އަފްހަމްގެ މަރު: ކަން ހިނގި ގޮތް އޮޅުންފިލުވުމަށް ފުލުހުންގެ ޓީމެއް ލަންކާއަށް

ގެއްލިގެން ހޯދަމުން ދަނިކޮށް ޒަހަމްތަކަކާ އެކު މަރުވެފައި އޮތްވާ ފެނުނު އަފްހަމް ނަސީރު ----

ސްރީލަންކާގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާގެ މަރުގެ މައްސަލައިގައި ކަން ހިނގި ގޮތް އޮޅުންފިލުވުމަށް ފުލުހުންގެ ޓީމެއް ލަންކާއަށް ދިއުމަށް ނިންމައިފިއެވެ.

ޒަހަމްތަކަކާއެކު، މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ ދ. މީދޫ، މާކޯނި، އަފްހަމް ނަސީރެވެ.

ފުލުހުން ބުނީ, ލަންކާގައި ދިވެއްސަކު މަރާލާފައިވާ މައްސަލައާ ގުޅިގެން، އެ މައްސަލާގައި ކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށާއި، އާއިލާއަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ބަލައި އެ ކަންކަން ކުރުމަށްޓަކައި ފުލުހުންގެ ޓީމެއް މިއަދު އެގައުމަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ފުލުހުން އިއްޔެ ބުނީ ލަންކާގައި ދިވެހި ފިރިހެނަކު މަރައިލައިފައި އޮއްވާ ފެނިފައިވާކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމުގައި ފުލުހުން ބުންޏެވެ.

އޭނާގެ ހަށިގަނޑު ފެނިފައިވާ ކަން ލަންކާގެ ފުލުހުން ކަށަވަރު ކޮށްދީފައިވާ ކަމަށް އަފްހަމްގެ އާއިލާގެ ފަރާތުން 'ސަން'އާ ވާހަކަ ދެއްކި މީހަކު ވަނީ ބުނެފައެވެ.

"އަޅުގަނޑު ކައިރީގައި ލަންކާ އިންޓެލިޖެންސްގެ ފުލުހުން ބުނީ އޭނަ އަތުގަ ވަޅިއެއް އޮތޭ ދެން ކަރުގައި ހުރީ ވަޅި އަޅާފައޭ," އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ކިޔައިދިނެވެ.

އަފްހަމްއާ އެންމެ ފަހުން ލަންކާ އިން ބައްދަލުވި މީހާއަށް މަރުވެފައިވާ މީހާގެ ހަށިގަނޑު ދެއްކުމަށްފަހު އެއީ އޭނާގެ ހަށިގަނޑުކަން ވަނީ ޔަގީން ކޮށްފައި ކަމަށް އޭނާ ކިޔައިދިނެވެ.

comment ކޮމެންޓް