ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، "ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަން ޝިޕް 2022"ގައި ބައިވެރިވާ ރާއްޖޭގެ ޓޭބަލް ޓެނިސް އަންހެން އަދި ފިރިހެން ޓީމާ ބައްދަލުކުރައްވައި ހިތްވަރު ދެއްވައިފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި ފިރިހެން ޓީމަށް މަރުޙަބާ ވިދާޅުވެ މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

ރައީސް ޤައުމީ ޓީޓީ ޓީމާ ބައްދަލު ކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް
މީގެ އިތުރުން ޓީޓީ އަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސްގެ މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީޓީ ޓީމުގެ ޖާޒީއެއް ވަނީ އެމަނިކުފާނަށް ވެދުމަށް އަރުވާފައެވެ.

ޤައުމީ ޓީޓީ ޓީމުގެ ޖާޒީއެއް ރައީސްއަށް ވެދުމަށް އަރުވަނީ -- ފޮޓޯ/ ރައީސް އޮފީސް
ދެކުނު އޭޝިއާ ސަރަޙައްދުގެ ހަތް ޤައުމެއްގެ ޖޫނިއާ އެތުލީޓުން ބައިވެރިވާ، މި ޓީޓީ މުބާރާތް ކުރިޔަށްދާނީ ކުރިއަށް އޮތް މެއި މަހުގެ ނުވައަކުން 12އަށް ރާއްޖޭގައެވެ.
މުބާރާތުގައި އެތުލީޓުން ބައިވެރިވާ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން،ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ.