އެފްރިކާގެ އިއްތިހާދުން އިސްރާއީލު މާޔޫސް ކޮށްލައިފި

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ނަފްތާލީ ބެނެޓް

އެޑިސް އަބާބާ (07 ފެބްރުއަރީ 2022) : އެފްރިކާގެ އެއްބައިވަންތަކަމާ ބެހޭ ސަރަހައްދީ ޖަމްއިއްޔާ (އެފްރިކާގެ އިއްތިޙާދު) ގެ އޮބްޒާވަރެއްގެ ހައިސިއްޔަތު އިސްރާއީލަށް ދިނުމުގެ ކަންތައް އަލުން ބަލައި މުރާޖައާކުރުމަށް އެއިއްތިޙާދުގެ ސަމިޓުން ނިންމައިފިއެވެ.

އިތިއޮޕިއާގެ ވެރިރަށް އެޑިސްއަބާބާގައި ދެދުވަހުގެ މުއްދަތަށް ބޭއްވި އެފްރިކާގެ އިއްތިޙާދު ގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓުން ނިންމީ އިސްރާއީލަކީ ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަނެ އިސްތިއުމާރުކޮށް ފަލަސްތީނު ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ އިސްތިއުމާރީ ބާރަކަށްވާތީ އެފްރިކާގެ އިއްތިޙާދުގައި އޮބްޒާވަރެއްގެ ހައިސިއްޔަތު އިސްރާއީލަށް ދިނުމުގެ ކަންތަކުގައި ދެވަނަ ވިސްނުމަކަށް ދިޔުމަށެވެ.

އެފްރިކާގެ އިއްތިޙާދުގައި އޮބްޒާވަރެއްގެ ހައިސިއްޔަތު ހޯދުމަށް ހުށަހަޅައިގެން އެކަމަށް އިސްރާއީލު މަސައްކަތް ކުރަމުން ގެންދާތާ އަހަރުތަކެއް ވެއްޖެއެވެ. މިކަމަށް އިސްރާއީލު މަސައްކަތްކުރަނީ އެފްރިކާގެ ގައުމުތަކާ ވަކިވަކިން މުއާމަލާތްކޮށް އެގައުމުތަކަށް ބައެއް ފަންނީ އެހީތައް ދީގެންނެވެ. ބޭނުމަކީ ފަލަސްތީނު މައްސަލާގައި އެއްވެސް ދުލެއްނުދީ އަދި އިސްރާއީލު ބޭނުންވާ އިސްތިއުމާރީ މަގްސަދުތައް ހާސިލްވާގޮތަށް އެފްރިކާގެ އިއްތިޙާދާ ގުޅުންތައް ގާއިމްކޮށް ދުނިޔޭގައި އިސްރާއީލު އެކަހެރިކޮށްފައި އޮންނަ އޮތުމުން ސަލާމަތްވުމެވެ.

އެފްރިކާގެ އިއްތިޙާދުގެ ސަމިޓް

އެފްރިކާގެ އިއްތިޙާދު ސަމިޓްގެ އެޖެންޑާގައި ހިމެނުނު މައިގަނޑު ކަންތައްތަކުގެ ތެރޭގައި އެ އިއްތިޙާދު ގެ އޮބްޒާވަރެއްގެ ހައިސިއްޔަތު އިސްރާއީލަށް ދިނުމުގެ ކަންތައް އަލުން ބެލުމުގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ގުޅިގެން މަސައްކަތްކުރާނެ އެކޭނިޒަމެއް އެކަށައެޅުމާއި އެފްރިކާގެ އެތައް ގައުމެއްގައި އަސްކަރީ ބަޣާވާތްތައް ގެނެސް ވެރިކަން ފޮރޮޅާމުގެ މައްސަލަ އިންތިހާއަށް ބޮޑުވަމުންދާތީ އެކަމާ ކުރިމަތިލާނެ ގޮތްތަކެއް ކަނޑައެޅުން ހިމެނެއެވެ.

