ނަސީބު އަތުގައި ހިފުމުން ދައްޗާއި އުނދަގުލާއެކު ވެސް ސަމާހު ހޯދިީ ކާމިޔާބީ!

އަހުމަދު ސަމާހު: ޔޫތު ޗެމްޕިއަންޝިޕްގައި އެންމެ މޮޅު 11 ކުޅުންތެރިން ތެރޭގައި ހިމެނި ޓޮޕް ސްކޯރާގެ މަގާމު ހާސިލު ކުރި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ޔޫތު ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި، އީގަލްސް އެންމެ ޕްރެޝަރުގައި ކުޅުނު މެޗަކީ ސެމީ ފައިނަލު މެޗެވެ. ހަމަޖެހިލައިގެން ކުޅެމުންދިޔަ ޓީސީގެ ޓީމަށް އެ ދުވަހު އޮތް އެންމެ ބޮޑު ބިރަކަށްވީ އީގަލްސްގެ ފޯވާޑް މުހައްމަދު ސަމާހު ފަތުހީއެވެ.

ސަމާހުގެ ހިފެހައްޓަން ޓީސީ ސްޕޯޓްސް ކްލަބުގެ ޑިފެންޓަރުން ކެނޑިނޭޅި މަސަައްކަތްކުރިއެވެ. އެކަމަކު ސަމާހު މާ ހުށިޔާރެވެ. ލިބުނު ކޯނަރެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައިލައިގެން އޭނާ ޓީސީގެ ޑިފެންޑަރުން ސިއްސުވާލިއެވެ.

ބެލުންތެރިންނަށް މުބާރާތުގެ ކޮންމެ މެޗެއްގައި ވެސް ސަމާހު ފެނުނީ ޖެހިލުންކުޑަ، މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް، ކާމިޔާބީއަށް ވާސިލުވާން ސަމާހު ގިރާކުރި ހަރުފަތްތައް ގިނަ މީހުންނަކަށް ނޭނގެއެވެ.

ރަށުން މާލެ އަންނަން ވެސް ގޮންޖެހުންތަކެއް!

އުފަން ރަށް، އދ. ކުނބުރުދޫގައި ވެސް ސަމާހުއަކީ ވިދުންގަދަ ތަރިއެކެވެ. އެންމެ ފަހުން ކުނބުރުދޫ ކައުންސިލުން ބޭއްވި ފުޓުބޯޅަ މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލު ކުރީ ސަމާހުއެވެ.

އެންމެ ޅަ ދުވަހުން ފަށައިގެން ވެސް، ފުޓުބޯޅައިގެ ދާއިރާއިން ކުރިއަށް ދިއުމަކީ ސަމާހު ދުށް ހުވަފެނެކެެވެ. އެ ހުވަފެން ހަގީގަތަކަށް ހަދަން، ގުރޭޑް 10 ނިންމާފައި ސަމާހު ބޭނުންވީ މާލެ އަންނާށެވެ.

އެހެން ނަމަވެސް ދަރީންނާމެދު ކޮންމެ މަޔަކާއި ބަފަޔަކު ވެސް ކުރާ އުންމީދު ސަމާހުގެ މައިންބަފައިން އޭނާއާމެދު ވެސް ކުރިއެވެ. އިތުރަށް ނުކިޔަވައި ފުޓުބޯޅަ ކުޅެން ދާން އުޅުމުން ކޮންމެވެސް ވަރަކަށް ސަމާހުގެ މައިންބަފައިން އެހެންވެ ކަންބޮޑުވިއެވެ.

"ގިނަ ދަތިތަކަކާ ދިމާވި، އެހާ ބޮޑު ތަނަވަސްކަމެއް އާއިލާގައި ނެތީމައާއެކު މިކޮޅުގައި [މާލޭގައި] ހުންނަން ވެސް ގިނަ ދަތިތަކާ ކުރިމަތިވި. އެކަމަކު ފަހުން މިކަމަށް ޝައުގުވެރިކަން ހުރިވަރު އެނގުމުން މަންމަމެން ވެސް އެއްބަސްވީ. ފަހުން ހިތްވަރުދިން ވަރަށް،" ސަމާހު ކިޔައިދިނެވެ.

ޔޫތު ޗެމްޕިއަންޝިޕް ފައިނަލު މެޗުގައި އީގަލްސްގެ ޒައިން ޖެހި ގޯލު ސެލެބްރޭޓް ކުރަނީ، ދެ ކުޅުންތެރިންގެ މެދުގައި ސަމާހު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދަތިތަކާ ކުރިމަތިވުމުން ހިތްވަރު އެލުވައިލައި ހުއްޓާލާކަށް ސަމާހު ގަސްތެއް ނުކުރިއެވެ. އެއަށްވުރެ، އޭނާގެ އުންމީދުތައް ބޮޑެވެ. ދެކެމުންދިޔަ ހުވަފެންތަކަށް ކޮންމެ ދުވަހަކުމެ "ހޭލައި" ސަމާހު ގަދައަޅައި މަަސައްކަތް ކުރިއެވެ.

މާލެ އައިސް ކްލަބް އީގަލްސްގެ ނަވާރަ އަހަރުން ދަށުގެ ޓީމު ނަގަން ބޭއްވި ޓްރަޔަލްއަށް އޭނާ ދިޔައެވެ. ހުނަރުވެރި އެތައް ކުޅުންތެރިންތަކެއް ޓްރަޔަލްގައި ތިބުމުން، ޓީމަށް ހޮވޭނެބާއޭ ފުރަތަމަ ސަމާހު ހިތަށް އެރިއެވެ.

ޓްރަޔަލްތަކުން ހޮވި، އީގަލްސްގެ ޔޫތު ޓީމަށް އޭނާއަށް ފަސޭހައިން އެރުނެވެ. އެކަމަކު، އޭނާ ދުށީ އެއީ ފެށުމެއްގެ ގޮތުގައެވެ. ފުރަތަމަ އެގާރައަށް އަރަން އޭނާ ކުރަން ޖެހޭ މަސައްކަތް ކުރިއަށް އަދި އޮތީ ކަމަށެވެ.

ސަމާހު އީގަލްސްގެ ހުރިހާ ފަރިތަކުރުންތަކަށް ވެސް ދިޔައީ ކަމަށް ކަމޭހިތައިގެން ކުރިއަށް ދިއުމުގެ އުންމީދުގައެވެ. ވިލިނގިލީގައި ދިރިއުޅޭތީ ގަޑިއަށް ފަރިތަކުރުންތަކަށް ދާން، ގަޑިއިރެއްހާއިރު ކުރިން ގެއިން ނުކުންނަން ޖެހެއެވެ.

ފުރަތަމަ މެޗުގެ ފުރަތަމަ އެގާރައިގައި ނުހިމެނޭ!

ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗަށް އީގަލްސް ޓީމުން ތައްޔާރުވީއިރު ފުރަތަމަ އެގާރައިގައި ސަމާހުއެއް ނެތެވެ. އެކަމަކު، ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ބުނެ އުޅޭ ބީދައިން، ސަމާހުގެ އަތުގައި ނަސީބު އައިސް ހިފީ ނުވެސް އެނގިހުއްޓާއެވެ.

ކޮވިޑް-19އަށް ފުރަތަމަ އެގާރައިގެ ގިނަ ކުޅުންތެރިންތަކެއް ޕޮޒިޓިވްވުމުން އެ މެޗަށް "ނަސީބަކުން" ސަމާހުއަށް ފުރުސަތު ލިބުނީއެވެ. ސަމާހު ބޭނުންވީ އެ ފުރުސަތުގެ ބޭނުން ހިފައި އޭނާގެ ހުނަރު ދައްކާލާށެވެ. ފުރަތަމަ އެގާރަ އޭނާއަށް ހައްގުކަން ކޯޗަށް ސާބިތުކޮށްދޭށެވެ.

