ސަސް ބަލިކޮށް އީގަލްސްއިން ފަސް ވަނަ ފަހަރަށް ޔޫތު މުބާރާތް ކާމިޔާބުކޮށްފި

ޗެމްޕިއަންކަން ހޯދި ކްލަބް އީގަލްސްގެ ޓީމު --- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިއަދު ކުލަބް އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) ބައްދަލުކުރި މެޗު ކާމިޔާބުކޮށް އީގަލްސްްއިން ފަސް ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށްފައެވެ.

ފ. ނިލަންދޫ ޓާފު ދަނޑުގައި ކުޅުނު މި މެޗު އީގަލްސް އިން ކާމިޔާބުކުރީ 1-0 އިންނެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ނިލަންދޫ ފުޓުބޯޅަ ސްޓޭޑިއަމް ރަސްމީކޮށް ހުޅުވައިދެއްވާފައެވެ. މިއީ މި ދަނޑު ހުޅުވުމަށްފަހު މި ދަނޑުގައި ކުޅުނު ފުރަތަަމަ މެޗެވެ.

މެ ދެ ޓީމު ވަނީ ގްރޫޕް ސެޓޭޖުގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު ކާމިޔާބުކުރީ އީގަލްސް ޓީމުންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި އީގަލްސް އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން - - ސަން ފޮޓޯ : މުހައްމަދު ހައްޔާން

އީގަލްސް ފައިނަލަށް ދަތުރުކުރީ ސެމީގައި ޓީސީ ސްޕޯޓްސް ކުލަބް ބަލިކޮށްގެންނެވެ. އަދި ސަސް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ޕެނަލްޓީ ޖަހައިގެން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބަލިކޮށްގެންނެވެ.

މިއަދު މެޗު ދެ ޓީމުންވެސް ފެށި މުހިންމު ކުޅުންތެރިން ހިމަނައިގެންނެވެ. އީގަަލްސްގެ ޒައިން ޒަފަރު ފުރަތަމަ އޭގާރައިން ފެށި ނަމަވެސް، އޭނާ ހުރީ މުޅިން ފިޓުކޮށެއް ނޫނެވެ. ލިބުނު އަނިޔާ އެއްކޮށް ރަނގަޅު ނުވި ނަމަވެސް، ފައިނަލް މެޗު ކަމަށްވާތީ ކޯޗު ނިމާދު އޭނާ ހިމެނިއެވެ.

ސަސް ގެ ކުޅުންތެރިޔަކަށް އީގަަލްްސްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ބޯޅައަށް މަސައްކަތް ކުރުމުގެ ތެރޭގައި އީގަލްސްގެ ކީޕަރު ޝައިހާން ވަނީ ބޯޅަ މަތަކޮށްފައެވެ.

މެޗުުގެ 15 ވަނަ މިނެޓުގައި އީގަލްސްއަށް ލިބުނު ހިލޭ ޖެހުމެއްގައި ޒައިން ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު މީސަމް ވަނީ އަތުން ޖައްސައި ކޯނަރަކަށް ބޭރުކޮށްލާފައެވެ. ކޯނަރުގައި އީގަލްސްއިން ނެގި ކޯނަރު ހުމެއިދު ބޮލުން ފޮނުވާލި ނަމަވެސް ބޯޅަ ދިޔައީ ގޯލު ކައިރިން ބޭރަށެވެ.

މިހާ ހިސާބަށް އައި އިރު އީގަލްސްްއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ސަސް އަށް މާ އެދެވޭ ފުރުސަތެއް ނުލިބެއެވެ. އީގަލްސްގެ ފަރާތުން ކޮންމެވެސް ވަރަކަށް ސަސްގެ ޑިފެންސް ލައިނަށް ބާރުބޮޑު ކުރަމުން ދިޔަ މަންޒަރު ފެނުނެވެ. އީގަލްސްގެ ސަހާފް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ޒައިން ބޮލުން ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

ސަސް އަށް ލިބުނު އެއްލުމަކުން ލިބުނު ބޯޅައެއް ސާލިފް ފޮނުވާލި ނަމަވެސް ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ. 23 ވަނަ މިނެޓުގައި އީގަލްސްއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ސަހާފް ދިން ބޯޅައެއް ސަސްެގެ ގޯލު އޭރިޔާ ތެރެެގައި ހުރެ ގޯލަށް ފޮނުވާލައިގެންނެވެ.

ސަސްގެ ވިސާހު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝައިހާން ވަނީ މަތަކޮށްފައެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި އީގަލްސް އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން - - ސަން ފޮޓޯ : މުހައްމަދު ހައްޔާން

އީގަލްސްގެ ޒައިންއަށް ލިބުނު ފުރުސަތެއްގައި ސަސްގެ ގޯލު އޭރިޔާ ބޭރު ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުވާ ގޮތެއް ނުވިއެވެ. ބޯޅަ ދިޔައީ ގޯލުގެ އަރިމަތިން ބޭރަށެވެ. އީގަލްސް އަށް ލިބުނު ހިލޭ ޖެހުމެއްގައި ޒައިން ފޮނުވާލި ބޯޅަ ދިޔައީ ސަސްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ކޯނަރަކަށް ބޭރަށެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތަށް ރެފްރޫ ދެ މިނެޓު ދެއްކިއިރު، ފުރަތަމަ ހާފު ނިމުނީ 1-0 އިން އީގަލްސް ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް އީގަލްސްއިން ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ނަމަވެސް، ސަސްގެ ފަރާތުން މާ އެދެވޭ ހަަމަލާއެއް ނުފެނެއެވެ.

ސަސް އިން މެޗުގެ ފުރަތަމަ ބަދަލު. 16 ގެ ބަދަލު 30. 27 ގެ ބަދަލު 18 އެރީ.

އީގަލްސްގެ ޒައިން ހަނީފަށް ކުރި ފައުލަކާ ގުޅިގެން ސަސްގެ މުތާއު މުހައްމަދަށް ރެފްރީ ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ. އަދި ޒައިންއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާއަށް ދަނޑު މަތީގައި ފަރުވާ ދިނުމަށްފަހު ވަނީ އަށިގަނޑުގައި ދަނޑުން ބާލާފައެވެ.

73 ވަނަ މިނެޓުގައި ޒައިން ޒަފަރުގެ ބަދަލުގައި އަބްދު ﷲ އިޔާދު މުހައްމަދު ވަނީ ކުުޅުމަށް ނިކުމެފައެވެ. އޭނާ ބަދަލުކުރީ އޭނާގެ ފަޔަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. މެޗު ފެށިއިިރުވެސް ޒައިން ހުރީ އަނިޔާއެއްގައެވެ.

ސަސްގެ ގޯލު އޭރިޔާ ތެރެއިން މާހީ އަށް ލިބުނު ފުރުސަތެއް ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަންނަ ދަނިކޮށް، ސަސްގެ އައިހަމް ވަނީ ބޯޅަ ސަލާމަތްކޮށްފައެވެ.

ސަސްގެ އަހުމަދު ރީހާން މުހައްމަދު ގެ ބަދަލުގައި އިޖްލާލް އާދަމް އިބްރާހިމް ވަނީ ކުޅެން އަރާފައެވެ.

ސަސްގެ 6 ނަންބަރު ފޮނުވާލި ބޯޅަ އީގަލްސްގެ ކީޕަރު ޝައިހާންގެ އަތުގައު ޖެހި ބޭރުވީ ކޯނަރަކަށެވެ.

އީގަލްސްގެ އިސްމައިލް ސައިފް ގެ ބަދަލު އެޓީމުގެ ހާމިޝް އަސްލަމް ވަނީ ކުޅެން ނިކުމެފައެވެ.

އީގަލްސްގެ ޕެނަލްޓީ އޭރިޔާ ބޭރުން ނުރައްކާތެރި ހިސާބަކުން އެ ޓީމުގެ ކުޅުންތެރިޔަކު ސަސްގެ ކުޅުންތެރިޔަކަށް ކުރި ފައުލަކާ ގުޅިގެން ސަސް އަށް ވަނީ ހިލެ ޖެހުމެއް ލިބިފައެވެ. ސަސްގެ ވިޝާހު ފޮނުވާލި ބޯޅަ ދިޔައީ އީގަލްސްގެ ގޯލާ އަމާޒުނުވެ މާ މަތިންނެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި އީގަލްސް އަދި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން - - ސަން ފޮޓޯ : މުހައްމަދު ހައްޔާން

ދެ ވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ވަނީ ތިން މިނެޓު ދައްކާފައެވެ. އީގަލްސްގެ މާހީ އަށް ކުރި ފައުލަކާ ގުޅިގެން ސަސްގެ އައިހަމް އަށް ވަނީ ރީނދޫ ކާޑެއް ދައްކާފައެވެ.

މި ނަތީޖާއާއެކު މެޗު ނިިމުނީ 1-0 އިން ސަސްގެ މައްޗަށް ކުރި ހޯދައި އީގަލްސް އިން މުބާރާތް ފަސް ވަނަ ފަހަރަށް ކާމިޔާބުކޮށްގެންނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އީގަލްސްގެ ޒައިން ޒަފަރެވެ.

މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިންނަކީ، އީގަލްސްގެ މުހައްމަދު ސަމާހު މޫސާ، ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް، ސަސްގެ ވިޝާހު އަބްދުލް މަޖީދު، އީގަލްސްގެ އިސްމައިލް ސައިފް، ޔޫވީގެ މުހައްމަދު ޒައިން ޝުޖާއު، މާޒިޔާގެ މުހައްމަދު އިޔާން ހަސަން، އީގަލްސްގެ ހުމެއިދު ހަސަން، ޓީސީގެ އައިހަމް ހަމްދޫން، ސަސްގެ އިޝްއާފް މުހައްމަދު ފިރާގު، ޔޫވީގެ އައިހަމް ސައީދު އަދު ސަސްގެ ކީޕަރު ޔޫސުފް މީޝަމް އަބްދު ﷲ އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަކަށް ހޮވުނީ އީގަލްސްގެ ސަމާހުއެވެ.

އެންމެ މޮޅު ކޯޗަކަށް ހޮވުނީ އީގަލްސްގެ ކޯޗު އަހުމަދު ނިމާދުއެވެ.

comment ކޮމެންޓް