2024ގެ އޮލިމްޕިކް ސްކޮލާޝިޕް ރާއްޖޭގެ ދީމާއަށް

ދީމާ އަަދި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް -- ފޮޓޯ / މިނިސްޓަރު މަހުލޫފް

ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ރާއްޖޭގެ ޓީޓީ ތަރި ފާތިމަތު ދީމާ އަލީއަށް ލިބިއްޖެއެވެ.

މި ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ތެރެއިން އެމީހެއްގެ ހުނަރާއި އަދި ހޯދާފައިވާ ކާމިޔާބަށް ބަލައި އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތްލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.

އައިއޯސީން ދީމާއަށް ސްކޮލަޝިޕް ދޭން ނިންމާފައިވަނީ ފާއިތުވި އަހަރުތަކުގައި އޭނާ ހޯދާފައިވާ ކާމިޔާބީތަކާއި ކުރިއެރުމަށް ބަލައިފައެވެ. އަދި ސްކޮލަޝިޕާ އެކު 2024 ގެ އޮގަސްޓް މަހުގެ ނިޔަލަށް އައިއޯސީ އެޕްރޫވްޑް ތަމްރީން ސެންޓަރުތަކުގެ ތެރެއިން ދީމާ ތަމްރީން ހަދަން ބޭނުންވާ ސެންޓަރެއްގައި އޭނާގެ ތަމްރީންތައް ކުރިއަށް ގެންދިޔުމުގެ ފުރުސަތު އައިއޯސީން ފަހިކޮށްދޭނެއެވެ.

ޔޫތު މިނިސްޓްރީން ފަހިކޮށްދިން ފުރުސަތެއްގައި މިވަގުތު ތައިލެންޑްގައި ދީމާ އަންނަނީ ތަމްރީން ހަދަމުންނެވެ. މި ތަމްރީނަށް މިހާރު ތިން މަސްވެފައި ވާއިރު، އަންނަ މަހު މާލޭގައި އޮންނަ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޓޭޓް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް އެ މުބާރާތުގެ 10 ދުވަސް ކުރިން ދީމާ މާލެ އަންނާނެއެވެ.

ދީމާ ވަނީ 2019 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން ތިން ރަން މެޑަލް ރާއްޖެއަށް ހޯދައިދީފައެވެ. އޭގެ އިތުރުން ދީމާ ވަނީ ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތައް ކޮލިފައިވެފައެވެ.

އުމުރުން 14 އަހަރުގެ ދީމާ އަކީ ޒުވާން އުމުރުގައި ރާއްޖޭގައި އެންމެ ކާމިޔާބު އެތުލީޓެވެ. ދީމާ ވަނީ ދުނިޔޭގެ ޖޫނިއާ ރޭންކިންގެ އަށްވަނަ އަށް ވެސް މީގެކުރިން އަރާފައެވެ. ދީމާ އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން ރަނގަޅަށް ހިފައި ތާރީހީ ކާމިޔާބީތަކެއް ހާސިލްކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދެމުންނެވެ.

comment ކޮމެންޓް