"އަސްލު ވަރަށް މުހިންމު ފުރުސަތެއް ގޮތުގައި ދެކުނީ. ލިބޭ ކިތަންމެ ކުޑަކުޑަ ފުރުސަތެއްގައި ވެސް ރަނގަޅު ކުރިއެރުމެއް ލިބިދާނެކަން ވިސްނާފައި ކޯޗަށް ރަނގަޅު ކުޅުންތެރިއެއްކަން ސާބިތުކޮށްދޭން ބޭނުންވަނީ،" ސަމާހު ބުންޏެވެ.

ސަމާހު އެކަން ހާސިލު ވެސް ކުރިއެވެ. ސަސްއާ ދެކޮޅަށް ފުރަތަމަ ކުޅުނު މެޗު އީގަލްސްއިން 1-0އިން ކާމިޔާބުކުރި އިރު ހަމައެކަނި ގޯލު ޖެހީ ސަމާހުއެވެ.

އެ ހިސާބުން އީގަލްސްގެ ކޯޗު އަހުމަދު ނިމާދު (ނިމާ)އަށް ވެސް ސަމާހުގެ ކެރުންތެރިކަމާއި ހުނަރުވެރިކަން ފެނުނެވެ. ސަމާހުއަކީ ބޭނުންތެރި ކުޅުންތެރިއެއްކަން އެނގުނެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ މުބާރާތް ކާމިޔާބުކޮށްދިނުމުގައި ނިމާގެ ދައުރު ބޮޑު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"ބޮކްސްތެރޭގައި ރަނގަޅުތަނަށް ހުސްވެ ކުޅޭ ޕްލޭޔަރަކާ ދޭތެރޭ ހާއްސަ ނަޒަރަކުން ވިސްނާނެތާ،" ނިމާ ބުންޏެވެ.

ކޮވިޑް ޕޮޒިޓިވްވެ ދެވަނަ މެޗު ނުލިބުނު!

އީގަލްސްގެ ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކައި ސަމާހު ހުރީ ދެވަނަ މެޗަށް ފޮނި އުންމީދުތަކަކާއެކުގައެވެ. އެކަމަކު، އޭނާއަށް އަނެއްކާ ވެސް ކުރިމަތިލާން ޖެހުނީ އިތުރު ކަމަކާއެެެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން ދެވަނަ މެޗު އޭނާއަށް ލިބޭ ގޮތެއް ނުވިއެވެ. ގިނަ އުންމީދުތަކެއް ދެކެމުންދިޔަ ސަމާހުއަށް އެއީ ލިބުނު މާޔޫސްކަމެކެވެ. މުބާރާތުގައި އިތުރަށް ފުރުސަތު ނުލިބިދާނެކަމަށް އޭނާ އެ ހިސާބުން ހީކުރިއެވެ.

"ހިތަށް އެރި ދެން މުބާރާތުގައި ކުޅެލަން ނުލިބިދާނޭ. އެހާ ގިނަ ދުވަސްތަކެއް ވަންދެން ޕްރެކްޓިސްތަކުގައި ބައިވެރިނުވެވި ހުރީމަ،" ސަމާހު ކިޔައިދިނެވެ.

ސަމާހު ހީކުރި ގޮތަށް، ތިންވަނަ މެޗުގައި ވެސް ސަމާހުއަށް ފުރުސަތެއް ނުލިބުނެވެ. ގުރޫޕް ސްޓޭޖް މެޗުތަކުގައި ގިނަ ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ޕްލޭނެއް ގެންގުޅުނު ނިމާ ކޯޗު، އެހެން ކުޅުންތެރިންނަށް ފުރުސަތު ދިނީމައެވެ.

ބެންޗުގައި އިންނަން ޖެހުމުން ކޮންމެވެސް ވަރަކަށް މާޔޫސްވި ނަމަވެސް، ސަމާހު ހިތްވަރު އެލުވައެއް ނުލައެވެ. އޭނާ ހުރީ ކިރިޔާ ވެސް ފުރުސަތަކަށް ބަލަބަލައެވެ.