އިސްރާއީލަށް އޮބްޒާވަރުކަން ދިނުމަށް އެފްރިކާގެ އިއްތިޙާދުގެ ސެކްރެޓަރީ ޖެނެރަލް މޫސާ ފައްކީ މިދިޔައަހަރު ނިންމަވާފައިވަނީ އެއިއްތިހާދުގެ މެންބަރު ގައުމުތަކުގެ މަޝްވަރާއާ ނުލައެވެ. އެހެންކަމުން އެފްރިކާގެ ގިނަ ގައުމުތަކެއްވަނީ އެކަމާ ދެކޮޅުހަދައި އެމައްސަލަ އަލުން މުރާޖައާކުރުމަށް މިދިޔަ އަހަރު އެދިފައެވެ. މިކަމުގައި އިސްރާއީލާ ދެކޮޅަށް މަސައްކަތްކުރާ ގައުމުތަކުގެ ތެރޭގައި އިސްކޮށް އުޅެނީ ދެކުނު އެފްރިކާއާއި އަލްޖަޒާއިރު އަދި ނައިޖީރިއާއާއި ޒިންބާބުވޭ އަދި ނެމީބިއާއެވެ.

އިސްރާއީލާ އެއްކޮޅަށް މަސައްކަތްކުރަނީ އަރަބި ގައުމެއްކަމަށްވާ މަޣްރިބް ގެ އިތުރުން ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯއެވެ. މި ދެ ގައުމަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިއުމާރަށް ބެލުމެއްނެތި އިސްރާއީލާ ގުޅުންތައް ގާއިމްކޮށްފައިވާ ދެގައުމެވެ.

އެފްރިކާގެ އިއްތިހާދުގެ ޗާޓަރު ބުނާގޮތުން ގައުމުތައް އަޅުވެތިކޮށް އަނިޔާވެރި އިސްތިއުމާރީ ރޯލު އަދާކުރާ ގައުމުތަކަށް އެއިއްތިޙާދުގެ އޮބްޒާވަރުގެ ހައސިއްޔަތެއް ނުދެވޭނެއެވެ. އެފްރިކާގެ ގިނަ ގައުމުތަކަކީ ފަލަސްތީނުން އިއުލާންކޮށްފައިވާ މިނިވަން ދައުލަތަށް އިއުތިރާފްވެ އަދި އިސްރާއީލާ ގުޅުންތައް ކަނޑާލާފައިވާ ގައުމުތަކެކެވެ.

އިސްރާއީލާ ގުޅުންތައް ގާއިމްކުރުމުގެ ޝަރުތަކީ އިސްރާއީލުން ފަލަސްތީނަށް ވެރިވެގަނެގެން ހިންގާ އިސްތިއުމާރީ އަނިޔާވެރި އަމަލުތަކާއި އުދުވާނީ އަމަލުތައް ހުއްޓާލައި އެހެންގައުމުތައް ފަދަ ސުލްހަވެރި ގައުމަކަށް އިސްރާއީލު ވުންކަމަށް އެފްރިކާގެ ގިނަ ގައުމުތައް ދެކެއެވެ.

އިސްރާއީލަށް އޮބްޒާވަރުކަން ދިނުމުގެ މައްސަލާގައި އެފްރިކާގެ ސަމިޓްގައި ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު އެފްރިކާގެ ލީޑަރުން ނިންމެވީ މިމައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ފަންނީ ޚާއްސަ ކޮމިޓީއަކަށް ފޮނުވުމަށެވެ. އަދި މިކަމުގައި ގޮތެއް ނިންމާނީ އެކޮމިޓީން ނިންމާގޮތެއް ދެން ބާއްވާ ސަމިޓަކަށް ހުށަހަޅައިގެން ކަމުގައެވެ. އެފްރިކާގެ އިއްތިޙާދުންވަނީ ވަރަށް ކުރިން އޮބްޒާވަރެއްގެ މަގާމު ފަލަސްތީނަށް ދީފައެވެ. އެފްރިކާގެ އިއްތިޙާދުގެ ނިންމުމާމެދު އިސްރާއީލުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް