ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަލިފާން ރޯކުރުމުގެ ޒިންމާ، އޭގެ އެއް ދުވަސް ކުރިން ވެރިކަމުން އިސްތިއުފާ ދެއްވި ރައީސް މުހައްމަދު ނަޝީދު ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ސިލްސިލާ ގޮތެއްގައި މާލެ ތެރޭގައި ކުރިއަށް ގެންދިޔަ މުޒާހަރާތައް ހޫނުވެ ސިފައިންނާ ފުލުހުން މަގުމައްޗަށް ނިކުމެ އިހްތިޖާޖު ކުރަން ފެށުމާ އެކު ހަތެއް ފެބްރުއަރީ, 2012 ގައި ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވިއެވެ. އަދި ޖެހިގެން އައި ދުވަހު އެމަނިކުފާނު ވިދާޅުވީ އިސްތިއުފާ ދެއްވީ މަޖުބޫރީ ހާލަތުގައި ކަމަށެވެ.
އެއަށްފަހު ސަޕޯޓަރުންނާ އެކު މަގުމައްޗަށް ނިކުމެވަޑައިގެން، ބޮޑު އެއްވުމެއް ބޭއްވިއެވެ. އެއްވުން ނިމެގެން ދިޔައީ ބޮޑު ހަމަނުޖެހުންތަކަކާއި ހުޅުޖެހުމުގެ އެތައް ހާދިސާއެއް ހިނގުމައްފަހުގައެވެ.
އަށެއް ފެބްރުއަރީގައި ލިބިފައިވަނީ އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއްކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ, ގެއްލުން ހިސާބު ކުރާ ނަމަ 500 މިލިއަން ރުފިޔާއާ ގާތް ކުރާނެ ކަމަށެވެ.
"ވެހިކަލްތަކާ އިމާރާތްތަކާ މިތަންތަނަށް ގެއްލުން ލިބިގެން ދިޔަ," ޖަމީލް ވިދާޅުވިއެވެ.
ހުޅުޖަހައިދިން ގެއްލުން ގާތްގަޑަކަށް 500 މިލިއަނަށް އަރާ. ނިޒާމް ގާއިމްކުރަން ހޯމް މިނިސްޓްރީން ބުރަ މަސައްކަތްތަކެއް ކުރަންޖެހުނު. ރައީސް ނަޝީދަކީ އެއިރުވެސް އަދި މިހާރުވެސް ޝަރުޢީ ނިޒާމަށް އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިކުރި އަދި ކުރާ ފަރާތް. pic.twitter.com/72WBNFVg1P
— Mohamed Jameel Ahmed (@MJameelAhmed) February 8, 2022
އަލިފާނުގެ ސަބަބުން މުހިންމު ލިޔެކިޔުންތަކެއް އަނދާ ހުލިވެގެންދިޔަކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ, ކޯޓުތަކުގައި ހުރި މުހިންމު ގަޒިއްޔާތަކާ ވަރި ކައިވެނީގެ ސެޓްފިކެޓްތައް އަނދައިގެން ގޮސްފައިވާ ކަމަށެވެ. އެއީ އިޔާދަ ނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ކަމަށް ޖަމީލް ވިދާޅުވިއެވެ.
"އޭގެ ޒާތަށް ދަންނަވާ ކަމުގައިވަނީ ނަމަ ކަނޑައެޅިގެން އެމްޑީޕީން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ. ހާއްސަކޮށް ރައީސް ނަޝީދު އެކަމުގެ ޒިންމާ ނަންގަވަން ޖެހޭނެ," ޖަމީލް ވިދާޅުވިއެވެ.
ޑިމޮކްރެސީއެއްގައި ލީޑަރުންގެ އަތުން ދޫވެގެން ހިނގާފައި ހުންނަ ކަންތައްތަކަށް މައާފަށް އެދުމަކީ އޮންނަ ރީތި ސިފައެއްކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ, އެމްޑީޕީއަށް ކުރިއަށް ދެވެން އޮތީ އެކަމަށް މައާފަށް އެދިގެން ކަމަށެވެ.
"އެހެންވީމަ ރައްޔިތުންގެ ކިބައިން އެމްޑީޕީ އެކަމަށް މައާފަށް އެދެން ޖެހޭނެ," ޖަމީލް ވިދާޅުވިއެވެ.
ހަތެއް ފެބްރުއަރީގެ ހާދިސާ ކުރިމަތިވާން ޖެހުނު ގޮތުގެ ހަނދާން އާ ކުރައްވަމުން ޖަމީލް ވިދާޅުވީ, އެކަމުގެ ފެށުމަކީ 'ރޫލް އޮފް ލޯ' އަށް ތަބާނުވުމަށް ރައީސް ނަޝީދު ކުރެއްވި މަސައްކަތް ކަމަށެވެ.
"އިސްތިއުފާ ދެއްވީ ވެސް ހަގީގަތުގައި ރޫލް އޮފް ލޯގެ ބޭރުން އުޅެން ހަނދައިގެން," ޖަމީލް ވިދާޅުވިއެވެ.