ޔޫތު ޗެމްޕިއަންޝިޕް 21/2022 - ކްލަބް އީގަލްސް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ބައްދަލުކުުރި މެޗުގެ ސަމާހު ބޯޅަ ފޮނުވާލަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އަސްލު ހިތަށް އެރީ ފުރުސަތެއް ދެން ނުލިބޭނޭ. އެކަމަކު ވެދާނޭ ހަމަ ޕްރެކްޓިސްތަކުގައި ބައިވެރިނުވެވުނީމަ ކޯޗު ރެސްޓު ދިނީ ކަމަށް ވެސް. އެގޮތަށް ވަރަށް ޕޮޒިޓިވްކޮށް ވިސްނައިގެން ހުރީ. ދެން އަންނަ މެޗަކަށް ޕްރެކްޓިސް ރަނގަޅުކޮށްލީމަ އަރުވާނޭ،" ސަމާހު ކިޔައިދިނެވެ.

ޖެހިގެން އައި މެޗުގައި ހަތަރު ގޯލާއެކު މޮޅު ކުޅުންތެރިޔާ!

ހަތަރުވަނަ މެޗަށް ސަމާހުއަށް ނިމާ ފުރުސަތު ދިނީ އޭނާއަކީ އޭރިއާ ތެރޭގައި ޕޮޒިޝަން ރަނގަޅު ކުޅުންތެރިއަކަށް ވާތީއެވެ. ލިބޭ ފުރުސަތުގެ ބޭނުންހިފައި ގޯލު ޖަހާ ފޯވާޑަކަށް ވާތީއެވެ.

ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅުނު އެ މެޗުގައި ސަމާހު އަނެއްކާ ވެސް އޭނާގެ ހުނަރު ސާބިތުކޮށްދިނެވެ. 11-0އިން އީގަލްސް މޮޅުވި އެ މެޗުގައި ހަތަރު ގޯލު ޖަހައި މޭން އޮފް ދި މެޗުގެ މަގާމަށް ވެސް ހޮވުނީ އޭނާއެވެ.

އެ ހިސާބުން ފުރަތަމަ އެގާރައިގައި ސަމާހު ހިމަނަން ޖެހޭކަން ނިމާއަށް ޔަގީންވިއެވެ. ކުރިމަތީގައި އޮތް ވަރުގަދަ ސެމީފައިނަލު މެޗަށް ޓީސީއާ ދެކޮޅަށް ބޭނުންވަނީ ސަމާހުފަދަ ގޯލާ ރައްޓެހި ކުޅުންތެރިއެއްކަން ވިސްނުނެވެ.

"ގްރީން މެޗުގައި ސަމާހު ހަތަރު ގޯލު ޖަހައިފި، މުބާރާތުގެ ޓޮޕް ސްކޯރާއަށް އަރައިފި. ފިނިޝިން ރަނގަޅުވެފައި މަސައްކަތު ރޭޓު ވަރަށް ރަނގަޅު،" ނިމާ ބުންޏެވެ.

ޓީސީއާ ދެކޮޅަށް ސެމީ ފައިނަލު މެޗުގައި ސަމާހުގެ ފަރާތުން ފެނުނީ އާދަޔާޚިލާފު މޮޅު ކުޅުމެކެވެ. އޭނާގެ މަސައްކަތު ރޭޓު އެ މެޗުގައި ސަތޭކައެވެ.

ޖުމުލަ ހަ ގޯލު ޖަހައިގެން މުބާރާތުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދި ސަމާހުއަށް އެންމެ ހާއްސަ ގޯލަކީ ޓީސީ މެޗުގައި ޖެހި ގޯލެވެ.

އީގަލްސްއާއި ޓީސީ ބައްދަލުކުރި ސެމީ ފައިނަލުގެ ތެރެއިން ސަމާހުގެ ގޯލު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

"އެ ދުވަހުގެ މެޗުގައި ޓީމު ކުޅެމުންދިޔައީ ވަރަށް ޕްރެޝަރުގައި. އެހެންވީމަ މެޗުން މޮޅުވާން ވަރަށް މުހިންމު ލަނޑަކަށް ވީމަ. އެންމެ އުނދަގޫ ދަނޑިވަޅުގައި ވެސް ގޯލެއް ޖެހުނީމަ އެ ލަނޑު ވަރަށް ހާއްސަ،" ސަމާހު ކިޔައިދިނެވެ.

