީމުގެ ކޯޗު މުހައްމަދު ފަރީދު ސަން އަށް ދިން އިންޓަވިއުގެ ތެރެއިން

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލާ ހަމައަށް އަައި އިރު، ސުޕާ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ސެމީ ފައިނަލް ކާމިޔާބުކޮށް ފައިނަލަށް ދިޔުމުގެ އުންމީދު ވަރަށް ބޮޑު ކަަމަށް ސަސްގެ ކޯޗު މުހައްމަދު ފަރީދު ބުނެފިއެވެ.

އޭނާ މިހެން ބުނެފައިވަނީ ސެމީ ފައިނަލުގެ ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައެވެ.

"ވަރަށް އުންމީދު އެބަ އޮތް ފައިނަލާ ދޭތެރޭގައި. ކުޅުންތެރިންނަށް މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި މި އައި އިންޕްރޫވްމެންޓްސް އާއި ކޯޗުގެ ޓެކްޓިކަލީ އެ އިންނަ ޕްލޭންއަށް މި މީހުން ވަރަށް އަވަހަށް ފިޓުވެލައި. ވޯކް ރޭޓުވެސް ވަރަށް ބޮޑަށް ރަނގަޅު. ސްޓެޕް ބައި ސްޓެޕް މެޗަކަށްފަހު މެޗެއް އިންޕްރޫވްވަމުން އަންނަނީ. ދެން ހަމަ ވަރަށް ޕޮޒިޓިވްކޮށް މެޗާ ދޭތެރޭގައި ދެކެނީ،" ފަރީދު ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ދަ ގްރާންޑޭއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ސެމީގެ ކުރިން ފަރިތަކުރުންތަކާ ގުޅޭގޮތުން ސުވާލު ކުރުމުން ފަރީދު ބުނީ ޓީމުގެ ފަރިތަކުރުންތައް ދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި ފަރިތަކުރުންތަކުގައި ކޮންމެ ކުޅުންތެރިއަކުވެސް އެންމެ މެކްސިމަމް އެފޮޓް ލައިގެން މަސައްކަތް ކުރާކަން ފަރީދު ފާހަގަކުރިއެވެ. ދެ ކުޅުންތެރިޔަކު އަނިޔާގައި ތިބި ނަމަވެސް، ޖުމުލަކޮށް ހުރިހާ ކުޅުންތެރިންވެސް ރަނގަޅުކަމަށް ފަރީދު ބުންޏެވެ.

މުބާރާތަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބުމަކީ އޭނާ ކަންބޮޑުވާ ކަމެއްކަމަށް ފަރީދު ބުންޏެވެ.

"މުބާރާތަށް ތައްޔާރުވުމަށް ކޯޗެއްގެ ހައިސިއްޔަތުން ބުނާނަމަ، މި ފެންވަރުގެ ޓީމެެއް ތައްޔާރުކުރުމަކީ ފަސޭހަަ ކަމެއް ނޫން. ގިނަ ދުވަސް ބޭނުންވާނެ. އެއީ ޓެކްޓިކަލީ މި ކުދިންނަށް ބައިވަރު އެއްޗިސްތަކެއް ކިޔައިދޭންޖެހޭ. ޑިފެންސިވްލީއާވެސް. އަދި އެޓޭކިންގައިވެސް. މުޅި ގޭމު އޯވަރަލްކޮށް ބަލަންޏާމުން އެ ގޮތަށް ސެޓަޕް ހަދާކަމަށް ވަންޏާ ދެން މަދު. އަޅުގަނޑަށް ގާތް ގަނޑަކަށް ހަމަ ހަފްތާއެއް ދެހަފްތާއެއް، ދެ ހަފްތާވެސް ނުވޭ އަޅުގަނޑަށް މި ޓީމު ހަދަން ލިބުނީ،" ފަރީދު ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ދަ ގްރާންޑޭއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

މެޗަކަށް ފަހު މެޗެއްގައި ކުޅުންތެރިންގެ ފަރާތުން އެންމެ ހިތްހަމަ ޖެހޭ ކުޅުމެއް ފެނުނު ކަމަށްވެސް ފަރީދު ބުންޏެވެ. ޓީމުގެ 90 ޕަސެންޓު ކުދިންނަކީ ގަލޮޅު ދަނޑަށް އައު ކުދިންނަށްވީ ނަމަވެސް، މެޗަކަށްފަހު މެޗެއް އައީ ރަނގަޅުވަމުން ކަމަށް ފަރީދު ބުންޏެވެ.

ޔުނައިޓެޑް ވިކްޓަރީއަކީ ވަރަށް ވަރުގަދަ ޓީމެއްކަން ފާހަގަކުރަމުން ފަރީދު ބުނީ އޭނާ ހުރީ ޔޫވީ އާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ކުޅެ، ޔޫވީ ބަލިކޮށް ފައިނަލަށް ދިޔުމުގެ ވަރަށް ބޮޑު އުންމީދެއްކަމަށެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ގްރީން ސްޓްރީޓްސްއާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިތުރަށް އޭނާ ފާހަގަކުރި ގޮތުގައި ޔޫތް ޗެމްޕިއަންޝިޕް މުބާރާތަކީ ޒުވާން ކުޅުންތެރިންނަށް ވަރަށް މުހިންމު މުބާރާތެކެވެ. މިފަދަ މުބާރާާތެއް ބޭއްވުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ވެސް ފަރީދު ބުންޏެވެ. މުބާރާތް މި ގޮތުގައި ބާއްވަދޭ ކަމަށްޓަކައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަދި ސަރުކާރަށް އޭނާ ވަނީ ޝުކުރު އަދާކޮށްފައެވެ.

ރާއްޖެ ތެރޭގައިވެސް ހުނަރުވެރި މޮޅު ފުޓުބޯޅަ ކުޅުންތެރިން ތިބިކަމާއި އެ ކުޅުންތެރިންގެ ބޭނުން ހިފުމަށް އަތޮޅު ފެންވަރުގައި އަދި ޒޯން ފެންވަރުގައިވެސް މި ފަދަ މުބާރާތްތައް ބޭއްވުން މުހިންމުކަމަށް ފަރީދު ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި ސަސް އާއި ޔޫވީ ބައްދަލުކުރާ ސެމީ ފައިނަލްގެ ދެ ވަނަ މެޗު އޮންނާނީ މިރޭ ގަލޮޅު ރަސްމީ ދަނޑުގައެވެ. މިއީ ސަސްގެ ފުރަތަމަ ޔޫތް ޗެމްޕިއަންޝިޕް މުބާރާތެވެ.

comment ކޮމެންޓް