ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގެ ދެ ވަނަ މެޗުގައި ވަރުގަދަ ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކުލަބް (ސަސް) މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ކުޅުނު މި މެޗުން ސަސް މޮޅުވީ އިތުރު ވަގުތު ހަމަވީއިރުވެސް ލަނޑެއް ނުޖެހި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި 3-2 އިން ޔޫވީ ބަލިކޮށްގެންނެވެ.
މިރޭގެ މެޗު ފަށައިގެން ޔޫވީން ދިޔައީ ސަސްގެ ޑިފެންސް ލައިނާއި ގޯލް ކީޕަރަށް ބާރުބޮޑުކުރަމުންނެވެ. ޔޫވީން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް އެ ޓީމުން އުފެއްދި ހަމަލާތައް ހުއްޓުވުމުގައި ސަސްގެ ޑިފެންސް ލައިން ފެނުނީ ވަރަށް ވަރުގަދަކޮށެެވެ.
ޔޫވީގެ ހަމަލާތައް ސަސް އިން ހުއްޓުވި ނަމަވެސް، އެ ޓީމަށް އެޓޭކްގައި ރަނގަޅު ހަމަލާއެއް ފުރަތަމަ ހާފުގައި ފޮނުވައެއް ނުލެވެއެވެ. ފުރަތަމަ ހާފު ނިމުނީ އެެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބެއް ނުކުރެވިއެވެ.
ދެވަނަ ހާފުގައި ވެސް ޔޫވީ ފެނުނީ އެޓޭކްގައި ވަރަށް ވަރުގަދަކޮށެވެ. ޔޫވީގެ ފަރާތުން ހަމަލާތަކެއް ފެނުނު ނަމަވެސް މި ހާފުގައި ވެސް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. އިތުރު ވަގުތު ހަމަވިއިރުވެސް ލަނޑެއް ޖެހިފައި ނެތުމުން ދެން ޖެހުނީ ނަތީޖާ ނެރެން ޕެނަލްޓީޖަހާށެވެ.
ނަތީޖާ ނެރުމަށް ޖެހި ޕެނަލްްޓީގައި ޔޫވީގެ ޒައިޝާން ފޮނުވާލި ބޯޅަ ސަސްގެ ކީޕަރު މީސަމް ހުއްޓުވިއެވެ. ސަސްގެ ފުރަތަމަ ޕެނަލްޓީގައި ސާލިފް ފޮނުވާލި ބޯޅަ ޔޫވީގެ ކީޕަރު ޝައިބާން ހުއްޓުވިއެވެ. ޔޫވީގެ ކެޕްޓަން މުހައްމަދު ޒައިން ފޮނުވާލި ޕެނަލްޓީވެސް މީސަމް މަތަކުރިއެވެ. ސަސްގެ ދެ ވަނަ ޕެނަލްޓީ އިޝްއާފް ފޮނުވާލިއިރު، އޭނާ ފޮނުވާލި ބޯޅަ ވައްދާލީ ގޯލަށެވެ. ޔޫވީގެ ލަމާން ވަނީ އެ ޓީމުގެ ތިން ވަނަ ޕެނަލްޓީ ޖަހައި އެ ޕެނަލްޓީ ކާމިޔާބުކޮށްދިނެވެ. ސަސްގެ އައިހަމް ޖެހި އެ ޓީމުގެ ތިން ވަނަ ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
ޔޫވީގެ ޒަހުވާން ފޮނުވާލި އެ ޓީމުހެ ހަތަރު ވަނަ ޕެނަލްޓީ އަނެއްކާވެސް މީސަމް މަތަކުރި ނަމަވެސް، ޕެނަލްޓީ މަތަކުރުމުގައި އޭނާ ބޭރަށް ޖެހުނުކަމަށް ނިންމައި ރެފްރީ ދެވަނަ ފަހަރަށް ޕެނަލްޓީ ޖަހަން އެންގިއެވެ. މިފަހަރު ޒަހުވާން ފޮނުވާލި ބޯޅަ ވަނީ ސަސްގެ ގޯލަށެވެ. ވިޝާހު ވަނީ ސަސްގެ ހަތަރު ވަނަ ޕެނަލްޓީ ގޯލަށް ފޮނުވާލާފައެވެ. ޔޫވީގެ ތިބްޔާން އެ ޓީމުގެ ފަސްވަނަ ޕެނަލްޓީ ފޮނުވާލި ނަމަވެސް މިފަހަރުވެސް މީސަމް އެ ޓީމުގެ ޕެނަލްޓީ މަތަކުރިއެވެ. ސަސްގެ ފަސް ވަނަ ޕެނަލްޓީގައި އަލީ ޒާލިފް ފޮނުވާލި ބޯޅަ ގޯލަށް ވައްދަލައިގެން އޭނާ ވަނީ ވަނީ އެ ޓީމު މޮޅުކޮށްދީފައެވެ.
މިއީ ޔޫތު ޗެމްޕިއަންޝިޕް މުބާރާތެއްގައި ސަސް ވާދަކުރާ ފުރަތަމަ ފަހަރެވެ. ސަސްއިން ވަނީ މިހާތަނަށް މި މުބާރާތުގައި އާދަޔާ ހިލާފު މޮޅު ކުޅުމެއް ދައްކާފައެވެ.
މުބާރާތުގެ ފައިނަލްގައި ސަސް ނިކުންނާނީ ކުލަބް އީގަލްސްއާ ދެކޮޅަށެވެ. މި ދެ ޓީމު ބައްދަލު ކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިަފއިވަނީ އަންނަ އާދިއްތަ ދުވަހު ފ. ނިލަންދޫ ޓާފު ދަނޑުގައެވެ.