ބޭނުންވަނީ ފުޓުބޯޅައިން ކުރިއަށް ދާން!

ސަމާހު މާލެއަށް އައީ ވެސް ފުޓުބޯޅައިން ކުރިއަށް ދާށެވެ. އެއީ އޭރު ވެސް މިހާރު ވެސް އޭނާގެ އުންމީދެވެ. އޭނާ ބިލްޑު ކުރަން ބޭނުންވާ ކެރިއަރަކީ ފުޓުބޯޅަ ކެރިއަރެވެ.

ޔޫތު މުބާރާތުގައި ދެއްކި މޮޅު ކުޅުމާއެކު ސަމާހު ވަނީ އީގަލްސްގެ ސީނިއާ ޓީމުގައި ހިމެނިފައެވެ. މިރޭ އީގަލްސްގެ ސީނިއާ ޓީމުގެ ފަރިތަކުރުންތަކަށް ސަމާހު ފުރަތަމަ ފަހަރަށް ނުކުންނާނެއެވެ.

ސަމާހުއަށް ނިމާ ދޭ ނަސޭހަތަކީ ޑިސިޕްލިނާއެކު ކުޅިވަރުގެ ރޫހާއެކު ފުޓުބޯޅަ ކުޅުމެވެ. ދަނޑުމަތީގައި އަދި ދަނޑުން ބޭރުގައި ވެސް ޑިސިޕްލިންއާއެކު މަސައްކަތްކޮށްފިނަމަ ސަމާހު ދެގުނަ މޮޅުވާނެކަމަށް ނިމާ ބުންޏެވެ.

ސަމާހުގެ އުންމީދަކީ އީގަލްސްގެ ސީނިއާ ޓީމާއެކު ފުޓުބޯޅައިގައި ކުރިއަށް ދިއުމެވެ. ކޯޗުން ބަލައިގަންނަފަދަ ކުޅުންތެރިއަކަށް ވުމަކީ އޭނާގެ އުންމީދެވެ.

"ރާއްޖޭގެ ގައުމީ ޓީމަށް ކުޅެ، ރާއްޖޭގެ އެންމެ މޮޅެތި ކުޅުންތެރިންތެރޭގައި ހިމެނުމަކީ އުންމީދެއް،" ސަމާހު ބުންޏެވެ.

މިއަދު ސަމާހުގެ މައިންބަފައިން ވެސް އޭނާއާމެދު ފަހުރުވެރިވެއެވެ. އޭނާއަށް ގުޅާ ކޮންމެ ފަހަރެއްގައި ފުޓުބޯޅައިން ކުރިއަށް ދާން ހިތްވަރުދެއެވެ.

"ގުޅާ ކޮންމެ ފަހަރަކު ބުނާނެ ރަނގަޅު ކުޅުމެއް ކުޅެއްޗޭ، ހިތްވަރު ކުރީމާ ވާނެއޭ. ވަރަށް ސަޕޯޓިވް މިހާރު އާއިލާ އެންމެން ވެސް. ރަށު އެންމެން ވެސް،" ސަމާހު ބުންޏެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ޓޮޕް ސްކޯރާގެ މަގާމު ސަމާހު ހޯދީ ހަ ގޯލާއެކު -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނަސީބު އަތުގައި ހިފުމުން ދަތި އުނދަގުލާއެކު ވެސް ސަމާހު ހިތްވަރުކުރީ ކާމިޔާބީއާ ހަމައަށް ވާސިލުވާށެވެ. ޔޫތު ޗެމްޕިއަންޝިޕްގައި އޭނާ އެންމެ މޮޅު 11 ކުޅުންތެރިންގެ ތެރޭގައި ހިމެނި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ވެސް ހޯދިއެވެ. އެކަމަކު މިއީ އަދި ސަމާހުގެ ކެރިއަރުގެ ފެށުމެވެ.

ލިބުނު ނަސީބުގެ ބޭނުން ހިފައި، ކުރިމަގުގައި އިތުރު ކާމިޔާބީތައް ހޯދުމަކީ ސަމާހުގެ އުންމީދެވެ.

comment ކޮމެންޓް