ޕީޕީއެމް ބަލިވީ ފަތުހީއަށް ކެމްޕޭން ނުކޮށް އިންޑިއާ އައުޓް ކެމްޕޭން ކުރުމުން: ޝިފާއު

އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު -- ފޮޓޯ/ މަޖިލިސް

ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަނުން ޕީޕީއެމް ބަލިވީ އެ ޕާޓީގެ ކެންޑިޑޭޓު މޫސާ ފަތުހީ އާދަމަށް ކެމްޕޭން ކުރުމުގެ ބަދަލުގައި އިންޑިއާ އައުޓް ކެމްޕޭން ކުރުމުންކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.

"ސަން"އަށް ދިން އިންޓަވިއުއެއްގައި ޝިފާއު ވިދާޅުވީ ވާދަވެރި ސިޔާސީ ބައިވެރިއަކަށްވެ ރަނގަޅު ކެމްޕޭނެއް ކުރިނަމަ ޕީޕީއެމްއަށް ވެސް އިންތިހާބު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތްކަމަށެވެ.

"އާދެ. އެބޭފުޅުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ކުރެއްވިނަމަ ފަހަރުގައި މޮޅުވީސް ކަންނޭންގެ. އެކަމަކު އެބޭފުޅުން ފަތުހީއަށް ކެމްޕޭން ނުކޮށް އުޅުއްވީ އެެހެން ކެމްޕޭނެއް ކުރައްވަން،" ޝިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ބޭއްވި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަކީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ވާދަވެރި އެންމެ ދެފުށް ފެންނަ އިންތިހާބުކަމަށެވެ. ނަމަވެސް ހިތާމަޔަކީ މިހާރު ރާއްޖޭގެ ސިޔާސީ މާހައުލުގައި ވާދެވެރި ސިޔާސީ ބައިވެރިއެއް ނެތުމުންކަމަށް ވެސް ޝިފާއު ވިދާޅުވިއެވެ.

ޝިފާއު ވިދާޅުވީ މި އިންތިހާބުން ލިބުނު ކާމިޔާބީއަކީ އެމްޑީޕީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށެވެ. ނަތީޖާ ލިބުމާ ހަމައަށް ވެސް ފަރަގު މިހާ ބޮޑުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އިންތިހާބު ދިޔައީ ވަރަށް ވާދަވެރިކޮށް. މިވަރަށް ވެސް ފަރަގު އައިސްދާނެކަމަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން،" ޝިފާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ޝިފާއު ވިދާޅުވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ޖައްސަވާ ހިސާބަށް މިހާރު އެމްޑީޕީން ފާރަވެރިވާކަމަށެވެ. އަދުރޭ ޖައްސަވާ ކޮންމެ ހިސާބެއްވެސް އިދިކޮޅަށް އެނބުރޭނެކަން ޔަގީންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހެން ޝިފާއު ވިދާޅުވީ ރޭ ޕީޕީއެމް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި އަދުރޭ ދެއްކެވި ވާހަކައަށް ރައްދުދެއްވުމުގެ ގޮތުންނެވެ. ޖަލްސާގައި އަދުރޭ ވިދާޅުވީ ޕީޕީއެމްއިން ހިސާބު ޖެހީ އަންނަ ރިޔާސީ އިންތިހާބަށް ކަމަށާއި އެ ހިސާބުން ޕީޕީއެމް އެއިންތިހާބު ކާމިޔާބު ކުރާނެކަން ކަށަވަރުވެއްޖެކަމަށެވެ.

މީގެ އިތުރުން އަދުރޭ ވިދާޅުވީ މި ބައި އިލެކްޝަނުން ޕީޕީއެމް އޮތް ހިސާބު މިހާރު ވަޒަން ކުރެވިއްޖެކަމަށެވެ.

އަދުރޭ ވިދާޅުވީ ޕީޕީއެމްއިން ކުރިއަށްގެންދާ އިންޑިއާ އައުޓް ހަރަކާތްވެސް ނުހުއްޓުވޭނެ ކަމަށާއި، އެ ޕާޓީ ފަހަތަކަށް ވެސް ނުޖެއްސޭނެ ކަމަށެވެ. އެ ޕާޓީއަކީ ވެއްޓުނީމަ ތެދުވަން އެނގޭ ޕާޓީއެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް